Roadha Mihaaru
މުއިއްޒު އިސްކަންދެއްވީ ހަދާ ދޮގުތައް ސާފުކޮށްދޭން!

އައްޑޫ މީހުންނަށް މުއިއްޒުގެ ޖަވާބު: މަޝްރޫއުތަކެއް ނުހުއްޓުވާނެ، ވަޒީފާތަކުން ވަކި ނުކުރާނެ

27 ސެޕްޓެމްބަރ 2023

ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ކެމްޕެއިނަށް އިިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އައްޑު އަށް ވަޑައިގެން، ފޭދު އާއި މަރަދޫ ފޭދޫ އަދި މަރަދޫގެ މީހުންނާ ވަކިވަކިން ބައްދަލުކުރައްވައި، އެ މީހުންގެ ސުވާލުތަކަށް ގާތުން ޖަވާބުދެއްވައިފި އެވެ.

އައިޝަތު ނުޒުހާ އައްޑޫ ސިޓީން އައިޝަތު ނުޒުހާ

ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ކެމްޕެއިނަށް އިިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އައްޑު އަށް ވަޑައިގެން، ފޭދު އާއި މަރަދޫ ފޭދޫ އަދި މަރަދޫގެ މީހުންނާ ވަކިވަކިން ބައްދަލުކުރައްވައި، އެ މީހުންގެ ސުވާލުތަކަށް ގާތުން ޖަވާބުދެއްވައިފި އެވެ.

ކެމްޕެއިނުގެ ފަހު ދަތުރުގައި ދެކުނުގެ އަތޮޅުތަކަށް ކުރަމުން ގެންދާ ދަތުރުގައި މުއިއްޒު މިއަދު ފުރަތަމަ ވަޑައިގެންނެވީ ފޭދޫއަށެވެ. ފޭދޫ ބަނދަރުން ގިނަ އަދަދެއްގެ ސަޕޯޓަރުން އެއްވެ، މުއިއްޒަށް މަރުހަބާ ދެންނެވި އެވެ.

އާދަވެގެން ކޮންމެ ރަށެއްގައި ބާއްވަމުން އަންނަ ޖަލްސާގައި މުއިއްޒު ވަރަށް ކުރުކޮށް ވާހަކަ ދެއްކެވުމަށް ފަހު، ރައްޔިތުންގެ ސުވާލުތަކަށް ފުރުސަތު ހުޅުވައިލެއްވި އެވެ. ތިން ރަށުގެ އެކިއެކި ކެމްޕެއިން ޖަގަހަތައް ހުޅުއްވައި ދެއްވުމަށް ފަހު، އެކި ކަންކަމާގުޅޭ ގޮތުން މުއިއްޒުގެ ފަރާތުން ކަންކަން ސާފު ކުރުމުގެ ފުރުސަތު ދެއްވި އެވެ. ރައްޔިތުން ކުރި ހުރިހާ ސުވާލަކަށް މުއިއްޒު ވަނީ ވަރަށް ތަފްސީލްކޮށް ޖަވާބު ވެސް ދެއްވައިފަ އެވެ.

އައްޑޫ އިން މުއިއްޒަށް އެންމެ ގިނައިން އަމާޒުވި ސުވާލަކީ މީގެ ކުރިން އެތައް ފަހަރަކު ޖަވާބު ދެއްވާފައިވާ ބޯހިޔާވަހިކަމުގެ މައްސަލައިގެ ސުވާލުތަކެވެ. މި ސަރުކާރުން ދީފައިވާ ފްލެޓްތަކާއި ގޯތިތައް މުއިއްޒުގެ ސަރުކާރެއްގައި އަތުލަފާނެތޯ ކުރާ ސުވާލެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މުއިއްޒު ވިދާޅުވީ، ވާދަވެރިން އެންމެ ގަދަ އަށް ދެކޮޅަށް ދައްކަނީ އޭނާގެ ވެރިކަމެއްގައި ވަޒީފާތަކުން މީހުން ވަކިކުރާނެ ވާހަކަ އާއި ތަރައްގީގެ މަޝްރޫއުތައް ހުއްޓުވާނެ ކަމުގެ ވާހަކަ ކަމަށެވެ.

