Roadha Mihaaru
ބާސާއާ މެދު ޒަވީ އުފަލުން، ލެވަންޑޯސްކީ އަށް 100

ބާސާގެ ކުޅުމާމެދު ކޯޗު ޒަވީ އުފަލުން، ލެވަންޑޯސްކީ އަށް 100

20 ސެޕްޓެމްބަރ 2023

ބާސެލޯނާ (ސެޕްޓެމްބަރު 20) - ޔޫއެފާ ޗެމްޕިއަންސް ލީގުގެ އާ ސީޒަންގެ ފުރަތަމަ މެޗުގައި ބެލްޖިއަމްގެ އޭންޓްވާޕާ ދެކޮޅަށް 5-0 އިން ބާސެލޯނާ މޮޅުވި މެޗުގައި ޓީމުގެ ފަރާތުން ފެނުނު ކުޅުމަށް ކޯޗު ޒަވީ ހެނާންޑޭޒް ތައުރީފު އޮއްސާލައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ބާސެލޯނާ (ސެޕްޓެމްބަރު 20) - ޔޫއެފާ ޗެމްޕިއަންސް ލީގުގެ އާ ސީޒަންގެ ފުރަތަމަ މެޗުގައި ބެލްޖިއަމްގެ އޭންޓްވާޕާ ދެކޮޅަށް 5-0 އިން ބާސެލޯނާ މޮޅުވި މެޗުގައި ޓީމުގެ ފަރާތުން ފެނުނު ކުޅުމަށް ކޯޗު ޒަވީ ހެނާންޑޭޒް ތައުރީފު އޮއްސާލައިފި އެވެ.

ފާއިތުވި ދެ ސީޒަންގައި ވެސް ޗެމްޕިއަންސް ލީގު ގުރޫޕް ސްޓޭޖުން ކެޓި ބާސެލޯނާ އަށް ރޭގެ މެޗުގައި ފުރަތަމަ ގޯލު ޖަހައިދިނީ ޔާއޯ ފެލިކްސް އެވެ. އޭގެ ފަހުން ރޮބާޓް ލެވަންޑޯސްކީ ވެސް ގޯލެއް ޖެހި އެވެ. ތިންވަނަ ލަނޑަކީ ރަފީނިއާގެ ހަމަލާއަކުން އިދިކޮޅު ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ފަހު ހާފުގައި ގަވީ ގެ އިތުރުން ފެލިކްސް ވެސް އިތުރު ގޯލެއް ޖަހައިދިނެވެ.

"މި މޮޅާއި ލީގުގައި އެންމެ ފަހުން ރެއާލް ބެޓިސް އަތުން ހޯދި 5-0 ގެ މޮޅާ ބަލާއިރު، މި މެޗަކީ އަހަރެން މި ޓީމާ ހަވާލުވި ފަހުން އެންމެ މޮޅަށް ކުޅުނު މެޗު ކަމަށް ލަފާ ކުރެވޭ،" މެޗަށް ފަހު ޒަވީ ބުންޏެވެ.

"މިއީ އަހަރެމެން ދަތުރު ކުރަން ބޭނުންވާ މަގަކީ. މި ޓީމު އަންނަނީ އަހަރެން ފަހުރުވެރި ކޮށްދެމުން."

ރޭގެ މެޗުގައި ދެ ގޯލު ޖެހި ފެލިކްސް އަކީ ލޯނު އުސޫލުން ޓްރާންސްފާ ނިމެން ކުޑަތަން ވެފައި ވަނިކޮށް ވާދަވެރި އެތުލެޓިކޯ މެޑްރިޑުން ގެނައި ކުޅުންތެރިއެކެވެ. އޭނާ ވަނީ ބެޓިސްއާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް ދެ ގޯލު ޖަހައިފަ އެވެ.

ލެވަންޑޯސްކީ، ޔޫއެފާ މުބާރާތްތަކުގައި 100 ވަނަ ގޯލު ޖެހުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ

ލެވަންޑޯސްކީ، ޔޫއެފާ މުބާރާތްތަކުގައި 100 ވަނަ ގޯލު ޖެހުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ

ފުރަތަމަ ހާފުގައި ލެވަންޑޯސްކީ އަށް ގޯލު ޖަހަން އެހީ ވީ ވެސް ފެލިކްސް އެވެ. ލެވަންޑޯސްކީގެ މި ގޯލަކީ ޔޫރަޕްގެ ކްލަބް ފުޓްބޯޅަ މުބާރާތެއްގައި އޭނާ ކާމިޔާބު ކުރި 100 ވަނަ ގޯލެވެ. ލެވަންޑޯސްކީގެ އިތުރުން ޔޫރަޕްގެ މުބާރާތްތަކުގައި 100 ގޯލު ހަމަކުރި ހަމައެކަނި ކުޅުންތެރިންނަކީ ލިއޮނެލް މެސީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. މި ސީޒަންގައި މެސީ އާއި ރޮނާލްޑޯ ވެސް ވަނީ ޔޫރަޕް ފުޓްބޯޅަ ދޫކޮށްލައިފަ އެވެ.

އޭންޓްވާޕްގެ ކޯޗަކީ ކުރިން ޒަވީ އާއެކު ބާސެލޯނާއަށް ވެސް ކުޅުނު ނެދަލެންޑްސްގެ މިޑްފީލްޑަރު މާކް ވެން ބޮމެލް އެވެ. އޭނާ ބުނީ 60 އެތައް އަހަރެއް ފަހުން އޭންޓްވާޕް ޔޫރަޕްގެ އެންމެ މަތީ ފަންތީގެ ފުޓްބޯޅަ މުބާރާތުގައި ވާދަކުރާއިރު ބާސެލޯނާ އަތުން މި ވީ ލަދުވެތި ބައްޔެއް ކަމަށް ގަބޫލު ނުކުރާ ކަމަށާއި، މިއިން ޓީމަށް ރަނގަޅު ފިލާވަޅެއް ލިބިގެން ހިނގައްޖެ ކަމަށެވެ.

މި ގުރޫޕުގައި ހިމެނޭ ޕޯޗުގަލްގެ ޕޯޓޯ އާއި ޔޫކްރޭންގެ ޝަކްތާ ޑޮނެސްކް ބައްދަލު ކުރި މެޗު 3-1 އިން ކާމިޔާބު ކުރީ ޕޯޓޯ އެވެ.