Roadha Mihaaru
ޝާހިދަށް ކާމިޔާބީއަކީ މުޅި ދުނިޔޭގެ އިތުބާރު

ޝާހިދަށް ކާމިޔާބީއަކީ މުޅި ދުނިޔޭގެ އިތުބާރު

16 ނޮވެމްބަރ 2023

ނޮވެމްބަރު 17, 2018 ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވި އިރު ހާރިޖީ ކަންކަން ހުރީ ފޮރިން މިނިސްޓަރު އަބްދުالله ޝާހިދު ވިދާޅުވި ގޮތުގައި ބައިނަލްއަގުވާމީ ދާއިރާގައި ވަރަށް ބޮޑަށް އިތުބާރު ގެއްލި، ބިކަވެފަ އެވެ.

ނޮވެމްބަރު 17, 2018 ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވި އިރު ހާރިޖީ ކަންކަން ހުރީ ފޮރިން މިނިސްޓަރު އަބްދުالله ޝާހިދު ވިދާޅުވި ގޮތުގައި ބައިނަލްއަގުވާމީ ދާއިރާގައި ވަރަށް ބޮޑަށް އިތުބާރު ގެއްލި، ބިކަވެފަ އެވެ.

ރާއްޖެ އޮތީ އިސްލާމީ ދެ ދައުލަތް ކަމަށްވާ ގަތަރާއި އީރާން އާ ގުޅުން ކަނޑާލައިފަ އެވެ. ކޮމަންވެލްތުން ރާއްޖެ ވަކިވި އެވެ. އދ. ގެ ސަލާމަތީ މަޖިލީހަށް ވާދަ ކޮށްގެން މުޅި ދުނިޔެއިން ވެސް ލިބުނީ 40 ހަކަށް ވޯޓެވެ. އަވަށްޓެރި ގައުމުތަކާއި އެ ނުން ވެސް ގައުމުތަކާ ގުޅުން ހީނަރުވެފައިވާ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

އެހެން ނަމަވެސް އަންނަ ހުކުރު ދުވަހު މި ވެރިކަން ނިމުމަކަށް އަންނަ އިރު ފަސް އަހަރުގެ ތެރޭގައި މުޅި ދުނިޔޭގެ އިތުބާރު ރާއްޖެ އަށް ހޯދިއްޖެ ކަމަށް ޝާހިދު ވިދާޅުވި އެވެ. ގަތަރާއި އީރާންއާ ގުޅުން ގާއިމްކޮށް އދ.ގެ އެންމެ މަތީ މަގާމް ކަމުގައިވާ އާންމު މަޖިލީހުގެ ރައީސް ކަމަށް ގިނަ ގައުމުތަކެއްގެ ވޯޓާއެކު އިންތިހާބުވި ކަމަށް ޝާހިދު ވިދާޅުވި އެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު: ފަސް އަހަރުގެ ދައުރު ނިންމާލެއްވި އިރު ދުނިޔޭގެ ގައުމުތަކާ އެކު ރާއްޖޭގެ އޮތް ގުޅުން ބަދަހިވެއްޖެ ކަމަށް ވިދާޅުވި. - ފޮޓޯ: ފޮރިން މިނިސްޓްރީ

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު: ފަސް އަހަރުގެ ދައުރު ނިންމާލެއްވި އިރު ދުނިޔޭގެ ގައުމުތަކާ އެކު ރާއްޖޭގެ އޮތް ގުޅުން ބަދަހިވެއްޖެ ކަމަށް ވިދާޅުވި. - ފޮޓޯ: ފޮރިން މިނިސްޓްރީ

އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހަށް ކުރިމަތިލައިގެން ވެސް އެހާ ބޮޑު އަޣުލަބިއްޔަތުން ތިން ވަނަ ފަހަރަށް އިންތިހާބުވެފައިވާ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

"މިއަދު ދުނިޔޭގެ ހުރިހާ ގައުމަކުން އަޅުގަނޑުމެންނާ އެކު މަސައްކަތް ކުރަން ބޭނުން،" ޝާހިދު ވިދާޅުވި އެވެ.

