Roadha Mihaaru
"ބޭނުމީ އެލްޖީއޭ ހިންގާނެ ފުލްޓައިމް މިނިސްޓަރެއް"

ބޭނުންވެގެން އުޅެނީ އެލްޖީއޭ ހިންގާނެ ފުލްޓައިމް މިނިސްޓަރެއް: މުއިއްޒު

19 ސެޕްޓެމްބަރ 2023

ލޯކަލް ކައުންސިލްތައް ބާރުވެރި ކުރުވުމަށްޓަކައި ހާއްސަ މިނިސްޓްރީއެއް އޭނާގެ ވެރިކަމެއްގައި ހަމަޖެއްސުމުގެ ބޭނުމަކީ ކައުންސިލްތަކުގެ ބެލެނިވެރިފަރާތް އެލްޖީއޭ އަށް ފުލްޓައިމް މިނިސްޓަރެއް ހަމަޖެއްސުން ކަމަށާއި އެއީ ހަމައެކަނި ކައުންސިލްތަކާއި ސަރުކާރު "ގުޅުވައިދޭ ފާލަމެއް" ކަމަށް އިިދިކޮޅު ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

ލޯކަލް ކައުންސިލްތައް ބާރުވެރި ކުރުވުމަށްޓަކައި ހާއްސަ މިނިސްޓްރީއެއް އޭނާގެ ވެރިކަމެއްގައި ހަމަޖެއްސުމުގެ ބޭނުމަކީ ކައުންސިލްތަކުގެ ބެލެނިވެރިފަރާތް އެލްޖީއޭ އަށް ފުލްޓައިމް މިނިސްޓަރެއް ހަމަޖެއްސުން ކަމަށާއި އެއީ ހަމައެކަނި ކައުންސިލްތަކާއި ސަރުކާރު "ގުޅުވައިދޭ ފާލަމެއް" ކަމަށް އިިދިކޮޅު ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އޭނާ އެހެން ވިދާޅުވީ، ކައުންސިލްތަކަށް ހާއްސަ މިނިސްޓްރީއެއް ހަމަޖައްސަން ޕީޕީއެމް/ޕީއެންސީގެ ސަރުކާރެއްގެ ސިޔާސަތުތަކުގެ ތެރޭގައި ހިމެނުމުން ކުރިމަތިވި ފާޑުކިޔުންތަކާ ގުޅިގެންނެވެ. ބައެއް މީހުން ބުނަމުން ގެންދަނީ އެއީ ކައުންސިލްތަކުގެ ބާރުވެރިކަން ސަރުކާރުން ނިގުޅައިގަންނަން ނިންމި ކަމެއް ކަމަށެވެ.

އެކަމަކު، "މިހާރު" އާ ވާހަކަ ދައްކަވަމުން ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް މުއިއްޒު ވިދާޅުވީ، އެލްޖީއޭ އަށް މިހާރު ވެސް ހާއްސަ މިނިސްޓަރެއް ކަނޑައަޅާފައި ވިޔަސް އެއީ ފުލްޓައިމް ބޭފުޅަކަށް ނުވާތީ ކައުންސިލްތަކަށް ދޭން ޖެހޭ ސަމާލުކަން ނުދެއްވޭ ކަމަށެވެ.

އެލްޖީއޭ އަށް ސަރުކާރުން ހަމަޖައްސާފައި ހުންނަނީ ހޯމް މިނިސްޓަރެވެ.

މުއިއްޒު ވިދާޅުވީ، މިހާރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ބައެއް ރަށްރަށަށް މިހާރ ކުރައްވަމުން ގެންދަވާ ދަތުރުތަކުން ވެސް ފެނިވަޑައިގަތީ ކައުންސިލްތަކަށް ބޭނުންވާ ކަންކަން ނުކުރެވި ލަސްވަމުންދާ މަންޒަރު ކަމަށެވެ.

"ބައެއް ރަށްރަށުގެ ކައުންސިލްތަކުގެ އިދާރާ އަޅަން އުޅެ ވެސް ނޭޅި ކައުންސިލަށް ބޭނުންވާ މުވައްޒަފުން ހޯދަން އުޅެއުޅެ އެކަން ވެސް ނުވެފައި އެބަހުރި. ކައުންސިލަށް ބޭނުންވާ ސްޓޭޝަނަރީ އާއި ކޮމްޕިއުޓަރު ފަދަ ތަކެތި ވެސް ނުލިބުމުގެ ޝަކުވާ އަޅުގަނޑަށް އައި. އެލްޖީއޭ އަށް ހުށަހަޅަން ޖެހެނީ. އެލްޖީއޭ އިން ބުނާނެ ތިމަންނަމެން ތިކަން އޮންނާނީ ފިނޭންސް މިނިސްޓްރީ އަށް ހުށަހަޅާފައޭ. އެކަމަކު އެ ކަމެއް ނުވެ ލަސްވަނީ،" މާލޭގެ މޭޔަރުކަން ވެސް ކުރައްވާ މުއިއްޒު ވިދާޅުވި އެވެ.

