Roadha Mihaaru
ކޮމިޓީތައް އެކުލަވާލަން އެމްޑީޕީން ދޫދޭން ބޭނުމެއް ނުވޭ

ކޮމިޓީތައް އެކުލަވާލަން އެމްޑީޕީން ދޫދޭކަށް ބޭނުމެއް ނުވޭ: އިދިކޮޅު

12 ޖޫން 2023

ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާނުލެވި، މަޖިލީހުގެ މަސައްކަތްތައް ހުއްޓިފައިވަނީ މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީން ދޫދޭން ބޭނުންނުވާތީ ކަމަށް ސަރުކާރާ އިދިކޮޅު މެމްބަރުން މިއަދު ތުހުމަތު ކުރައްވައިފި އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާނުލެވި، މަޖިލީހުގެ މަސައްކަތްތައް ހުއްޓިފައިވަނީ މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީން ދޫދޭން ބޭނުންނުވާތީ ކަމަށް ސަރުކާރާ އިދިކޮޅު މެމްބަރުން މިއަދު ތުހުމަތު ކުރައްވައިފި އެވެ.

އެމްޑީޕީގައި ތިއްބެވި 13 މެންބަރަކު އެ ޕާޓީން ވަކިވުމާ ގުޅިގެން މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާލުމުގައި އެއްބަސްވުމަކަށް ނާދެވި، ކޮމިޓީތަކުގެ މަސައްކަތްތައް ހުއްޓިފައި އޮންނަތާ ތިން ހަފްތާއެއްހާ ދުވަސް ވަނީ ވެފަ އެވެ.

އެކަމުގައި މައިގަނޑު ދެބަސްވުމެއް އުފެދިގެން އުޅެނީ އާންމު ކޮމިޓީ އެކުލަވާލުމުގަ އެވެ. އެ އާއެކު މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވަކިކުރަން އެމްޑީޕީން ހުށަހަޅާފައިވާ މައްސަލަ ވެސް އޮތީ ހުއްޓިފަ އެވެ. އެއީ އީވާގެ އިތުބާރު ނެތް މައްސަލަ ކުރިއަށް ގެންދެވޭނީ މަޖިލީހުގެ އާންމު ކޮމިޓީން އެކަމަށްޓަކައި ވަގުތު ކަނޑައެޅުމުންނެވެ.

އީވާ ވަކިކުރުމުގެ މައްސަލާގައި ދޭންޖެހޭ 14 ދުވަހުގެ ނޯޓިސް މިއަދަށް ހަމަވެފައިވީ ނަމަވެސް، އާންމު ކޮމިޓީން ވަގުތު ކަނޑަނާޅާތީ އެ މައްސަލަ މިއަދުގެ ޖަލްސާ އަށް އެޖެންޑާއެއް ނުކުރެ އެވެ. އެކަމާ އެމްޑީޕީ މެމްބަރުން އަޑުގަދަކޮށް، މަޖިލީހުގެ މިއަދުގެ ޖަލްސާ ވަނީ ހުއްޓުވައިފަ އެވެ.

އެއާއެކު، ސަރުކާރާ އިދިކޮޅު ބައެއް ޕާޓީތައް ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ ކޮމިޓީތައް އެކުލަވާލުމުގައި އެމްޑީޕީން ބޭނުންވަނީ މަޖިލީހުގައި އެ ޕާޓީ ތަމްސީލުކުރާ ނިސްބަތް ހުރިހާ ކޮމިޓީތަކުގައި އޮންނަން ކަމަށެވެ.

މިގޮތުން، މަޖިލީހުގައި ތިއްބެވި 56 މެމްބަރުންގެ ނިސްބަތުން ދާއިމީ ކޮމިޓީތަކުން 64 ޕަސަންޓު ލިބޭއިރު، އެއީ ކޮންމެ ކޮމިޓީއަކަށް ކަނޑައެޅޭނެ ނިސްބަތެއް ނޫން ކަމަށް އާޒިމް ވިދާޅުވި އެވެ.

