Roadha Mihaaru
އެމްއައިޓީޑީސީގެ އެކައުންޓްތައް ފްރީޒްކޮށްފި

ފައިސާ ނުދައްކާތީ އެމްއައިޓީޑީސީގެ އެކައުންޓް ފްރީޒްކޮށް، ޑިރެކްޓަރުންގެ ޕާސްޕޯޓު ހިފަހައްޓައިފި

11 ފެބުރުއަރީ 2020

މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން ކުރިއަށް ގެންދާ ލ. ބަރެސްދޫ މަޝްރޫއަށް އެކި ފަރާތްތަކުގެ އަތުން ނެގި ފައިސާ ހުކުމާ އެއްގޮތަށް ނުދައްކާތީ، އެ ކުންފުނީގެ އެކައުންޓުތައް ފްރީޒްކޮށް، ޑިރެކްޓަރުންގެ ޕާސްޕޯޓު ހިފަހައްޓައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން ކުރިއަށް ގެންދާ ލ. ބަރެސްދޫ މަޝްރޫއަށް އެކި ފަރާތްތަކުގެ އަތުން ނެގި ފައިސާ ހުކުމާ އެއްގޮތަށް ނުދައްކާތީ، އެ ކުންފުނީގެ އެކައުންޓުތައް ފްރީޒްކޮށް، ޑިރެކްޓަރުންގެ ޕާސްޕޯޓު ހިފަހައްޓައިފި އެވެ.

ބަރެސްދޫ އިންޓަގްރޭޓެޑް ޓޫރިޒަމް މަޝްރޫއުގެ ދަށުން ތަންތަން ގަތުމަށް ގިނަ ފަރާތްތަކަކުން އޮތީީ ފައިސާ ދައްކައިފަ އެވެ. ބުކިން ފީގެ ގޮތުގައި 3.5 މިލިއަން ޑޮލަރު ލިބުނަސް، މަޝްރޫއު ކުރިއަށް ނުގެންދާތީ، އެ ފައިސާ އަނބުރާ ހޯދަން ގިނަ ފަރާތްތަކުން މަސައްކަތް ކުރަމުންދާ ކަމަށް އެމްއައިޓީޑީސީން ކުރިން ބުނެފައި ވެ އެވެ. އޭގެ ތެރެއިން ބައެއް ފަރާތްތަކަށް ފައިސާ އަނބުރާ ވަނީ ދައްކައިފަ އެވެ.

އެމްއައިޓީޑީސީގެ އެކައުންޓްތައް ފްރީޒްކޮށް، ޑިރެކްޓަރުންގެ ޕާސްޕޯޓު ހިފަހައްޓަން ސިވިލް ކޯޓުން މިދިޔަ މަހު އަމުރުކުރީ ބުކިން ފައިސާ އަނބުރާ ދައްކަން ކޮށްފައިވާ ހުކުމާ އެއްގޮތަށް އެ ކުންފުނިން ފައިސާ ދައްކަމުން ނުދާތީ ކަމަށް އެނގިފައިވެ އެވެ.

ހުކުމާ އެއްގޮތަށް އެމްއައިޓީޑީސީން ފައިސާ ނުދައްކައިގެން ތިން މައްސަލައެއް ކޯޓުގައި ހިނގަމުންދާ ކަމަށް އެނގިފައިވެ އެވެ. އެކަމަކު، އެކައުންޓްތައް ފްރީޒްކޮށް، ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރެއް ނެރުނީ އޭގެ ތެރެއިން ކޮން މައްސަލައަކާ ގުޅިގެން ކަމެއް ސާފެއް ނުވެ އެވެ.

އެމްއައިޓީޑީސީގެ ޑިރެކްޓަރުންގެ ބޯޑުގައި ތިއްބަވަނީ ފަސް ބޭފުޅެކެވެ. އެއީ ޗެއާމަން އަބްދުﷲ ނަސީރު މުހައްމަދާއި މެނޭޖިން ޑިރެކްޓަރު މުހައްމަދު ރާއިދުގެ އިތުރުން ސިމާނާ އިސްމާއިލް އާއި މޫސާ މުސްތަފާ އަދި އަލީ ނަބީލް އެވެ.

އިންޓަގްރޭޓެޑް ޓޫރިޒަމް ތަރައްގީ ކުރަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އުފެއްދި އެމްއައިޓީޑީސީން ހަވާލުވި ބަރެސްދޫ މަޝްރޫއަށް ލިބުނު ފައިސާގެ ތެރެއިން ބައެއް ފައިސާ ،އޭރު ވެރިކަން ކުރި ޕީޕީއެމްއަށް ޚަރަދުކުރި ކަމަށް އެ ކުންފުނިން ކުރިން ބުނެފައިވެ އެވެ. އެ މައްސަލަތައް އެންޓި ކޮޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް ދަނީ ބަލަމުންނެވެ.