ކުރީގެ ސަރުކާރުގެ ފްލެޓް ލިސްޓްގައި އުސޫލުން ބޭރުން މިނިސްޓްރީން ޕޮއިންޓް ދީފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ތުހުމަތު ކުރީ ޕޯޓަލްގެ އެކްސެސް ވެސް އެ ކޮމިޝަނަށް ނުދެނީސް ކަމަށް ކުރީގެ ސަރުކާރުގެ ފްލެޓް ކޮމިޓީގެ ޗެއާމަންކަން ކުރެއްވި އަކްރަމް ކަމާލުއްދީން މިއަދު ވިދާޅުވެއްޖެ އެވެ.
06 ޑިސެމްބަރ 2023
ކުރީގެ ސަރުކާރުގެ ފްލެޓް ލިސްޓްގައި އުސޫލުން ބޭރުން މިނިސްޓްރީން ޕޮއިންޓް ދީފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ތުހުމަތު ކުރީ ޕޯޓަލްގެ އެކްސެސް ވެސް އެ ކޮމިޝަނަށް ނުދެނީސް ކަމަށް ކުރީގެ ސަރުކާރުގެ ފްލެޓް ކޮމިޓީގެ ޗެއާމަންކަން ކުރެއްވި އަކްރަމް ކަމާލުއްދީން މިއަދު ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އިއުލާންކުރި ފްލެޓްތަކުގެ ލިސްޓުގެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީ އަށް ހުށަހަޅާފައިވާ ޕެޓިޝަނާ ގުޅިގެން މިއަދު ބޭއްވި ބައްދަލުވުމަށް އަކްރަމާއި ކުރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އާރިފް ހާޒިރުކުރި އެވެ.
އެ ކޮމިޓީގައި، ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ސުވާލު ކުރެއްވީ ގެދޮރުވެރިޔާ ޕޯޓަލްގެ އެކްސެސް އޭސީސީ އަށް ނުލިބެނީސް ސިސްޓަމްގެ ތެރެއިން ބަދަލުތަކެއް ގެނެސްފައިވާ ކަމަށް އެ ކޮމިޝަނުން ތުހުމަތުކުރަނީ ކީއްވެގެންތޯ އެވެ.
އެންމެފަހުން ބޭއްވި މި ކޮމިޓީގެ ބައްދަލުވުމުގައި މިހާރުގެ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވި ގޮތުގައި ގެދޮރުވެރިޔާ ޕޯޓަލްގެ ފުލް އެކްސެސް އޭސީސީ އަށް ދޭނީ ފަހުންނެވެ.
ޕެޓިޝަން ކޮމިޓީގައި ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާއި ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އާރިފް.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ނަމަވެސް އަކްރަމް ވިދާޅުވި ގޮތުގައި ގެދޮރުވެރިޔާ ޕޯޓަލްގެ އެކްސެސް އޭސީސީ އަށް ނުލިބެނީސް، ސިސްޓަމްގެ ތެރެއިން މާކްސް ބަދަލުކޮށްފައިވާ ކަމަށް އެ ކޮމިޝަަނަށް ނުބުނެވޭނެ އެވެ.
ކުރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު އާރިފް މިއަދު ކޮމެޓީގައި ވިދާޅުވި ގޮތުގައި އޭސީސީ އަށް މިހާތަނަށް ފެންނަން އޮންނާނީ ޕޮއިންޓް ދިން ގޮތް ބަޔާންކޮށްފައިވާ ޕްރިންޓެޑް ޑޮކިއުމެންޓެކެވެ.
ގެދޮރުވެރިން ޕޯޓަލްގެ ޑޭޓާބޭސް ހުންނާނީ ޑީއެންއާރުގެ ޑޭޓާބޭސްއާ ގުޅިފައިކަން ފާހަގަ ކުރައްވައި، އަކްރަމް ވިދާޅުވީ ޕޮއިންޓް ދިނުމުގައި ބަދަލު އަތުވެދާނެ ކަންކަމުގެ ތެރޭގައި ދީފައި ހުރި މައުލޫމާތު ސައްހަ ނުވުން ހިމެނޭ ކަމަށެވެ.
"މިސާލަކަށް އެ މީހަކަށް ނުޖެހި ހުރެދާނެ 18 އަހަރުގެ ކުއްޖެއް ނެތް ކަމަށް. އެހެން ހުއްޓާ އަޅުގަނޑުމެންނަށް [ޑާޓާބޭސް އިން] ދައްކާ 18 އަހަރުގެ ކުދިން ތިބި ކަމަށް. އެހެންވީމަ އެގޮތަށް 18 އަހަރުވެފައި ތިބި ކުދިން ތިބިއްޔާ ޕޮއިންޓް މަދުވާނެ،" މިސާލެއްގެ ގޮތުން އޭނާ ވިދާޅުވި އެވެ.