ފޮރިން މިނިސްޓްރީ ޓީމުންނާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހާރިޖީ ސިޔާސަތު ބައްޓަން ކުރެއްވި ގޮތުން 193 ގައުމުގެ ތެރެއިން 185 ގައުމަށް ޑިޕްލޮމެންޓިކް ގުޅުން އުފެދިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ދިވެހިންގެ ޕާސްޕޯޓް ހިފައިގެން ދަތުރު ކުރާ އިރު ދުނިޔޭގެ 193 ގައުމުގެ ތެރެއިން 101 ގައުމަށް ވިސާ ނެތި ދަތުރު ކުރެވޭނެ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

"މިކަންކަން މިހެން މަގުފަހިވެގެން މި ދިޔައީ ބޭރު ގައުމުތަކާ އެކުގައި ބޭއްވުނު ގާތް ގުޅުމުގެ ސަބަބުން. އަޅުގަނޑު ވަރަށް ފަހުރުވެރިވަން އެގޮތަށް އެ މަސައްކަތް އަޅުގަނޑުމެންގެ ހާރިޖީ ޓީމުން ކޮށް ކާމިޔާބު ހޯދާފައިވާތީ،" އޭނާ ވިދާޅުވި އެވެ.

އދ. ގައި ރާއްޖެ: ދެއްކެވީ ތަފާތު ނަމޫނާއެއް!

ޝާހިދު ވިދާޅުވި ގޮތުގައި ކުޑަ ގައުމަކުން އދ. ގެ ރިޔާސަތާ ހަވާލުވުމުން މިއީ ވަރަށް އާދައިގެ ގޮތަކަށް ދާނެ ދައުރެއް ކަމަށް ބައެއް މީހުން ގަބޫލުކުރި އެވެ.

ރާއްޖެ ހަވާލުވި އަހަރަކީ ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ދުނިޔެ އަށް ދިމާވި އަހަރެކެވެ. ދުނިޔޭގެ ހުރިހާ ގައުމުތަކެއް ކޮވިޑް-19 ގެ ދަތި ހާލަތުގައި އުޅެމުން ދިޔަ އިރު ރަޝިޔާ އާއި ޔޫކްރެއިންގެ ހަނގުރާމަ ފެށުނީ ވެސް ޝާހިދު ރިޔާސަތުގައި ހުންނެވި އަހަރު ތެރޭގަ އެވެ.

އދ.ގެ އާއްމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި އަބްދުﷲ ޝާހިދު ވާހަކަ ދައްކަވަނީ. އޭނާ ވިދާޅުވީ އދ.ގެ އާއްމު މަޖިލީހުގެ ރިޔާސަތާ ކުރިމަތިލެއްވުމުން "ބޯގޯސްތޯ ވެސް ބައެއް ބޭފުޅުން ސުވާކުރެއްވި ކަމަށް. ފޮޓޯ: ރައީސް އޮފީސް.

އދ.ގެ އާއްމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި އަބްދުﷲ ޝާހިދު ވާހަކަ ދައްކަވަނީ. އޭނާ ވިދާޅުވީ އދ.ގެ އާއްމު މަޖިލީހުގެ ރިޔާސަތާ ކުރިމަތިލެއްވުމުން "ބޯގޯސްތޯ ވެސް ބައެއް ބޭފުޅުން ސުވާކުރެއްވި ކަމަށް. ފޮޓޯ: ރައީސް އޮފީސް.

ޝާހިދު ވިދާޅުވި ގޮތުގައި އެފަދަ ހާލަތެއްގައި ރިޔާސަތުގައި އިންނެވި އިރު އެންމެ ބުއްދިވެރި ގޮތަކީ އެއްވެސް ގައުމަކާ މެދު ހާއްސަ ގޮތެއް ނުބަހައްޓައި ސީދާ އދ. ގެ ޗާޓަރާއި އދ. ގެ ކަންކަން ހިންގުމުގައި ގެންގުޅޭ ގަވައިދުތަކާއި އުސޫލާއި ހިންގުމުގެ ވައްޓަފާޅި ހިފެހެއްޓުމެވެ.

އެ ތަފާތު ވަރަށް އަވަހަށް އެހެން ގައުމުތަކަށް ފާހަގަވި ކަމަށް ޝާހިދު ވިދާޅުވި އެވެ.

"ވަރަށް އަވަހަށް ހުރިހާ ގައުމަކަށް ސާފުވެގެން ހިނގައްޖެ އިސްކޮޅުން ކުޑަޔަސް ކުޑަ ގައުމަކުން އަޔަސް ބޯހަރު މީހެއްކަން. ހަމައެކަނި ހިފަހައްޓާނީ މި އުސޫލުކަން." ޝާހިދު ވިދާޅުވި އެވެ.

