Roadha Mihaaru
އިތުރު 6،000 ފްލެޓާއި 4،000 ބިމަށް ހުޅުވާލަނީ

އިތުރު 6،000 ފްލެޓާއި 4،000 އަށް ވުރެން ގިނަ ގޯއްޗަށް ހުޅުވާލަނީ

23 ސެޕްޓެމްބަރ 2023

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގައި، ދެވަނަ ބުރަށް 6،000 ފްލެޓާއި 4،500 އަށް ވުރެން ގިނަ ގޯއްޗަށް ހުޅުވާލާނެ ކަމަށް ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގައި، ދެވަނަ ބުރަށް 6،000 ފްލެޓާއި 4،500 އަށް ވުރެން ގިނަ ގޯއްޗަށް ހުޅުވާލާނެ ކަމަށް ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މިއަދު ވިދާޅުވެއްޖެ އެވެ.

އޭނާ ވިދާޅުވި ގޮތުގައި އިތުރު 6،000 ފްލެޓް ދޫކުރާނީ ހުޅުމާލެއިންނެވެ.

"ބިންތައް ދޫކުރާނެ ތަނެއް ވެސް މިއަދު ނޫނީ މާދަމާ، އިއުލާނުގައި ހާމަކުރާނަން ވަރަށް އަވަހަށް. ރައީސް ވެވަޑައިގެންފައިވާ ވައުދާ އެއްގޮތަށް ބިންވެރިޔާ ސްކީމުން ގިނަ ބަޔަކަށް ބޯހިޔާވަހިކަމުގެ ފުރުސަތު ހޯދައިދޭނެ،" އަކްރަމް ވިދާޅުވި އެވެ.

މާލޭގައި ދިރިއުޅޭތާ 20 އަހަރުވެފައިވާ އެންމެންނަށް މާލޭން ގޯއްޗާއި ފްލެޓް ދޭން ނިންމައި އެކަމާ ގުޅޭ ހައުސިން ސްކީމެއް ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިދިޔަ ހަފުތާގައި އޮތީ އިއުލާންކުރައްވައިފަ އެވެ.

މި ސަރުކާރުގެ ބިންވެރިޔާ ސްކީމުން ގުޅިފަޅުން ގޯތި ލިބުނު މީހަކު އެ ގޯތީގައި ރުކެއް އިންދަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މި ސަރުކާރުގެ ބިންވެރިޔާ ސްކީމުން ގުޅިފަޅުން ގޯތި ލިބުނު މީހަކު އެ ގޯތީގައި ރުކެއް އިންދަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ރައީސް ވިދާޅުވެފައިވާ ގޮތުގައި މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ ދަތިކަން ކަމަށާއި އެކަން ހައްލުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން 19،000 މީހުންނަށް ގޯތި އަދި 16،000 މީހުންނަށް ފްލެޓް ދޭން ނިންމާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ބޯހިޔާވަހިކަމުގެ ސްކީމުގެ ދެވަނަ ބުރަށް، ގޯތި ދޫކުރާނީ ވެސް، އަކްރަމް ވިދާޅުވި ގޮތުގައި، މާލެއާ ބްރިޖުން ގުޅިފައި އޮންނާނެ ސަރަހައްދަކުންނެވެ. އެއީ ފުށިދިއްގަރުފަޅަށް ވުރެން ރަނގަޅު ފަސޭހައިން ދެވޭނެ ސަރަހައްދެއް ކަމުގެ ޔަގީންކަން ދެއްވާ ކަމަށް އަކްރަމް ވިދާޅުވި އެވެ.

ފުރަތަމަ ބުރުގައި ގޯތި ލިބުނު މީހުންގެ ތެރެއިން ހުޅުމާލެ އާއި ގުޅީފަޅުން ލިބުނު ބައެއް މީހުންނަށް މިހާރު ވަނީ ހަވާލުކޮށްފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ބިންވެރިޔާ ސްކީމް ކުރިއަށް ގެންދާއިރު، ފްލެޓްތަކަށް ކުރިމަތިލާފައި ތިބި މީހުންނަށް ގޯއްޗަށް ކުރިމަތިނުލެވުމަކީ ވަރަށް ގިނަ ފަރާތްތަކުގެ ކަންބޮޑުވުމެކެވެ. އެ ޝަކުވާ ހުށަހަޅަމުން ދިއުމާއެކު އެކަމަށް ވެސް އުސޫލެއްގެ ތެރެއިން މިހާރު ހައްލެއް ހޯދައިދީފައިވާ ކަމަށާއި ތަފްސީލްތައް އާއްމުކުރާނެ ކަމަށް ވިދާޅުވި އެވެ.