"އެހެންވީމަ އެ ބަދަލުތައް އަންނާނެ އިވެލުއޭޓް ކުރާ އިރުގައި. އޭސީސީން އެ ފާހަގަކުރި ފޯމަށް ބަދަލު ގެނެސްފައި އެބަހުއްޓޭ. އެކަމަކު އެއީ ބަދަލު ގެނެސްފައެއް ނޫން. އޭސީސީ އަށް އެހެން ވިދާޅުވެވިގެން ނުވާނެއޭ، އެ ބޭފުޅުންނަށް އަޅުގަނޑުމެން އަދި އެކްސެސްއެއް ނުދެމޭ."
އަކްރަމް ވިދާޅުވީ ޕޯޓަލްގެ ކަންކަން ކުރާ ޓެކްނިކަލް ބޭފުޅުން ގެނެސްގެން އޭސީސީ އަށް އެ ހުރިހާ މަސައްކަތެއް ކޮށްފައި ހުރި ގޮތް ވަރަށް ރަނގަޅަށް ކިޔައިދިން ކަމަށެވެ. އޭސީސީން އޭރު ވަރަށް ހިތްހަމަޖެހިގެން އެ ވާހަކަ ދެއްކި ކަމަށާއި އެކަން ވެފައި އޮތްގޮތް ސާފުވެއްޖެ ކަމަށް ބުނި ކަމަށް ވެސް އަކްރަމް ވިދާޅުވި އެވެ.
"އިތުރަށް ވެސް އަޅުގަނޑުމެން ދެއްކީމަ ތިމަންނަމެންނަށް އެނގިއްޖޭ. އެހެންވީމަ ތީގަ މައްސަލައެއް ނެތޭ. އެ ބޭފުޅުން އޭރު އެތަނުގައި ތިއްބަވައިގެން ވާހަކަ ދެއްކެވި،" އަކްރަމް ވިދާޅުވި އެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓު ދޫކުރުމުގެ މަސައްކަތް ވަގުތީ ގޮތުން ހުއްޓާލަން އޭސީސީން އެންގުމާ ގުޅިގެން ކޮމިޓީ އަށް އެ މެންބަރުން ހާޒިރުކޮށް ސުވާލު ކުރުމުން އެ ކޮމިޝަނުން ބުނީ ފްލެޓަށް ޝަރުތު ހަމަ ނުވާ ކަމަށް ގެދޮރުވެރިޔާ ޕޯޓަލް އިން ދެއްކިޔަސް، ސުޕަވައިޒް ކުރާ ފަރާތްތަކުން އެ ބަދަލުކޮށް ޝަރުތު ހަމަވާ ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.
އެކަމާ ގުޅިގެން އަކްރަމް ވިދާޅުވެފައިވަނީ ފްލެޓަށް ޝަރުތު ހަމަވުމަށް، އެ މީހަކީ މާލޭގައި ވަޒީފާ އަދާކުރާ މީހަކަށް ވާން ނުޖެހޭ ކަމަށެވެ. ރަށެއްގައި ނުވަތަ ރިސޯޓެއްގައި ކޮންމެ ވަޒީފާއެއް އަދާކުރި ނަމަވެސް އެ ފަރާތުގެ އަނބިދަރިން މާލޭގައި ދިރިއުޅޭ ނަމަ ޝަރުތު ހަމަވާނެ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
ކޮމިޓީއަށް އަސްލަމް ހާޒިރުނުކުރުމުން ކަންބޮޑުވުން
"އޭސީސީން ކުރަނީ ސިޔާސީ ކުލަ ޖެހިފައިވާ ތުހުމަތެއް"
ޕޯޓަލް މިނިސްޓްރީއަށް ދީފި،އެކަމަކު އަދިވެސް ނުވަދެވޭ!
ތަހުގީގަށް އެންމެންގެ ފޯމު ބަލަންޖެހޭނެ: އަކްރަމް
އޭސީސީގެ ފްލެޓް ލިސްޓް ކުރީގެ ފްލެޓް ކޮމިޓީއަށް ދެނީ
ފްލެޓް ކޮމިޓީގެ ބޭފުޅުން މަޖިލީހަށް ހާޒިރުކުރަނީ!
ފްލެޓް ލިސްޓުގެ ހުރިހާ މައުލޫމާތެއް ދޭން އަންގަނީ
ފްލެޓް ލިބުނު 60 ޕަސެންޓް މީހުން ޝަރުތު ހަމަނުވޭ
4،000 ފްލެޓް ދޫކުރުމުގެ ތަފުސީލު އަންނަ ހަފުތާގައި
4،000ފްލެޓް ދޫކުރުން ކުރިއަށް ގެންދަން ހުއްދަ ދީފި