ޗައިނާ އާ ދުރުވީކީ ނޫން އެ ގައުމު އޮތީ ބަންދުވެފައި

މި ވެރިކަމުގެ ޚާރިޖީ ސިޔާސަތު އޮތީ އިންޑިއާ ކޮޅަށް ބުރަވެފަ އެވެ. އިންޑިއާގެ ނުފޫޒު ގަދަވެ ޗައިނާއާ ކުރިން އޮތް ގާތް ގުޅުން ވަރަށް ބޮޑަށް އޮތީ ހީނަރުވެފަ އެވެ. ޗައިނާ އާއި ރާއްޖެ އޮތް ގުޅުން ހީނަރުވި މައްސަލާގައި ސުވާލު ކުރުމުން ޝާހިދު ވިދާޅުވި ގޮތުގައި ވަކި ގައުމަކަށް ނުވަތަ ވަކި ކޮޅަކަށް ނާރާ އަބަދުވެސް މަސައްކަތް ކުރެއްވީ ކުދި އަދި ބޮޑެތި ހުރިހާ ގައުމުތަކުގެ ހާރިޖީ ވަޒީރުންނާ ވަރަށް ގާތްކޮށެވެ.

އޭގެ އެއް މިސާލަކީ ޗައިނާގެ ސްޓޭޓް ކައުންސިލަރު ވާންގީ މީގެ ދެ އަހަރު ކުރިން ނިއު އިޔާގައި ދަތުރު ފެއްޓެވި އިރު އެންމެ ފުރަތަމަ ވަޑައިގަތް ގައުމަކީ ރާއްޖެ ކަމަށް ޝާހިދު ވިދާޅުވި އެވެ.

"އަޅުގަނޑާއި ވާންގީ އާ ދެ މީހުންނަކީ މިހާރު ވެސް ވަރަށް ގާތް ދެ ރައްޓެހިން. އަޅުގަނޑު އެ މަނިކުފާނަށް ގުޅާލަން ބޭނުންވެއްޖެ ނަމަ ބޭނުން ކަންކަމުގައި މިހާރު ވެސް ގުޅޭ އަދި ވާހަކަ ދެކެވޭ." ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ޗައިނާގެ ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޮޓޯ | މިހާރު

ޝާހިދު ޗައިނާގެ ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޮޓޯ | މިހާރު

ޗައިނާއަކީ ކޮވިޑް-19 އަށް ބަންދުކުރި ފަހުން ގާތްގަނޑަކަށް ތިން އަހަރު ވަންދެން މުޅިން ބަންދުވެފައި އޮތް ގައުމެއް ކަމަށް ޝާހިދު ވިދާޅުވި އެވެ.

އެ ގައުމު ބަންދުވެފައި އޮއްވައި ދުނިޔޭގައި ވެސް އެންމެ ގިނައިން އެ ގައުމަށް ދަތުރު ކުރެއްވި އެއް ހާރިޖީ ވަޒީރަކަށް އޭނާ ވާނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.

އަނެއްކޮޅުން ދުނިޔޭގެ އެންމެ ބޮޑު އާބާދީ އަދި އިގްތިސާދާ ޖެހިގެން ރާއްޖެ އޮތުމަކީ ވަރަށް ފައިދާ ހުރި ކަމެއް ގޮތުގައި ޝާހިދު ފާހަގަ ކުރެއްވި އެވެ.

ސަބަބަކީ ރާއްޖެ އަށް ދިމާވާ ކޮންމެ ކަމެއްގައި އިިންޑިއާގެ އެހީތެރިކަން ލިބުމެވެ. 1988 ގެ ހަމަލާވިޔަސް ސުނާމީ އާއި ފެނުގެ ކާރިސާ ވިޔަސް އިންޑިއާ އިން އެހީ ފޯރުކޮށްދިން ކަމަށް ޝާހިދު ވިދާޅުވި އެވެ.

"އިންޑިއާ އާ ކިތަންމެ ދުރުވާން އުޅުނަސް އެކަމެއް ނުވަނީ އެހެންވެ އެއް ނޫންތޯ. އެންމެ ބޮޑަށް އެހީތެރިވެފައިވާ އެއް ގައުމަކީ އެއީ،" ޝާހިދު ވިދާޅުވި އެވެ.

