Roadha Mihaaru
ނަޝީދު ދިރިއުޅުން ބަދަލުކުރެއްވީ މަޖިލީހަށް ނާންގަވާ!

ނަޝީދު ރާއްޖެ އިން ބޭރަށް ދިރިއުޅުން ބަދަލުކުރެއްވީ މަޖިލީހަށް ވަކި އެއްޗެއް ނާންގަވާ!

31 ޖެނުއަރީ 2024

މައްޗަންގޮޅި މެދު ދާއިރާ ތަމްސީލްކުރައްވާ، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ރާއްޖެއިން ބޭރަށް ދިރިއުޅުން ބަދަލުކުރެއްވިއިރު، އެ މަނިކުފާނު މަޖިލީހުގައި އަދާކުރައްވަން ޖެހިވަޑައިގަންނަވާ ޒިންމާއާ ގުޅޭ ގޮތުން މަޖިލީހަށް ވަކި އެއްޗެއް އަންގަވާފައި ނުވާ ކަމަށް އެ އިދާރާ އިން މިއަދު ބުނެފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

މައްޗަންގޮޅި މެދު ދާއިރާ ތަމްސީލްކުރައްވާ، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ރާއްޖެއިން ބޭރަށް ދިރިއުޅުން ބަދަލުކުރެއްވިއިރު، އެ މަނިކުފާނު މަޖިލީހުގައި އަދާކުރައްވަން ޖެހިވަޑައިގަންނަވާ ޒިންމާއާ ގުޅޭ ގޮތުން މަޖިލީހަށް ވަކި އެއްޗެއް އަންގަވާފައި ނުވާ ކަމަށް އެ އިދާރާ އިން މިއަދު ބުނެފި އެވެ.

ސިޔާސީ ކަންކަމާ ދުރަށް ވަޑައިގަތްކަން އިއުލާން ކުރެއްވުމަށް ފަހު ނަޝީދު ވަނީ ދިރިއުޅުން ގާނާއަށް ބަދަލުކުރައްވައިފަ އެވެ. އެމަނިކުފާނު ގާނާ އަށް ވަޑައިގަތީ ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް) ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމާ ހަވާލުވެވަޑައިގަތުމަށެވެ.

ރާއްޖޭގެ ރައީސްކަން ވެސް ކުރެއްވި ނަޝީދު ރާއްޖެ އިން ވަޑައިގަތްއިރު، މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުން ދާއިރާ ތަމްސީލް ކުރައްވަން އަދި ތިން މަސް އެބައޮތެވެ.

ގާނާގެ ސިޓީއެއް ކަމަށްވާ އަކްރާ އަށް ވަޑައިގަތުމަށް ފަހު، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު އިއްޔެ ވިދާޅުވީ ކުރިއަށް އޮތް ދެ ތިން އަހަރަށް އެ ސިޓީއަކީ އެ މަނިކުފާނުގެ ގެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ހަސަން ޒިޔާއު "މިހާރު" އަށް ވިދާޅުވީ ނަޝީދު ވަކި އެއްޗެއް މަޖިލީހަށް އަންގަވާފައި ނުވާ ކަމަށެވެ. މަޖިލީހުގެ ދައުރުގެ ބާކީ އޮތް ދުވަސްތަކަށް ޗުއްޓީ ވެސް ނުނަންގަވަ އެވެ. އެހެންކަމުން، މަޖިލިސް މެމްބަރެއްގެ މުސާރަ އާއި އިނާޔަތްތައް ލިބިވަޑައިގަންނަވާނެ އެވެ.

ނަޝީދަކީ ރާއްޖޭގެ ރައީސްކަން ކުރެއްވި ބޭފުޅަކަށް ވާތީ ގާނޫނުން ކަނޑައަޅާފައި އޮތް އެ އިނާޔަތް ވެސް އެ މަނިކުފާނަށް ލިބިވަޑައިގަންނަވާނެ އެވެ.

ނަޝީދު ސިޔާސީ މަސައްކަތްތަކާ ފެއަށް ޖެހިވަޑައިގަތީ، އެމްޑީޕީން ވަކިވެވަޑައިގެން ޑިމޮކްރެޓްސް އުފައްދަވައި ހިންގެވި ހަރަކާތްތަކާ ގުޅިގެން އިތުބާރު ނެތް ކަމުގެ ވޯޓަކުން މަޖިލީހުގެ ރައީސްގެ މަގާމުން ދުރުކުރަން އެމްޑީޕީން ކުރި މަސައްކަތްތަކަށް ފަހު އެވެ. މަޖިލީހުގައި އެ ވޯޓު ނަގަން ތައްޔާރުވެފައި ވަނިކޮށް އެ މަނިކުފާނު ވަނީ މަޖިލިސް ރައީސްގެ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.

ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ ސެކްރެޓަރީ ޖެނެރަލްގެ ވަޒީފާ އަދާކުރެއްވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު، ގާނާއަށް ދިރިއުޅުން ބަދަލުކުރެއްވިކަން ހާމަކުރައްވައި އާއްމުކުރެއްވި ފޮޓޯއެއް.--

ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ ސެކްރެޓަރީ ޖެނެރަލްގެ ވަޒީފާ އަދާކުރެއްވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު، ގާނާއަށް ދިރިއުޅުން ބަދަލުކުރެއްވިކަން ހާމަކުރައްވައި އާއްމުކުރެއްވި ފޮޓޯއެއް.--

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވި ފަހުން، މަޖިލީހުގެ ވަރަށް މަދު ޖަލްސާތަކެއްގައި ނޫނީ އެ މަނިކުފާނު ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ. އެ ދުވަސްތަކަށް ވެސް ސަލާމް ވިދާޅުވެ ނޫނީ ޗުއްޓީ ވެސް ނަންގަވާފައި ނުވާ ކަން މަޖިލީހުގެ ހާޒިރީ ރިޕޯޓުން އެނގެ އެވެ.

ނަޝީދު ސިޔާސީ ކަންކަމުން ދުރަށް ވަޑައިގަތުމަށް ފަހު، ދުވަސްކޮޅަކަށް އުޅުއްވީ އިނގިރޭސި ވިލާތާއި ސްރީ ލަންކާގަ އެވެ. އެންމެ ފަހުން ރާއްޖެ ވަޑައިގަތީ މާލޭގެ މޭޔަރު އިންތިހާބާ ދިމާކޮށް ޑިމޮކްރެޓްސްގެ ކެންޑިޑޭޓް ސައިފް ފާތިހަށް ތާއިދު ހޯއްދެވުމަށެވެ.

މަޖިލީހުގެ ޖަލްސާތަކަށް މެންބަރުން ވަޑައިނުގަތުމާއި ސަލާމުގައި ތިއްބެވުމާއި އެއްވެސް އެއްޗެއް ނާންގަވައި ޖަލްސާތަކަށް ވަޑައިނުގަތުމަކީ މަޖިލީހުގެ ރައީސަކަށް ހުންނެވިއިރު ނަޝީދު ވަރަށް ބޮޑަށް ފާޑުވިދާޅުވި ކަމެކެވެ. ޖަލްސާތަކަށް ވަޑައިނުގަންނަވާ މެމްބަރުންނާއި ސަލާމުގައި ތިއްބެވި ބޭފުޅުންގެ ނަންތައް ވެސް ރިޔާސަތުގައި އިންނަވައިގެން ނަޝީދު އިއުލާންކުރެއްވި އެވެ.

ނަޝީދު އެންމެ ފަހުން ނެރުއްވި ބަޔާނުގައި ވިދާޅުވީ ރާއްޖޭގެ ރައީސްކަމުގައި އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމު އަދާކުރެއްވުމުގައި ރައްޔިތުންނަށް ވީ ވަރަކުން ހިދުމަތް ކޮށްދެއްވާފައިވާ ކަމަށެވެ. އަަދި ރައީސް ކަމުގެ މަގާމުގައި އެ މަނިކުފާނު އެންމެ ބޮޑަށް މަސައްކަތްޕުޅު ކުރެއްވީ ދިވެހިންނަށް އިޖުތިމާއީ ރައްކާތެރިކަން ހޯދައިދިނުމުގެ ނިޒާމެއް ގާއިމުކުރުމާއި ރާއްޖޭގައި ޓެކްސްގެ ނިޒާމެއް ގާއިމުކުރުމަށް ކަމަށް ވިދާޅުވި އެވެ.

އެ ދެ ކަންތައް ވެސް އެންމެ ފުރިހަމައަށް ކޮށްދެވިފައިވާ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ވިދާޅުވެ އެ ބަޔާނުގައި ނަޝީދު ވަނީ ދައުލަތުގެ ހަރަދަށް ޒިންމާވުމާއި ވެރިންގެ ހިޔާނާތްތެރިކަމުން ރާއްޖެ މިންޖު ކުރުމަށް ކުރި އުއްމީދު އަދި ހަގީގަތަކަށް ބަދަލުނުވާ ކަމުގެ ބޮޑު ހިތާމަ އެބަ އޮތް ކަމަށް ވެސް ވިދާޅުވެފަ އެވެ.

"އަޅުގަނޑުގެ އުއްމީދަކީ ދިވެހި ސަރުކާރާއި ވެރިން ޖަވާބުދާރީކުރުވުމުގެ މަސައްކަތް އަންނާން އޮތް ޖީލުތަކުގެ މީސްތަކުން ކުރުމެވެ،" އެ މަނިކުފާނު ވިދާޅުވި އެވެ.