އެއީ ކުރީ ޒަމާނުގައި އެޓޮލްސް މިނިސްޓްރީ ހިންގި ގޮތަށް ހުރިހާ ކަމެއް އެ މިނިސްޓްރީން ކުރުމެއް ނޫން. އެ ގޮތަށް ހިންގި ޒަމާން ހިނގައްޖެ،"--- މުއިއްޒު

އޭނާ ވިދާޅުވީ، ކައުންސިލްތަކަށް ހާއްސަ މިނިސްޓަރެއް ހަމަޖެއްސުމުން އެ ބޭފުޅެއްގެ ހުރިހާ ފޯކަސްއެއް ހުންނާނީ ކައުންސިލްތަކަށް ކަމަށް ވުމުން އެ މައްސަލަތައް އަވަހަށް ހައްލު ވާނެ ކަމަށެވެ. ކައުންސިލްތަކަށް ބޭނުންވާ ފައިސާ އާއި ތަކެތި ސަރުކާރުގެ ތެރެއިން ހޯދުން އަވަސް ވާނެ ކަމަށް މުއިއްޒު ދެކެވަޑައިގަންނަވަ އެވެ.

"އޭރުން އެލްޖީއޭ އަށް އަންނަ މައްސަލަތައް ވަގުތުން ވަގުތަށް ހައްލު ވާނެ. އެހެންވީމާ އެލްޖީއޭ ފަންކްޝަން ކުރުވަން ހާއްސަ މިނިސްޓަރެއް ހުރުމަކީ ރަނގަޅު ކަމެއް. މިނިސްޓަރެއް ހަމަޖައްސައިފިއްޔާ އޭނާ އަށް އޮފީހެއް ހުންނަން ޖެހޭނެ. އެކަމަކު އެއީ ކުރީ ޒަމާނުގައި އެޓޮލްސް މިނިސްޓްރީ ހިންގި ގޮތަށް ހުރިހާ ކަމެއް އެ މިނިސްޓްރީން ކުރުމެއް ނޫން. އެ ގޮތަށް ހިންގި ޒަމާން ހިނގައްޖެ،" މުއިއްޒު ވިދާޅުވި އެވެ.

އެލްޖީއޭގެ ބައްދަލުވުމެއްގެ ރިޔާސަތު ހޯމް މިނިސްޓަރު އިމްރާން ބަލަހައްޓަވަނީ: މުއިއްޒު ވިދާޅުވީ، ހޯމް މިނިސްޓަރުގެ މެންޑޭޓް މާ ފުޅާވުމުން ކައުންސިލްތަކަށް ދޭންޖެހޭ ސަމާލުކަން ނުދެއްވޭ ކަމަށް.

އެލްޖީއޭގެ ބައްދަލުވުމެއްގެ ރިޔާސަތު ހޯމް މިނިސްޓަރު އިމްރާން ބަލަހައްޓަވަނީ: މުއިއްޒު ވިދާޅުވީ، ހޯމް މިނިސްޓަރުގެ މެންޑޭޓް މާ ފުޅާވުމުން ކައުންސިލްތަކަށް ދޭންޖެހޭ ސަމާލުކަން ނުދެއްވޭ ކަމަށް.

"އެއީ ތަންކޮޅެއް ކުރީ ޒަމާނަށް ފިޓްކަމެއް. މިހާރަށް ބޭނުންވަނީ މިހާރު މި އޮތް ގާނޫނު ތަންފީޒު ކޮށްދޭ މިނިސްޓަރެއް. މިހާރު ހުރި މިނިސްޓަރުގެ މައްސަލައެއް ނޫން މި އުޅެނީ. ނިޒާމުގެ މައްސަލައެއް."

މުއިއްޒު ވިދާޅުވީ، މިހާރު އެލްޖީއޭ ހިންގަނީ ހޯމް މިނިސްޓަރުގެ ބެލުމުގެ ދަށުން ކަމަށް ވާއިރު އެ މިނިސްޓަރުގެ މެންޑޭޓް މާ ބޮޑު ކަމަށެވެ. އެލްޖީއޭ އަށް މާ ބޮޑު ސަމާލުކަމެއް ނުދެވެ އެވެ.

"އަޅުގަނޑުގެ ބޭނުމަކީ މިހާރަށް ވުރެ ކައުންސިލްތައް ބާރުވެރި ކުރުވުން. މިހާރު ވެއްޖިއްޔާ އެލްޖީއޭ އިން އުޅެން ޖެހޭ ސަރުކާރުގެ ތެރެއިން ކަންކަން ނުކުރެވިގެން. ކަންކަން ލަސްވޭ. ކަންކަން ކުރިއަށް ނުދާ ހާލަތްތައް މަދެއް ނޫން،" އޭނާ ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ، އިނގިރޭސި ވިލާތާއި މި ސަރަހައްދުގެ ބައެއް ގައުމުތަކުގައި ވެސް ލޯކަލް ކައުންސިލްތަކަށް ހާއްސަ މިނިސްޓަރެއް ހުންނަ ކަމަށާއި އެ މޮޑެލް ވަރަށް ކާމިޔާބު ކަމަށެވެ.