ރާއްޖެ ތަރައްގީގެ އަނެއް ޕާޓްނަރަކީ ޗައިނާ ކަމަށާއި ނަމަވެސް ކަންދިމާވި ގޮތުން ކޮވިޑް އާ ހެދި އެ ގައުމު އޮތީ އެއްކޮށް ބަންދުކޮށްފައި ކަމަށް ޝާހިދު ވިދާޅުވި އެވެ.

އެތަނުން އެންމެ ކުޑަ މިނުން އެހީ އެއް އަދި ވިޔަފާރިއެއް ވެސް ނުކުރެވޭ ކަމަށް ޝާހިދު ވިދާޅުވި އެވެ. ޗައިނާގެ ފަތުރުވެރިންނަށް ރާއްޖެ އާދެވެން ވެސް ފެށީ މި އަހަރު ކުރީކޮޅެވެ.

އެއީ ސަރުކާރާ އޮތް މައްސަލައެއް ނޫން ކަމަށާއި އެއީ ކޮވިޑާ ހެދި ޗައިނާ ބަންދުވުމުން މީހުންނަށް ދަތުރު ނުކުރެވޭތީ ދިމާވި މައްސަލައެއް ކަމަށް ޝާހިދު ވިދާޅުވި އެވެ.

"އެކަމަކު ވާހަކަ ދައްކާ މީހުން ދައްކަންވީ ނޫންތޯ މިހުރީ އޭ ހިސާބުއަކުރުތަކުން ފެންނަން. މިދިޔަ ފަސް އަހަރު ތެރެއިން ތިން އަހަރު ޗައިނާގެ އެއްވެސް ފަތުރުވެރިއަކު ވެސް ރާއްޖެއަކަށް ނާދެ." ޝާހިދު ވިދާޅުވި އެވެ.

ދެން އަންނަ ފޮރިން މިނިސްޓަރަކަށް ނަސޭހަތް

މާދަމާ އާ ސަރުކާރެއް އެކުލަވާލާއިރު ހާރިޖީ ސިޔާސަތުތައް ގެންގުޅެން ވާނީ ޝާހިދު ވިދާޅުވި ގޮތުގައި ދުނިޔެ އަށް ހުޅުވާލެވިފައި އޮންނަ ސިޔާސަތެއް ގޮތުގައި އެވެ. އަދި ވަކި ބަޔަކާ މެދު ތަފާތު ނުކޮށް އެންމެނާ ވެސް ގުޅުން އޮންނަ ގައުމެއް ގޮތުގަ އެވެ.

އޭގެ އެއް ސަބަބަކީ ރާއްޖެއަކީ ޓުރިޒަމަށް ހުޅުވާލެވިފައި އޮތް ގައުމަކަށް ވާތީ ކަމަށް ޝާހިދު ވިދާޅުވި އެވެ.

"ދޮރުތައް ބަންދުކޮށްގެން ވަކި ކަހަލަ ގޮތްތަކެއް އެކަނި ހަދަން ބޭނުންވާ ބައެއްގެ ގޮތުގައި ދުނިޔެ އަށް ފެނިގެން ނުވާނެ،" ޝާހިދު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަކީ އެންމެނަށް މަރުހަބާ ކިޔައި އެންމެނާއެކީ ގުޅިގެން މަސައްކަތް ކުރާ ބައެއް ގޮތުގައި ދުނިޔެ އަށް ދައްކަންވާނެ." އޭނާ ވިދާޅުވި އެވެ.

ހާރިޖީ ސިޔާސަތުގެ ވާހަކަ ދައްކަވާއިރު ރާއްޖެ އެންމެ ކުރިން ގެންގުޅުން ފަދަ ސިޔާސަތެއް ގެންގުޅެން ޖެހޭ ވާހަކަ ބައެއް ބޭފުޅުން ވިދާޅުވާ ކަމަށް ޝާހިދު ވިދާޅުވި އެވެ. ނަމަވެސް މިއީ އެ ޒަމާނެއް ނޫން ކަމަށާއި ދުނިޔޭގެ ކަންކަން އޮތީ ވަރަށް ބޮޑަށް ބަދަލުވެ ގުޅިލާމެހިފައި ކަމަށް ޝާހިދު ވިދާޅުވި އެވެ.