"މާދަމާ ނުވަތަ މިއަދު އާ ސްކީމް އިއުލާންކުރާއިރު ފްލެޓް ނަގައިގެން އުޅޭ ފަރާތްތަކަށް ގޯއްޗަށް ކުރިމަތިލެވޭނެ. ބޮޑު އަގުގައި ފްލެޓް ގަންނަން ޖެހުނު މިސާލަކަށް، ގާކޮށި އަރަބިއްޔާ މީހުންނަށް ވެސް ގޯއްޗަށް ލާން ފުރުސަތު ދެވޭނެ ސަރުކާރުން ހަމަޖައްސާފައިވާ އުސޫލެއްގެ ތެރެއިން،" އަކްރަމް ވިދާޅުވި އެވެ.

ފަހި ދިރުޅުން ކޯޕަރޭޝަނުން އާއްމުކޮށްފައިވާ ފްލެޓްތަކުގެ މަސައްކަތް ކުރިއަށްދާ ގޮތް: ގިނަ ޓަވަރުތަކެއްގެ މަސައްކަތް އަންނަނީ ކުރަމުން ކަމަށް އެ ކުންފުނިން ބުނޭ.

ފަހި ދިރުޅުން ކޯޕަރޭޝަނުން އާއްމުކޮށްފައިވާ ފްލެޓްތަކުގެ މަސައްކަތް ކުރިއަށްދާ ގޮތް: ގިނަ ޓަވަރުތަކެއްގެ މަސައްކަތް އަންނަނީ ކުރަމުން ކަމަށް އެ ކުންފުނިން ބުނޭ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން މި ސަރުކާރުން ފުރަތަމަ ހުޅުވާލީ 4،000 ފްލެޓަށެވެ. ފްލެޓަށް ކުރިމަތިލާން ހުޅުވާލުމުން 20،000 އަށް ވުރެން ގިނަ މީހުން ފޯމު ހުށަހެޅި އެވެ. ސަރުކާރުން އިއުލާންކޮށްފައިވާ ގޮތުގައި ޝަރުތު ހަމަވާ އެންމެންނަށް ފްލެޓް ދޭނެ އެވެ.

މި ސްކީމްގެ ދަށުން ހުޅުމާލޭގައި 8،000 ފްލެޓުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ބުނެ އެވެ. އޭގެއިތުރުން 4،000 ފްލެޓް އަޅަން އިންޑިއާގެ ކަލްޕަޓަރު ޕްރޮޖެކްޓްސް އިންޓަނޭޝަނަލް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާ 2.5 ބިލިއަން ރުފިޔާއަށް ވަނީ ހަވާލުކޮށްފަ އެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަނުން ބުނި ގޮތުގައި ހުޅުމާލޭގައި ދެ ކޮޓަރީގެ 1،200 އެޕާޓްމެންޓާއި ތިން ކޮޓަރީގެ 2،800 އެޕާޓްމެންޓުގެ ގޮތުގައި ހަދާ 18 ބުރީގެ 32 ޓަވަރުގެ ތެެރެއިން މިހާތަނަށް ގިނަ ޓަވަރުތަކެއްގެ މަަސައްކަތް ވަނީ ނިމުމުގެ މަރުހަލާގަ އެވެ. ސަރުކާރުން ބުނެފައި ވަނީ މި ދައުރު ނިމުމުގެ ކުރިން ފްލެޓްތަކުގައި މީހުން ދިރިއުޅެން ފަށާނެ ކަމަށެވެ.

ސަރުކާރުގެ "ބިންވެރިޔާ" ސްކީމްގެ ފުރަތަމަ ބުރުގައި 18،955 މީހަކު ގޯއްޗަށް ޝަރުތު ހަމަވާއިރު އެއީ އެއީ 9003 ގޯތި ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.