Roadha Mihaaru
ބާސާގެ މޮޅާއެކު ޒަވީ އަށް ރެކޯޑެއް

ބާސާގެ މޮޅާއެކު ޒަވީ އަށް ރެކޯޑެއް

02 އޮކްޓޯބަރ 2022

މަޔޯކާ (އޮކްޓޫބަރު 2) - ރަށުން ބޭރުގައި ރެއާލް މަޔޯކާއާ ދެކޮޅަށް ކުޅެ ބާސެލޯނާ އިން 1-0 އިން މެޗު ކާމިޔާބު ކުރުމާ އެކު، ކޯޗު ޒަވީ ހެނާންޑޭޒް ސްޕެނިޝް ލަ ލީގާ ގައި ރެކޯޑެއް ހަދައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މަޔޯކާ (އޮކްޓޫބަރު 2) - ރަށުން ބޭރުގައި ރެއާލް މަޔޯކާއާ ދެކޮޅަށް ކުޅެ ބާސެލޯނާ އިން 1-0 އިން މެޗު ކާމިޔާބު ކުރުމާ އެކު، ކޯޗު ޒަވީ ހެނާންޑޭޒް ސްޕެނިޝް ލަ ލީގާ ގައި ރެކޯޑެއް ހަދައިފި އެވެ.

ރޭގެ މޮޅާ އެކު ޒަވީ އަށް ވަނީ، ލީގުގައި ރަށުން ބޭރުގައި ބަލިނުވެ 18 މެޗު ހަމަކޮށްފަ އެވެ. މި ރެކޯޑް ކުރިން އޮތީ ރެއާލަށް ކޯޗު ކޮށްދިން ޒައިނުއްދީން ޒިދާން އަތުގަ އެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ އިން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ޒިދާން އާއެކު ރެއާލް މެޑްރިޑް ވަނީ ރަށުން ބޭރުގައި ލީގުގައި ކުޅުނު 17 މެޗުން ބަލި ނުވެ ހިފަހައްޓާލައިފަ އެވެ. އެ މުއްދަތުގައި ރެއާލުން 12 މެޗު ކާމިޔާބު ކުރި އެވެ. ފަސް މެޗުން އެއްވަރު ވިއެވެ.

ޒަވީ އާއެކު ބާސެލޯނާ އިން ލީގުގައި މިހާތަނަށް ރަށުން ބޭރުގައި ފަސް މެޗު 13 މެޗު ކާމިޔާބު ކޮށްފި އެވެ. އެއްވަރުވީ ފަސް މެޗުންނެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހު، ޒަވީ ބާސެލޯނާއާ ހަވާލުވެ، ލީގުގައި ބާސެލޯނާ މިހާތަނަށް ރަށުން ބޭރުގައި ކުޅުނު އެއްވެސް މެޗަކުން ބައްޔެއް ނުވެ އެވެ.

ރަށުން ބޭރުގައި ބާސެލޯނާ އަށް ކުރިއަށް ދެން އޮތީ، ވާދަވެރި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ އެލް ކްލެސިކޯ މެޗެވެ. މި މެޗު ކުޅެން ތާވަލް ކޮށްފައި މި މަހު 16 ވަނަ ދުވަހުގެ ރެއަށެވެ.

ބާސާ އިން ރޭ މަޔޯކާއާ ދެކޮޅަށް ކުޅުނު މެޗުގައި ލެވަންޑޯސްކީ، މަޔޯކާގެ ކުޅުންތެރިއެއް ކައިރިން ނައްޓަން މަސައްކަތް ކުރަނީ.-- ފޮޓޯ: އޭއެފްޕީ

ބާސާ އިން ރޭ މަޔޯކާއާ ދެކޮޅަށް ކުޅުނު މެޗުގައި ލެވަންޑޯސްކީ، މަޔޯކާގެ ކުޅުންތެރިއެއް ކައިރިން ނައްޓަން މަސައްކަތް ކުރަނީ.-- ފޮޓޯ: އޭއެފްޕީ

މަޔޯކާއާ ދެކޮޅަށް ރޭ ކުޅުނު މެޗުގައި ބާސެލޯނާގެ ހަމައެކަނި ލަނޑު 20 ވަނަ މިނިޓުގައި ޖަހައިދިނީ ރޮބާޓް ލެވަންޑޯސްކީ އެވެ. އަންސޫ ފާޓީ ދިން ބޯޅައެއް ހިފައިގެން ލެވަންޑޯސްކީ ވަނީ އޭރިއާ ތެރެއަށް ވަދެ، ޑިފެންޑަރެއް ކައިރިން ނައްޓާފައި ތިރިތިރިން ގޯލުގެ ދުރު ކަނަށް ފޮނުވާލައިފަ އެވެ.

މިއީ ލެވަންޑޯސްކީ، މި ސީޒަނުގައި ބާސެލޯނާ އަށް ޖަހައިދިން 12 ވަނަ ލަނޑެވެ. އަދި ލީގުގައި ކާމިޔާބު ކުރި ނުވަވަނަ ލަނޑެވެ.

ދެ ޓީމަށް ވެސް ލަނޑު ޖަހާނެ އިތުރު ފުރުސަތު ލިބުނު ނަމަވެސް އެންމެ ރަނގަޅަށް ބޭނުމެއް ނުކުރެވުނެވެ. ލެވަންޑޯސްކީ އާއި ސާޖީ ރޮބާޓޯ ފޮނުވާލި އިތުރު ހަމަލާއެއް މަޔޯކާގެ ސާބިއާ ކީޕަރު ޕްރީޑްރެގް ރާކޮވިޗް ދިފާއު ކުރި އިރު، މަޔޯކާގެ ޖޯމޭ ކޯސްޓާ އަށް ލިބުނު ހުސް ފުރުސަތުގައި ފޮނުވާލި ބޯޅަ، ބާސާގެ ކީޕަރު މާކް އަންޑްރޭ ޓާ ސްޓޭގަން ދިފާއު ކުރި އެވެ.

މި ނަތީޖާއާ އެކު ބާސެލޯނާ މިވަގުތު އޮތީ އެއް މެޗު އިތުރަށް ކޮޅުގެން ޕޮއިންޓެއް އިތުރަށް ހޯދައިގެން ލީގުގެ އެއްވަނައިގަ އެވެ. ބާސާ އަށް ވަނީ ހަތް މެޗުން 19 ޕޮއިންޓް ލިބިފަ އެވެ. ދެވަނައިގައި އޮތީ ހަ މެޗުން 18 ޕޮއިންޓް ހޯދާފައިވާ ރެއާލް މެޑްރިޑެވެ.

ރެއާލުން އެޓީމުގެ އަށްވަނަ މެޗުގައި މިރޭ އަމިއްލަ ދަނޑުގައި އޮސަސޫނާ އާ ދެކޮޅަށް ނުކުންނާނެ އެވެ.

ލީގުގައި ރޭ އެތުލެޓިކޯ މެޑްރިޑުން ވަނީ ރަށުން ބޭރުގައި ސެވިއްޔާ އާ ދެކޮޅަށް ކުޅެ 2-0 އިން މެޗު ކާމިޔާބު ކޮށްފަ އެވެ. އެތުލެޓިކޯ އަށް ލަނޑުތައް ޖަހައިދިނީ މާކޮސް ޔޮރެންޓޭ އާއި އަލްވަރޯ މޮރާޓާ އެވެ.