މުއިއްޒު އައްޑޫ ސިޓީ ފޭދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ސުވާލުކުރަން ފުރުސަތު ދެއްވި -- ފޮޓޯ: ނިޝާން އަލީ/ މިހާރު

މުއިއްޒު އައްޑޫ ސިޓީ ފޭދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ސުވާލުކުރަން ފުރުސަތު ދެއްވި -- ފޮޓޯ: ނިޝާން އަލީ/ މިހާރު

މުއިއްޒު މިއަދު ވެސް ތަކުރާރުކޮށް ވިދާޅުވީ، އެއްވެސް ރަށެއްގައި އެއްވެސް މަރުހަލާއެއްގައި ފަށާފައިވާ އެއްވެސް މަޝްރޫއެއް ހުއްޓާނުލައި، ބާރު ސްޕީޑުގައި ކުރިއަށް ގެންދާނެ ކަމަށެވެ. ރައްޔިތުންގެ ހިޔާލާ އިދިކީލަކޮށް ބައެއް ރަށްރަށުގައި ފަށާފައި ހުރި މަޝްރޫއުތަކަށް ބަދަލު ގެނެސް، އެ މަޝްރޫއުތައް ވެސް ހިންގާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"ސަރުކާރުން ދޭން ނިންމާފައި އޮތް އެއްވެސް ގޯއްޗެއް ފްލެޓެއް އަތެއް ނުލާނަން، ބަދަލެއް ނުގެންނާނަން، އެ ދޭން ނިންމި ތަނަކުން އެ ގޯތި ނުވަތަ ފްލެޓު ލިބިގެން ދާނެ. އެއީ ރާއްޖޭގެ ކޮންމެ ތަނަކުން ވިޔަސް،" ރައްޔިތުންނަށް ދެއްވާ ޔަގީންކަން ތަކުރާރު ކުރައްވައި މުއިއްޒު ވިދާޅުވި އެވެ.

ފޭދޫ އިން މުއިއްޒަށް އަމާޒުވި އަނެއް ސުވާލަކީ ފުރަތަމަ 100 ދުވަހުގެ ވައުދުތައް ކޮބައިތޯ އެވެ. އެ ސުވާލަށް މުއިއްޒު ވިދާޅުވީ އެ ނަމުގައި އެއްވެސް ވައުދެއް ނުވާ ކަމަށާއި މި ސަރުކާރުން ކަންކަން ގެންގޮސްފައިވާ ގޮތުން ކަންކަން ހުންނާނެ ގޮތް އަންދާޒާ ކުރަން އަދި ދަތިކަމަށެވެ.

މުއިއްޒު އައްޑޫއަށް ވަޑައިގަތުމުން މަރުހަބާ ކިޔަން ނުކުތް ސަޕޯޓަރުންތަކެއް -- ފޮޓޯ: ނިޝާން އަލީ/ މިހާރު

މުއިއްޒު އައްޑޫއަށް ވަޑައިގަތުމުން މަރުހަބާ ކިޔަން ނުކުތް ސަޕޯޓަރުންތަކެއް -- ފޮޓޯ: ނިޝާން އަލީ/ މިހާރު

"މިސާލަކަށް ފައިސާ ހަރަދު ކުރަމުންދާ ވަރު، ޑެޓް އޮތް ވަރު، މިހުރިހާ ކަމެއް ނޭނގި އަޅުގަނޑަށް ފުރަތަމަ 100 ދުވަސް ތެރޭގައި ފުރަތަމަ ދުވަހު މި ކަންތައް، ދެ ވަނަ ދުވަހު މިކަންތައް ކިޔާފައި ޕްލޭނެއް މިވަގުތު އިއުލާނު ކުރުމަކީ އަޅުގަނޑު ކުރާނެ ކަމެއް ނޫން،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ، އިންތިހާބު ކާމިޔާބު ކުރެއްވުމަށް ފަހު އެ މައުލޫމާތުތައް ހޯދައި ދެނެގަތުމަށް ފަހު 100 ދުވަހު ކުރައްވާނެ ކަންކަން އިއުލާނު ކުރައްވާނެ ކަމަށެވެ.

މެންދުރު ފަހު މުއިއްޒު ދެން ވަޑައިގަންނަވާނީ އައްޑޫ ހިތަދޫ އަށެވެ. އެ ރަށުގައި ބައެއް ގޭގެއަށް ދޮރުންދޮރަށް ހިންގުމުގެ ހަރަކާތެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. އޭގެ ފަހުން ދެ ވަނަ ބުރުގެ ކެމްޕެއިނު އެންމެ ފަހު މަންޒިލެއްގެ ގޮތުން ވަޑައިގަންނަވާނީ ހުޅުދޫ އަދި މީދު އަށެވެ.