"އެގޮތަށް އެ ވާހަކަ ދައްކަވާ ބޭފުޅުންގެ އަޑު އާ ސަރުކާރުން ނާއްސަވާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަނީ." ޝާހިދު ވިދާޅުވި އެވެ.

އޭގެ އިތުރުން އިންޑިއާ ކަނޑުގައި ރާއްޖެ އޮތް ސްޓްރެޓަޖިކް ޕޮޒިޝަންގެ ސަބަބުން ދުނިޔޭގެ ބޮޑެތި ގައުމުތަކުގެ ކަޅި ރާއްޖެ އަށް ހުއްޓިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ ރާއްޖެއިން ކަންކަމުގައި ބައިވެރިވާން ޖެހޭ ކަމަށާއި ލީޑާޝީޕް ރޯލެއް ވެސް އަދާ ކުރަން ޖެހޭ ކަމަށް ޝާހިދު ވިދާޅުވި އެވެ.

އޭގެ އިތުރުން ކެރިގެން ކަންކަމުގައި ބަސް ބުނަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ހިދުމަތް ކުރުމުގައި ދެމި ހުންނަވާނަން"

ހާރިޖީ ދާއިރާގެ އާދައިގެ މުއައްޒަފެއް ގޮތުގައި ދައުލަތަށް ހިދުމަތް ކުރަން ފެއްޓެވި ޝާހިދަކީ ރައްޔިތުންގެ މަޖިލީހަށް ވެސް އިންތިހާބުވެ އެތައް އަހަރަކު މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމު ވެސް އަދާ ކުރެއްވި އެވެ. ފޮރިން މިނިސްޓަރު ކަމާ ހަމައަށް ވަޑައިގެން ދެ ފަހަރެއް އެ މަގާމް އަދާކުރެއްވި އެވެ. އޭގެ އިތުރުން އދ ގެ ރިޔާސަތާ ވެސް ހަވާލުވި އެވެ.

ކުރިޔަށް އޮތްތަނުގައި ދެން ކަންކަން ކުރައްވާނީ ކިހިނެތްތޯ ސުވާލު ކުރުމުން ޝާހިދު ވިދާޅުވީ ރައްޔިތުންނަށް ހިދުމަތް ކުރުމުގައި އަދިވެސް ދެމިހުންނަވާނެ ކަމަށެވެ.

"ހިދުމަތެއް ކުރެވެން އޮތް ކޮން ރޮނގަކުން ހިދުމަތް ކުރުމުގައި ދެމި ހުންނާނަން،" ޝާހިދު ވިދާޅުވި އެވެ.

ކުރިޔަށް އޮތްތަނުގައި ރާއްޖޭގެ ރައީސްގެ މަގާމަށް ކުރިމަތިލައްވަފާނެތޯ ސުވާލު ކުރުމުން ޝާހިދު ވިދާޅުވި ގޮތުގައި އެފަދަ ކަމެއް ކުރުމަށް ހިތު ނިޔަތް ގަނެފައި ނުވާ ކަމަށެވެ. އަދި އެފަދަ އަމާޒަކަށް ހިފައިގެން މަސައްކަތް ވެސް ނުކުރައްވާ ކަމަށެވެ.

އެހެން ނަމަވެސް އެކަމަށް ޝައުގުވެރި ނުވާ ކަމަކަށް ވެސް ޝާހިދު ވިދާޅެއް ނުވެ އެވެ.

އެހެން ނަމަވެސް ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވަދަ ނުކުރައްވާނެ ކަމަށް ޝާހިދު ވިދާޅުވި އެވެ. އެއީ އެ މަސައްކަތުގައި ޒުވާނުންނަށް ފުރުސަތު ދޭން ޖެހޭ ކަމަށް ގަބޫލު ކުރައްވާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ ލީޑާޝިޕަށް ކުރިމަތިލާނެތޯ ސުވާލު ކުރުމުން ޝާހިދު ވިދާޅުވި ގޮތުގައި އެކަމާ ގުޅޭ ގޮތުން ޖެހޭނީ ބައެއް ބޭފުޅުންނާ މަޝްވަރާ ކުރައްވަން ކަމަށެވެ.

"އަޅުގަނޑުގެ ހިތެއް ނުބުނޭ އެފަދަ ކަމެއް އަޅުގަނޑު ކޮށްފާނެހެން،"ޝާހިދު ވިދާޅުވި އެވެ.