Roadha Mihaaru
ނެދަލޭންޑްސްގައި ގުރުއާން ވީދުން ކުށްވެރިކޮށްފި

ނެދަލޭންޑްސްގައި ގުރުއާން ވީދުން ރާއްޖޭން ކުށްވެރިކޮށްފި

26 ސެޕްޓެމްބަރ 2023

ނެދަލޭންޑްސްގެ ވެރިރަށް ދަ ހޭގްގައި ހުރި އިސްލާމީ ބައެއް ގައުމުތަކުގެ އެމްބަސީތައް ކުރިމަތީގައި ގުރުއާން ވީދުމުން އެކަން ދިވެހި ސަރުކާރުން އިއްޔެ ކުށްވެރިކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ނެދަލޭންޑްސްގެ ވެރިރަށް ދަ ހޭގްގައި ހުރި އިސްލާމީ ބައެއް ގައުމުތަކުގެ އެމްބަސީތައް ކުރިމަތީގައި ގުރުއާން ވީދުމުން އެކަން ދިވެހި ސަރުކާރުން އިއްޔެ ކުށްވެރިކޮށްފި އެވެ.

ފޮރިން މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ބުނީ ތަކުރާރުކޮށް މި ކަހަލަ އަމަލުތައް ހިންގުމަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި ކުރެވިދާނެ ކަންކަމުގެ ގޮތުގައި ގަބޫލުނުކުރާ ކަމަށެވެ. އަދި މި ކަހަލަ އަމަލުތައް ހުއްޓުވުމަށް ދައުލަތްތަކުން ގައުމީ ފެންވަރުގައި ގާނޫނާއި ސިޔާސަތުތައް ކަނޑައަޅައި ތަންފީޒުކުރަން ޖެހޭ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

މުސްލިމުންނާ ދެކޮޅަށް ނަފުރަތު އުފެއްދުމަށް ހިންގާ މި ކަހަލަ އަނިޔާވެރި އަމަލުތައް ގިނަ ވަމުން ދާތީ ދިވެހި ސަރުކާރުން ވަނީ އެކަމުގެ ކަންބޮޑުވުން ވެސް ފާޅުކޮށްފަ އެވެ.

އެ ބަޔާނުގައި ސަރުކާރުން ވަނީ އިސްލާމްދީނާ ދެކޮޅަށް ހިންގާ ނަފްރަތު އުފެއްދުމުގެ މި ކަހަލަ އަމަލުތައް ތަކުރާރުވިޔަ ނުދީ ހިފަހެއްޓުމަށް، ބައިނަލްއަގުވާމީ މުޖުތަމައުން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ވެސް ގޮވާލައިފަ އެވެ.

ނެދަލޭންޑްސްގައި އުޅޭ އިސްލާމް ދީނީ ދެކޮޅު ހަރުކަށި ގްރޫޕަކުން މިދިޔަ ހޮނިހިރު ދުވަހު ވަނީ އެ ގައުމުގައި ހުންނަ އިސްލާމީ ބައެއް ގައުމުތަކުގެ އެމްބަސީތައް ކުރިމަތީގައި ގުރުއާން ހަތިމުތަކުގެ މައްޗަށް ފައިން އަރައި އަދި ފަހުން ވީދާލައިފަ އެވެ. އޭގެ ތެރޭގައި ތުރުކީ، ޕާކިސްތާނު، އިންޑޮނޭޝިއާ އަދި ޑެންމާކް އެމްބަސީ ވެސް ހިމެނެ އެވެ.

އިރުމަތީ ޔޫރަޕްގެ އެހެން ބައެއް ގައުމުތަކުގައި ވެސް މިފަހުން ވަނީ އިސްލާމް ދީނީ ދެކޮޅު ހަރުކަށި ގްރޫޕްތަކުން ގުރުއާން އެންދުމުގެ އަމަލުތައް ވެސް ހިންގައިފަ އެވެ.