Roadha Mihaaru
ސީދާ މަޖިލީހުން ނިޒާމީ ވޯޓަށް އެހޭނެ: ނަޝީދު

ނަޝީދު ވިދާޅުވީ ސީދާ މަޖިލީހުން ނިޒާމީ ވޯޓަށް އެހޭނެ ކަމަށް، ގަރާރު ފާސްކުރަން ޖަލްސާ ނުނިންމާނެ

19 ސެޕްޓެމްބަރ 2023

ރައްޔިތުންނާ ގުޅުންހުރި ކަންކަމުގައި ރައްޔިތުންގެ މަޖިލީހުން ބޭނުންވެއްޖެ ނަމަ ރައްޔިތުންގެ ހިޔާލު ހޯދުމަށް އާންމު ވޯޓެއް މަޖިލީހަށް ނެގޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

ރައްޔިތުންނާ ގުޅުންހުރި ކަންކަމުގައި ރައްޔިތުންގެ މަޖިލީހުން ބޭނުންވެއްޖެ ނަމަ ރައްޔިތުންގެ ހިޔާލު ހޯދުމަށް އާންމު ވޯޓެއް މަޖިލީހަށް ނެގޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ވެރިކަން ކުރުމުގެ ނިޒާމު ބަދަލުކުރަން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ގޮވާލައި ހުޅުދޫ ދާއިރާގެ ޑިމޮކްރެޓްސްގެ މެމްބަރު އިލްޔާސް ލަބީބް ހުށަހަޅުއްވާފައިވާ ގަރާރަށް ފުރުސަތު ދެއްވުމުގެ ކުރިން ރިޔާސަތުން ނަޝީދު ވިދާޅުވީ ގާނޫނުއަސާސީގެ ދަށުން ގާނޫނު ހެދުމުގެ ބާރުގެ ތެރެއިން ރައްޔިތުންގެ ހިޔާލު ހޯދަން ޖެހޭ ހާލަތްތަކުގައި އާންމު ވޯޓެއް ނެގުމުގެ ބާރު މަޖިލީހަށް ލިބިގެންވާ ކަމަށެވެ.

އަދި ވަކި ކަމެއް ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި ނަމަ ދެން އެކަމުގައި އަމަލުކުރަންޖެހޭނެ ގޮތަކީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށްޓަކައި އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހެޅުން ކަމަށް ނަޝީދު ވިދާޅުވި އެވެ.

"...އެއީކީ އެއްވެސް ހާލެއްގައި ރައީސުލްޖުމްހޫރިއްޔާގެ ދައުރެއް އޮތް ކަމެއް ނޫން،" ގަރާރު ފާސްކޮށް އާންމު ވޯޓެއް ނަގަން އީސީއަށް އެންގުމުން އެކަން ކުރުން އެ ކޮމިޝަނުގެ މައްޗަށް ލާޒިމުވާނެކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވި އެވެ.

އޭގެ ފަހުން ނަޝީދު ވަނީ ހާއްސަ މަޖިލީހުގެ 93 ވަނަ ޖަލްސާގައި އާންމު ވޯޓެއް ނެގުމަށް އޭރު ފާސްކޮށްފައިވާ ލިޔުމެއް ވެސް މެމްބަރުންގެ ސަމާލުކަމަށް ގެންނަވައިފަ އެވެ. އަދި އޭރު އެގޮތަށް ނިންމި އިރު، އިލެކްޝަންސް ކޮމިޝަނެއް ނެތް ކަން ވެސް އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.

ގަރާރު ހުށަހެޅުމުގެ ފުރުސަތު އިލްޔާސް ލަބީބަށް ދެއްވުމުގެ ކުރިން ނަޝީދު ވިދާޅުވީ މި ގަރާރުގެ ބަހުސް ނިންމައި ވޯޓާ ހަމައަށް ގެންދެވެންދެން މިއަދުގެ ޖަލްސާ ނުނިންމައި ކުރިއަށް ގެންދަވާނެ ކަމަށެވެ.

އެއީ އެމަނިކުފާނު ވިދާޅުވި ގޮތުގައި، މަޖިލީހުގެ ކޮންޓްރޯލް އޮންނަ އެމްޑީޕީން ޖަލްސާތައް ބޮއިކޮޓުކޮށް މަޖިލީހުގެ މަސައްކަތްތައް ހުއްޓުވަން މަސައްކަތް ކުރައްވާތީ އެވެ. ނަޝީދު އިޝާރާތް ކުރެއްވީ ކޯރަމް ހަމަނުވެގެން އިއްޔެގެ ޖަލްސާ ނުބޭއްވި، އަދި މިއަދުގެ ޖަލްސާ ފެށުން ލަސްވުމަށެވެ.

އެއަށް ފަހު، އިލްޔާސް ގަރާރު ހުށަހެޅުއްވީ އިސްލާހަކާ އެކު އެވެ. އެ އިސްލާހުގައި ވަނީ އަންނަ އޮކްޓޯބަރު 30 ގެ ކުރިން ނިޒާމީ ވޯޓު ނެގުމަށް ހިމަނުއްވައިފަ އެވެ.