Roadha Mihaaru
އެކުލަވާލާނީ ދިވެހިން ފަހުރުވެރިވާ ކެބިނެޓެއް: މުއިއްޒު

މުއިއްޒު ދެއްވީ ޔަގީންކަން؛ އެކުލަވާލާނީ ދިވެހިން ފަހުރުވެރިވާނެ ކެބިނެޓެއް

23 ސެޕްޓެމްބަރ 2023

އޭނާގެ ސަރުކާރެއްގައި އެކުލަވައިލާ ކެބިނެޓުގައި ތިއްބަވާނީ ދިވެހިން ފަހުރުވެރިވާނެ އަދި ކަމަށް ގާބިލ މިނިސްޓަރުން ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ ހދ. ކުޅުދުއްފުށިން އިފްރާޒް އަލީ

އޭނާގެ ސަރުކާރެއްގައި އެކުލަވައިލާ ކެބިނެޓުގައި ތިއްބަވާނީ ދިވެހިން ފަހުރުވެރިވާނެ އަދި ކަމަށް ގާބިލ މިނިސްޓަރުން ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް ހދ. ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ އޭނާ ބޭނުންވަނީ ގައުމު ދެކެ ލޯބިވާ، މި ގައުމުގެ މުސްތަގްބަލު އުޖާލާކުރަން ތައްޔާރަށް ތިބި އަދި ދިވެހިންގެ މިނިވަން ކަން ޔަގީންކުރަން ކެރިގެން ތިބި ޖީލެއް ބިނާކުރައްވަން ކަމަށެވެ.

އެ ވާހަކައިގެ ތެރެއިން މުއިއްޒު ދެއްވި ޔަގީން ކަމަކީ އޭނާގެ ސަރުކާރެއްގެ ކެބިނެޓްގައި ތިބޭނީ އެ ވިސްނުމުގެ ބޭފުޅުން ކަމުގެ އެވެ.

"ތައުލީމީ، ގާބިލު، ތަޖުރިބާ ހުރި ހީވާގި ބޭފުޅުން. ދިވެހި ރައްޔިތުން ފަހުރުވެރިވާ ފަދަ ކެބިނެޓެއް އިރާދަކުރެއްވިއްޔާ އަޅުގަނޑު އެކުލަވާލާނީ،" މުއިއްޒު ވިދާޅުވި އެވެ.

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިން ހދ. ކުޅުދުއްފުށީގައި ބޭއްވި ޖަލްސާ.-- ފޮޓޯ: ޕީޕީއެމް

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިން ހދ. ކުޅުދުއްފުށީގައި ބޭއްވި ޖަލްސާ.-- ފޮޓޯ: ޕީޕީއެމް

ސަރުކާރު ކުންފުނިތަކުގެ ވެރިންނަށް ވެސް އައްޔަންކުރައްވާނީ ގާބިލު ބޭފުޅުން ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"އަޅުގަނޑު މި އުޅެނީ ސަމާސާ ކުރާކަށް ނޫން، ސަކަރާތް ޖަހާކަށް ނޫން. ސީރިއަސް މަސައްކަތެއް ކުރަން ކުރިމަތިލައިގެން މި އުޅެނީ. ގައުމަށް ހެޔޮ ގޮތް ހޯދައިދޭން އިރާދަކުރެއްވިއްޔާ،" އޭނާ ވިދާޅުވި އެވެ.

ސަރުކާރު ކުންފުނިތަކުގެ ދަރަނި އިންތިހާއަށް ބޮޑުވެފައި އޮތުމުން މިރޭ ވެސް މުއިއްޒު އެކަމުގެ ކަންބޮޑުވުން ފާޅުކުރެެއްވި އެވެ.

އެ ކުންފުނިތަކުން އާންމު ކުދި ވިޔަފާރިތަކަށް ދޭން ޖެހޭ ފައިސާ ވެސް ނުދިނުމުގެ ސަބަބުން ބައެއް ވިޔަފާރިތައް ބަނގުރޫޓުވަމުން ދާ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އެހެންވެ، ސަރުކާރު ކުންފުނިތައް ޒިންމާދާރުކޮށް، އޭނާގެ ވެރިކަމެއްގައި އެ ކުންފުނިތަކުން ކުދި ވިޔަފާރިތަކަށް ދިނުމަށް ދަރާފައި އޮތް ފައިސާ ވެސް ލިބޭނެ ގޮތް ހަމަޖައްސައިދޭން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިން ހދ. ކުޅުދުއްފުށީގައި ބޭއްވި ޖަލްސާ.-- ފޮޓޯ: ޕީޕީއެމް

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިން ހދ. ކުޅުދުއްފުށީގައި ބޭއްވި ޖަލްސާ.-- ފޮޓޯ: ޕީޕީއެމް

މުއިއްޒު ވިދާޅުވި ގޮތުގައި، އޭނާގެ ސަރުކާރުން ކުރާ ހުރިހާ ކަމެއްގައި ހަގީގީ މާނާގައި ނަތީޖާ ނެރެދޭނެ އެވެ. އޭނާއާ އެކު އެ މަސައްކަތަށް ނުކުންނަވާނީ އެ ކަންކަން ކުރަން ކެރޭނެ ބޭފުޅުންނެވެ. އެހެންވެ، ރައްޔިތުން މިކަމާ މެދު ފުންކޮށް ވިސްނައި، އޭނާ އެކު ކުރިއަށް ދިއުމަށް އިންތިހާބުގެ ދެވަނަ ބުރުގައި އޭނާއަށް ވޯޓު ލުމަށް މުއިއްޒު އެދިވަޑައިގަތެވެ.

ރޭގެ ޖަލްސާގައި މުއިއްޒު ވިދާޅުވީ އޭނާގެ ސަރުކާރެއްގައި، ރާއްޖެ ތަރައްގީކުރުމަށް ދިގު ރާސްތާއަކަށް ވިސްނައި 20 އަހަރުގެ މާސްޓަޕްލޭނެއް ހައްދަވާނެ ކަމަށެވެ. އެ ޕްލޭންގެ ދަށުން ރާއްޖޭގެ އެކި ސަރަހައްދުތައް ތަރައްގީކުރާ އިރު، ކުޅުދުއްފުއްޓަކީ ހާއްސަ އިސްކަމެއް ދީގެން، މައި މަރުކަޒެއްގެ ގޮތުގައި ތަރަައްގީކުރާނެ ތަނެއް ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

ކުޅުދުއްފުއްޓަށް ދިމާވެފައިވާ ގެދޮރުގެ ދަތިކަން ހައްލުކުރުމަށް 2،000 ހައުސިން ޔުނިޓް އަޅައިދިނުމަށް އޭނާ ރޭ ވައުދުވެވަޑައިގެންނެވި އެވެ. މުއިއްޒު ވިދާޅުވި ގޮތުގައި، އޭނާގެ ވެރިކަން ނިމޭއިރު ކުޅުދުއްފުށިން ގެދޮރު ނުލިބޭ އެކަކު ވެސް ނުހުންނާނެ އެވެ.