Roadha Mihaaru
ބޮޑު ބައްޔަށް ފަހު ބާސާ ދޫކޮށްލާކަން ޒަވީ ހާމަކޮށްފި!

ބޮޑު ބައްޔަށް ފަހު ބާސާ ދޫކޮށްލާކަން ޒަވީ ހާމަކޮށްފި!

28 ޖެނުއަރީ 2024

ބާސެލޯނާ (ޖެނުއަރީ 27) - ވިޔަރެއާލް އަތުން 5-3 ން ބާސެލޯނާ ބަލިވި މެޗަށް ފަހު، އެ ޓީމު ދޫކޮށްލަން ނިންމިކަން ކޯޗު ޒަވީ ހެނާންޑޭޒް އިއުލާންކޮށްފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ބާސެލޯނާ (ޖެނުއަރީ 27) - ވިޔަރެއާލް އަތުން 5-3 ން ބާސެލޯނާ ބަލިވި މެޗަށް ފަހު، އެ ޓީމު ދޫކޮށްލަން ނިންމިކަން ކޯޗު ޒަވީ ހެނާންޑޭޒް އިއުލާންކޮށްފި އެވެ.

ބާސާގެ މިހާރުގެ ހޯމް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި، ބާސާއިން ފަހަތުން އަރައި ނަތީޖާ ހަމަހަމަކޮށް ލީޑް ނެގި އެވެ. އެކަމަކު މެޗުގެ ފަހު ވަގުތު ވިޔަރެއާލުން ތިން ލަނޑު ޖަހައި މެޗުން ކާމިޔާބު ކުރި އެވެ.

އެންމެ ފަހުން ކުޅުނު ދެ މެޗުން ވެސް ބަލިވެ ބާސާގެ ގޯލަށް ވަނީ ދެ މެޗުން ނުވަ ލަނޑު ވަދެފަ އެވެ. ނަތީޖާތައް އެންމެ ރަނގަޅަށް ނުދާތީ ޒަވީގެ ކުރިމަގާ މެދު ކުރިން ވެސް އޮތީ ސުވާލު އުފެދިފަ އެވެ.

ޒަވީ އަށް ޕްރެޝަރު ދަނޑިވަޅެއްގައި، އެ ކްލަބް ދޫކޮށްލަން އޭނާ އިއުލާން ކުރިއަސް، ޒަވީ ބުނީ އެކަން އެގޮތަށް ނިންމާފައިވާތާ ދުވަސްތަކެއް ވެއްޖެ ކަމަށެވެ.

ބާސާގެ ކޮންޓްރެކްޓް ހަމަވާން، ބާކީ އެއް އަހަރު އޮއްވައި، އެ ކްލަބް ދޫކޮށްލަން އޭނާ ނިންމީ ނަތީޖާތައް އެންމެ ރަނގަޅަށް ނުދާތީ އެވެ. އޭނާ ބުނީ އެކަހަލަ ހާލަތެއްގައި އެ ކްލަބް ދޫކޮށްލަން ނިންމުމަކީ ބުއްދި ގަބޫލު ކުރާ ހަމައެއް ކަމަށެވެ. އަދި ބާސާގެ ސަޕޯޓަރެއްގެ ހައިސިއްޔަތުން އޭނާ ދެކެނީ އޭނާގެ ނިންމުން ރަނގަޅަށް ކަމަށް، ޒަވީ ބުންޏެވެ.

"ތިބާގެ މަސައްކަތުގެ އަގު ވަޒަން ނުކުރެވޭހެން ހީވަންޏާ ގިނަ ފަހަރަށް އިހުސާސް ކުރެވެނީ އިހުތިރާމް ކުޑަކަމަށް. އޭގެ ސަބަބުން ސިއްހަތާއި ނަފްސާނީ ދުޅަހެޔޮކަމާއި މޫޑާއި ނަފްސާނީ ހާލަތަށް ބަލާއިރު ވަރަށް ބޮޑަށް ނިކަމެތިކޮށްލާ ކަމެއް. އަހަންނަކީ ޕޮޒިޓިވް މީހެއް ނަމަވެސް ހަކަތަ ދަށްވަމުން، ދަށްވަމުން ގޮސް ކުރިއަށް ދިއުމުގެ މާނައެއް ނޯންނާނެ. އެހެންވީމާ، އަހަރެން އެކަން ކިޔައި ދޭނީ ވެސް އެގޮތަށް،" މެޗަށް ފަހު ޒަވީ ބުންޏެވެ.

"އަހަރެން މި ނިންމުން ނިންމީ މީގެ ދުވަސްކޮޅެއް ކުރިން. އަހަރެންނާ އެންމެ ގާތްކޮށް މަސައްކަތް ކުރާ މީހުންނަށް އެނގޭނެ. އެއީ މިހާރު ކްލަބަށް އަސަރުކުރާ ހާލަތެއް ކަމަށް އަހަންނަށް ހީވަނީ. އޭގެ އަސަރު އަހަރެންނަށް ކުރި ނަމަވެސް ކްލަބަށް އޭގެ އަސަރު ކުރާ ހިސާބުން، އަހަރެން ދެކޭ ގޮތުގައި އަހަރެން ދޫކޮށްލަން ޖެހޭނެ."

ޒަވީގެ ބަދަލުގައި ބާސާގެ ކޯޗު ކަމަށް ހަމަޖައްސާނެ ކަމަށް ބެލެވެނީ، އެ ކްލަބްގެ ޒުވާން ޓީމުގެ ކޯޗު ރަފާ މާކްއޭޒް އެވެ. އޭނާގެ އިރުޝާދުގެ ދަށުން މިދިޔަ ސީޒަނުގައި ބާސާގެ ރިޒާވް ޓީމުން ވަނީ ތިންވަނަ ޑިވިޝަނުގައި ހަތަރު ވަނަ ހޯދާފަ އެވެ. ޕްރޮމޯޝަން ޕްލޭއޮފްގައި އެ ޓީމު ބަލިވީ ރައުލް ގޮންޒާލޭޒް ކޯޗުކޮށްދޭ، ރެއާލް މެޑްރިޑް ކަސްޓިޔާ އަތުންނެވެ.