Roadha Mihaaru
މިއީ ބަރުލާމާނީގެ ބަހުސްކުރަންވީ ވަގުތެއް ނޫން: އާދަމް

މިއީ ބަރުލާމާނީގެ ސައްލާކުރަންވީ ވަގުތެއް ނޫން: އާދަމް ޝަރީފް

19 ސެޕްޓެމްބަރ 2023

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަކަށް ރައްޔިތުން ތައްޔާރުވެފައިވާ ދަނޑިވަޅެއްގައި ވެރިކަމުގެ ނިޒާމް ބަދަލުކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގައި މަޝްވަރާކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަކަށް ރައްޔިތުން ތައްޔާރުވެފައިވާ ދަނޑިވަޅެއްގައި ވެރިކަމުގެ ނިޒާމް ބަދަލުކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގައި މަޝްވަރާކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.

ވެރިކަމުގެ ނިޒާމް ބަދަލުކުރުމަށް އަންނަ މަހުގެ 30 ވަނަ ދުވަހު ފެންނަ ނުފެންނަ ވޯޓަކަށް އެހުމަށް ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވަނީ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފަ އެވެ. އެމްޑީޕީގެ މެންބަރުންގެ ތާއީދާ އެކު އެ ގަރާރު ބަލައިގަނެ މުޅި މަޖިލީހުގެ ކޮމިޓީއަށް މިއަދު ވަނީ ފޮނުވައިފަ އެވެ.

އެކަމާ ގުޅިގެން އާދަމް ޝަރީފް ވިދާޅުވީ ރައްޔިތުން ތައްޔާރުވެގެން ތިބީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަކަށް ކަމަށާއި މި ދޭތެރޭ އެހެން އިންތިހާބެއްގެ ވާހަކަ ދެއްކުމުން އޮޅުންއަރާނެ ކަމަށެވެ. މި ވަގުތަކީ ބަރުލަމާނީ ނިޒާމްގެ ބަހުސަށް ދާންވީ ވަގުތު ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ވަގުތު ވެރިކަމުގެ ނިޒާމްގެ ވާހަކަދައްކާ ކަމަށްވާ ނަމަ ރިޔާސީ އިންތިހާބުގެ ވޯޓަށް އޭގެ އަސަރު ކުރާނެ،" އޭނާ "މިހާރު" އަށް ވިދާޅުވި އެވެ.

އާދަމް ޝަރީފް ވިދާޅުވި ގޮތުގައި، މި ވަގުތު ނިޒާމީ ވޯޓެއްގެ ވާހަކަ ދައްކަން އުޅެނީ ސިޔާސީ އަމިއްލަ ފައިދާއަށެވެ. އެއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކޮންމެހެން ވެސް ޑިމޮކްރެޓްސްގެ ތާއީދު ބޭނުންވެފައި ވުމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ބޮޑުވަޒީރު ކަމުގެ މަގާމު ބޭނުންވެފައިވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

"މަސައްކަތް މި ކުރެވެނީ ދެ ބޭފުޅުން ވެސް ދެ ބޭފުޅުންގެ ސިޔާސީ މަގުސަދުތަކެއް ހާސިލްކުރަން. ރައީސް ސޯލިހު ބޭނުންވެގެން މި އުޅެނީ ކޮންމެ ގޮތެއް ހަދާފައި ވެސް ރައީސް ނަޝީދު ބައްދާލާނެ ފޮޓޯއެއް ހޯދަން. ރައީސް ނަޝީދު އެ މަސައްކަތް ކުރައްވަނީ ކޮންމެ ގޮތަކުން ވެސް ބަރުލަމާނީ ނިޒާމަކަށް ދެވޭނެ ގޮތެއް ހޯދަން،" ޕީއެންސީގެ ނައިބު ރައީސްކަން ވެސް ކުރައްވާ އާދަމް ވިދާޅުވި އެވެ.

"ރައީސް ސޯލިހު އެކަން ބޭނުންވާ ނަމަ މިއޮތް ހުރިހާ ދުވަހު ވެސް އެކަންވީސް."

އާދަމް ޝަރީފް ވިދާޅުވީ އެ ދެ ބޭފުޅުންގެ ސިޔާސީ މަގުސަދަށް މި ވަގުތު މި ކުރާ މަސައްކަތުން އޭގެ އުނދަގޫ ލިބޭނީ ރައްޔިތުންނަށް ކަމަށެވެ. އޭގެ ބަދަލުގައި ރައްޔިތުންނަށް ނޭވާލާނެ ފުރުސަތެއްދީ، އެއީ ކޮންމެހެން ކުރަން ޖެހޭ ކަމެއްކަމަށް ފެންނަ ނަމަ، ރިޔާސީ އިންތިހާބުގެ ފަހުން މަޖިލީހުގައި އެކަމަށް ބަހުސް ކުރެވިދާނެ ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.

ނިޒާމާ ގުޅޭ ގޮތުން އިލްޔާސް ހުށަހެޅުއްވި ގަރާރަށް ޕީޕީއެމް/ޕީއެންސީގެ އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ. ނަމަވެސް، ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވަނީ ނިޒާމީ ވޯޓަކަށް އަހަން މައްސަލައެއް ނެތް ކަމަށް މަޖިލީހުގައި މިއަދު ވިދާޅުވެފަ އެވެ.