ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ނުދާތީ، އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އަށް ތަދައްހުލްވާން "ދަ ޑިމޮކްރެޓްސް"ގެ ނުވަ މެންބަރުން ވަކިވަކިން ހުށަހެޅި ހުށަހެޅުމަށް ފުރުސަތު ނުދޭން ނިންމައިފި އެވެ.
05 ނޮވެމްބަރ 2023
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ނުދާތީ، އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އަށް ތަދައްހުލްވާން "ދަ ޑިމޮކްރެޓްސް"ގެ ނުވަ މެންބަރުން ވަކިވަކިން ހުށަހެޅި ހުށަހެޅުމަށް ފުރުސަތު ނުދޭން ނިންމައިފި އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ޑިމޮކްރެޓްސް އަށް ނިސްބަތްވާ ނުވަ މެންބަރުން ތަދައްހުލުވާން އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި ނިންމާފައިވަނީ އެ ފުރުސަތު ނުދިނުމަށެވެ. ހަމައެއާ އެކު މި މަހުގެ 17 ވަނަ ދުވަހު ވެރިކަމާ ހަވާލުވާ ޕީއެންސީ/ޕީޕީއެމް އިން މައްސަލަ އަށް ތަދައްހުލްވާން އެދި ހުށަހެޅުން ވަނީ ބަލައިގަނެ، އެކަމަށް ފުރުސަތު ދޭން ނިންމައިފަ އެވެ.
އެމްޑީޕީ ޕީޖީ ލީޑަރު އަލީ އާޒިމް "މިހާރު" އަށް ވިދާޅުވީ ދުސްތޫރީ މައްސަލައަކަށް ވާތީ ތަދައްހުލު ނުވެވޭނެ ކަން ޑިމޮކްރެޓްސްގެ މެންބަރުންނަށް އަންގާފައިވާ ކަމަށެވެ.
އެމްޑީޕީން ހުށަހެޅި މައްސަލައިގެ ޝަރީއަތް މާދަމާ ސުޕްރީމް ކޯޓުގައި ފަށާއިރު ދައުވާ ލިބޭ ރައްޔިތުންގެ މަޖިލިސް ތަމްސީލް ކުރަނީ ބަންޑާރަ ނައިބުގެ އޮފީހުންނެވެ.
މައްސަލާގައި ބަންޑާރަ ނައިބުގެ ފަރާތުން މަޖިލިސް ތަމްސީލް ކުރާއިރު، މި ދުސްތޫރީ މައްސަލައަކީ މަޖިލީހުގެ ނިންމުމާ ދެކޮޅަށް އެމްޑީޕީން ހުށަހަޅާފައިވާ މައްސަލައެކެވެ. އެމްޑީޕީން ގަބޫލުކުރާ ގޮތުގައި މަޖިލީހުގެ އެއްވެސް މަސައްކަތެއް އިތުބާރު ނެތް ކަމުގެ މައްސަލާގައި ގޮތެއް ކަނޑަނާޅާ ކުރިއަށް ނުގެންދެވޭނެ އެވެ.
ގަރާރާ މެދު ގޮތެއް ނުނިންމާ މަޖިލީހުން އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގެ މަސައްކަތް އެޖެންޑާ ކުރުމުން، ބަންޑާރަ ނައިބު ވަނީ އެކަމާ ދެކޮޅަށް ގާނޫނީ ލަފާ ވެސް ނެރުއްވައިފަ އެވެ. އަދި، އެ ލަފާގެ މަތިން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އެ ދުވަހު މަޖިލީހަށް ވަޑައިނުގަންނަވަ އެވެ.
ނަޝީދުގެ އިތުބާރު ނެތް ކަމަށް އެމްޑީޕީގެ 49 މެމްބަރުން ސޮއި ކުރައްވައި ހުށަހެޅި މައްސަލައިގެ ނޯޓިސް މުއްދަތު ހަމަވުމަށް ފަހު މިދިޔަ ހަފްތާގެ އާދީއްތަ ދުވަހުން ފެށިގެން އެހެން ހުރިހާ މަސައްކަތްތައް ހުއްޓާލުމަށް ފަހު އެ މައްސަލަ ކުރިއަށް ގެންދިޔުމަށް މަޖިލީހުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ނަމަވެސް ޑެންގޫ ހުން ޖެހިވަޑައިގެން އާލާސްކަންފުޅާ އުޅުއްވާތީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަނީ ކޮންމެ ޖަލްސާއަކަށް ސަލާން ފޮނުއްވައިފަ އެވެ. މިއަދުގެ ޖަލްސާއަށް ވެސް އެ ގަރާރު އެޖެންޑާކޮށްފައިވަނިކޮށް އީވާ ވަނީ ސަލާން ފޮނުއްވައިފަ އެވެ.
މަޖިލީހުން ގަބޫލުކުރާ ގޮތުގައި މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނީ ހަމައެކަނި ނައިބު ރައީސް ރިޔާސަތުގައި އިންނަވައިގެންނެވެ. އެއީ މަޖިލީހުގެ ގަވައިދުގެ 205 ވަނަ މާއްދާގައި އެގޮތަށް ބަޔާންކޮށްފައިވާތީ އެވެ.
ނަމަވެސް، އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި އެދިފައިވަނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ތާވަލުކުރާ ޖަލްސާ އަށް ނައިބު ރައީސަށް ވަޑައިނުގެންނެވޭ ހާލަތުގައި، މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާ އަށް އަމަލު ކުރަންޖެހޭ ގޮތަށް މާނަކޮށްދިނުމަށެވެ. އެއީ މަޖިލީހުގައި އެންމެ ގިނަ ދުވަހު ހިދުމަތް ކުރެއްވި ފަސް މެންބަރުންގެ ތެރެއިން ބޭފުޅަކު ރިޔާސަތު ބެލެހެއްޓެވުމެވެ.
މީގެއިތުރުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ގޮތެއް ނިންމުމަށް ފަހު ނޫނީ މަޖިލީހުގެ އެހެން އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމަށް މާނަކޮށްދިނުމަށް ވެސް އެމްޑީޕީން ވަނީ ސުޕްރީމް ކޯޓުގައި އެދިފަ އެވެ.
"ގާނޫނުއަސާސީ ބަދަލުކުރުމުގެ ބާރު އޮތީ ރައްޔިތުންނަށް"
މަޖިލީހުގެ މައްސަލަ ކޯޓަށް ބެލިދާނެ ކަމާ މެދު ބަހުސެއް
ޑިމޮކްރެޓްސްގެ ހުށަހެޅުން ސުޕްރީމް ކޯޓުން ބަލައިގަނެފި
ޑިމޮކްރެޓްސްގެ މެންބަރުންގެ ބަދަލުގައި ކޯޓަށް ދާނީ ޕާޓީ
ކޯޓުގައި މައްސަލަ އޮތުމުން އީވާ އުޒުރުވެރިވެއްޖެ!
ނަޝީދުގެ އިތުބާރުގެ މައްސަލައަށް ޑިމޮކްރެޓްސް ވަންނަނީ
ކޮމިޓީތަކަށް ބަދަލު ނުގެނެވި، މަސައްކަތް ހުއްޓިފައި!
ބާގަނޑު ބޮޑުވެ، ސުޕަ މެޖޯރިޓީ ގެއްލެނީތަ؟
މަޖިލީހުގައި ނަޝީދުގެ ފެކްޝަނާއި އިދިކޮޅު އެއްގަލަކަށް!
ބައި އިލެކްޝަނުން ދެއްކީ 2023 ގެ "މަގުޗާޓް"؟