Roadha Mihaaru
ޒަވީގެ 50 ވަަނަ މޮޅު، ނަތީޖާ އަނބުރާލީ ފަހުވަގުތު

ޒަވީގެ 50 ވަަނަ މޮޅު، ފަހު ވަގުތު ނަތީޖާ އަނބުރާލައިފި

24 ސެޕްޓެމްބަރ 2023

ބާސެލޯނާ (ސެޕްޓެމްބަރު 24) - މެޗުގެ ފަހު 10 މިނެޓަށް ދިޔައިރު ވެސް ދެ ލަނޑު ފަހަތުގައި އޮތް ބާސެލޯނާއިން ފަހު ވަގުތު ތިން ލަނޑު ޖަހައި 3-2 ން ލަލީގާގައި ޒަވީ ހެނާންޑޭޒްގެ 50 ވަނަ މޮޅު ހޯދައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ބާސެލޯނާ (ސެޕްޓެމްބަރު 24) - މެޗުގެ ފަހު 10 މިނެޓަށް ދިޔައިރު ވެސް ދެ ލަނޑު ފަހަތުގައި އޮތް ބާސެލޯނާއިން ފަހު ވަގުތު ތިން ލަނޑު ޖަހައި 3-2 ން ލަލީގާގައި ޒަވީ ހެނާންޑޭޒްގެ 50 ވަނަ މޮޅު ހޯދައިފި އެވެ.

ހުކުރު ދުވަހު ބާސާގެ ކޮންޓްރެކްޓް ޒަވީ ވަނީ އާ ކޮށްފަ އެވެ. މިދިޔަ ސީޒަންގެ ލަލީގާގެ ތަށި އެ ކްލަބަށް ހޯދައި ދިން ކޯޗު ކޮންޓްރެކްޓް އާ ކުރީ 2025 ގެ ނިޔަލަށެވެ.

ފުރަތަމަ ހާފުގައި ސެލްޓައިން ލީޑް ނެގި އެވެ. މެޗުގެ 19 ވަނަ މިނެޓްގައި އެ ޓީމުގެ ލަނޑު ޖެހީ ޔާގަން ސްޓްރާންޑް ލާސަން އެވެ. ފުރަތަމަ ހާފް ނިމެންދެން ނަތީޖާ އެގޮތުގައި ސެލްޓައިން ހިފެހެއްޓި އެވެ.

ދެވަނަ ހާފްގައި އަނަސްޓޮސިއޯސް ޑޫވިކާސް އެ ޓީމުގެ ލީޑް ދެ ލަނޑަށް ފުޅާ ކުރި އެވެ. އެހާހިސާބުން ސެލްޓަ އަށް މެޗު ލިބުނީ ކަމަށް ބެލެވުނެވެ.

އެކަމަކު މެޗު އަނބުރަލައިލެވޭނެކަން ސާބިތުކޮށް ދިނީ ރޮބަޓް ލެވަންޑޯސްކީ އެވެ. ފުރިހަމަވަގުތު ހަމަވާން ފަހު އަށެއްކަ މިނެޓަށް އެޅުނު ފަހުން ލެވަންޑޯސްކީ ކަރިރިކައިރީގައި ދެ ލަނޑު ޖަހައި ބާސާ އަށް ނަތީޖާ ހަމަހަމަކޮށް ދީ އުންމީދު ގެނެސް ދިނެވެ. އޭނާ ލަނޑުތައް ޖެހީ 81 ވަނަ މިނެޓާއި 85 ވަނަ މިނެޓްގަ އެވެ. ޖޮއާއޯ ކޮންސެލޯ ބާސާ މޮޅުކޮށް ދިން ލަނޑު ޖެހީ މެޗުގެ 89 ވަނަ މިނެޓްގަ އެވެ.

މެޗަށް ފަހު ޒަވީ ބުނީ ބާސާ މޮޅުވީ އާދަޔާ ހިލާފު ގޮތަކަށް ކަމަށާއި މޮޅުވުމުގެ ސިފަތައް ކުޅުންތެރިންގެ ކިބައިގައި އެބަހުރި ކަމަށެވެ.

"އަހަރެމެންނަށް ރަނގަޅަށް ނުކުޅެވުނު (އެކަމަކު) އާދަޔާ ހިލާފް މޮޅެއް ލިބުނީ، މޮޅުވުމުގެ ސިފަ ކުޅުންތެރިން ދައްކައިދިނީ،" މެޗަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ޒަވީ ބުންޏެވެ.

"ތާރީހީ ގޮތުން މި ކްލަބަށް އެކަން މަދުވެފައި އޮތީ... މިއިން ދައްކަނީ ޖީލުގެ ބަދަލުވެފައިވާކަން. އެމީހުން ދޫނުދިނީ. އަމިއްލަ ދަނޑުގައި ކަކޫ މައްޗަށް ތިރިވާން ބޭނުން ނުވީ. އަހަންނަށް ހީވަނީ މި ޖީލް އެންމެ ފަހު ވަގުތާ ހަމައަށް ދޫނުދީ މަސައްކަތް ކުރުމުގެ ރޫހު އެބަހުރިހެން."