"އެމްޑީޕީން މި ބޭނުންވަނީ ކޮންމެ ކޮމިޓީއެއްގައި އެމްޑީޕީގެ 64 އޮންނަން. އާންމު ކޮމިޓީގަ ވެސް އެމްޑީޕީން ބޭނުންވަނީ އެ ގޮތް. އެއީ އަޅުގަނޑުމެންނަށް [އިދިކޮޅު މެމްބަރުން] އެއްބަސްވެވޭނެ ކަމެއް ނޫން،" އެމްޑީޕީން ވަކިވެ ދަ ޑިމޮކްރެޓްސްގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދުމަށް މަސައްކަތް ކުރައްވާ 13 މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އާޒިމް ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހުސެއިން ވިދާޅުވީ މަޖިލިސް ހިންގުން ހުއްޓުވައިގެން އުޅެނީ ސަރުކާރުން ކަމަށެވެ. އެއީ ތަކެތީގެ އަޑު ބޮޑުވުމާއި ރާއްޖޭގެ ދެކުނުގެ ކަނޑުގެ ސަރަހައްދުން ބައެއް ވިއްކާލައިގެން އުޅޭ ފަދަ މުހިންމު މައްސަލަތަކެއްގައި މަޖިލީހުގެ ތަޅުމުގައި އިދިކޮޅުގެ އަޑު ކަނޑުވާލުމަށް ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

"...މިއީ އިދިކޮޅުގެ އަޑު ކަނޑުވާލުމަށް ރޭވިގެން ސަރުކާރުން ކޮށްގެން އުޅޭ ކަމެއް. ބޭނުންވަނީ މަޖިލިސް ހުއްޓުވާލާފައި ބޭއްވުން. ރައްޔިތުންނަށް އަޑު ނީވޭ ގޮތް ހެދުން،" އަލީ ހުސެއިން ވިދާޅުވި އެވެ.

އޭނާ ވެސް ވިދާޅުވީ ހާއްސަކޮށް އާންމު ކޮމިޓީ އެކުލަވާލުމުގައި އެމްޑީޕީން އެއްވެސް ވަރަކަށް ދޫދޭން ބޭނުން ނުވާ ކަމަށެވެ. އެކަމަށް ދޫނުދީ ކޮމިޓީތައް އެކުލަވާނުލައި ހިފަހައްޓަނީ މަޖިލިސް "ޑެޑްލޮކް"އެއްގައި ބޭއްވުމަށް ކަމަށް ތުހުމަތު ކުރެއްވި އެވެ.

މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ މަޖިލީހުގެ މެޖޯރިޓީ އޮތުމަކީ ޑިމޮކްރެޓިކް ހަމަތަކުގެ ބޭރުން ކަންކަން ކުރުމެއް ނޫން ކަމަށެވެ. އެގޮތުން، ސަރުކާރު މަސްއޫލިއްޔަތު އަދާ ކުރާ ކޮމިޓީގައި ހުސް އެމްޑީޕީ މެމްބަރުން ތިއްބަވަން ބޭނުންވުން، މިސާލެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވި އެވެ.

"...ޕަޕެޓު ތަކެއް ތިއްބަވައިގެން ކިހިނެއްތޯ ސަރުކާރު ޖަވާބުދާރީ ކުރުވޭނީ؟،" ކޮމިޓީތައް އެކުލަވާލުމުގައި އެމްޑީޕީން ދޫދޭންޖެހޭކަން ފާހަގަކުރައްވަމުން އާދަމް ޝަރީފް ވިދާޅުވި އެވެ.

މަޖިލީހުގެ މަސައްކަތް އަލުން ކުރިއަށް ގެންދެވޭނެ ގޮތާމެދު ކުރި ސުވާލަށް ޖަވާބު ދެއްވަމުން އާޒިމް ވިދާޅުވީ މިހާރު އުފެދިގެން އުޅޭ މައްސަލައަށް އޮތީ ސިޔާސީ ހައްލެއް ކަމަށެވެ.

އެ ހައްލު ހޯދަން، ސަރުކާރުން ހުރިހާ ޕާޓީތަކާއެކު މަޝްވަރާކޮށްގެން ދޫދޭންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.