Roadha Mihaaru
ރޮހިންޖާ މުސްލިމުންނަށް މެލޭޝިއާ އިން އެހީ ފޮނުވައިފި

ރޮހިންޖާ މުސްލިމުންނަށް މެލޭޝިއާ އިން ކާނާ އާއި އަންނައުނު ފޮނުވައިފި

05 ފެބުރުއަރީ 2017

ކުއާލަ ލަމްޕޫރު (ފެބްރުއަރީ 5) - މިއަންމާގެ ރަކީން ސްޓޭޓުގައި ހާލުގައި ޖެހިފައިވާ ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނަށް ކާނާ އާއި އަންނައުނު މެލޭޝިއާ އިން ފޮނުވައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކުއާލަ ލަމްޕޫރު (ފެބްރުއަރީ 5) - މިއަންމާގެ ރަކީން ސްޓޭޓުގައި ހާލުގައި ޖެހިފައިވާ ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނަށް ކާނާ އާއި އަންނައުނު މެލޭޝިއާ އިން ފޮނުވައިފި އެވެ.

މިއަންމާގެ މުސްލިމުންނަށް އެ ގައުމުގެ ސިފައިން ކުރަމުންދާ އަނިޔާއާ ދެކޮޅަށް އެންމެ ބޮޑަށް އަޑު އުފުލާ އެއް ގައުމަކީ މެލޭޝިއާ އެވެ. ބޮޑު ވަޒީރު ނަޖީބު ރައްޒާގު ވަނީ މުސްލިމުންނާ ދެކޮޅަށް މިއަންމާ ސިފައިން "ގަތުލްއާއްމެއް" ހިންގަމުންދާ ކަމަށް ވިދާޅުވެފަ އެވެ.

"މިއަންމާގެ މުސްލިމުންގެ ކެކުޅުންތައް އިހްސާސް ކުރެވޭ. މުސްލިމުން މަރާ، ދިރިހުއްޓާ އަންދާ އަދި އަންހެނުން ދަނީ ރޭޕް ކުރަމުން،" އެހީގެ ބޯޓު ފުރުވާލުމަށް ކުއާލަ ލަމްޕޫރުގެ ޕޯޓް ކްލަންގް ބަނދަރަށް ވަޑައިގެން ހުންނެވި ނަޖީބު ވިދާޅުވި އެވެ.

ނޯޓިކަލް އަލިޔާ ބޯޓު ފުރުވާލުމަށް 700 ވަރަކަށް މީހުން ބަނދަރަށް އެއްވި އެވެ. މިއަންމާގެ މުސްލިމުންނަށް ވަނީ 2،200 ޓަނުގެ ހަނޑުލާއި ސިއްހީ ސާމާނާއި އަންނައުނު އަދި އެނޫން ވެސް މުހިންމު ސާމާނު ފޮނުވައިފަ އެވެ. އަދި 238 އެކްޓިވިސްޓުން ވެސް ބޯޓުން ދިޔަ އެވެ. ބޯޓު ފުރަތަމަ ދަތުރު ކުރާނީ މިއަންމާގެ ވެރިރަށް ޔަންގޫނަށެވެ. ބޯޓުން ގެންދާ ބައެއް ސާމާނު ރަކީން ސްޓޭޓާ ހަމައަށް ފޯރުކޮށްދޭނެ ކަމަށް މިއަންމާ ސަރުކާރުން ބުނެފައިވެ އެވެ. އަނެއްބައި ސާމާނު ދޭނީ ބަންގްލަދޭޝްގައި ތިބި ރޮހިންޖާ ރެފިއުޖީންނަށެވެ. ރޮހިންޖާ މުސްލިމުންގެ 66،000 މީހުން ވަނީ ބަންގްލަދޭޝް އަށް ބަދަލުވެފަ އެވެ.

މިއަންމާގެ މުސްލިމުންނަށް އެހީގެ ތަކެތި ހިފައިގެންދާ ބޯޓުން ދަތުރު ކުރާ ވޮލަންޓިއަރުން. --ފޮޓޯ:އޭއެފްޕީ

މިއަންމާގެ މުސްލިމުންނަށް އެހީގެ ތަކެތި ހިފައިގެންދާ ބޯޓުން ދަތުރު ކުރާ ވޮލަންޓިއަރުން. --ފޮޓޯ:އޭއެފްޕީ

އދ. އިން ތައްޔާރުކުރި ރިޕޯޓަކަށް ވަނީ، ރަކީން ސްޓޭޓުގެ އަނިޔާވެރިކަމުން ސަލާމަތްވުމަށް ބަންގްލަދޭޝް އަށް ގޮސް ތިބި 200 ވަރަކަށް ރޮހިންޖާ މުސްލިމް ރެފިއުޖީން ދާދި ފަހުން އިންޓަވިއު ދީފަ އެވެ. އދ. އިން އިންޓަވިއު ކުރި މީހުންގެ ދެބައިކުޅަ އެއްބައި މީހުން ވަނީ އެ މީހުންގެ އާއިލާގެ މެންބަރަކު މިއަންމާ ސިފައިންގެ ހަމަލާގައި މަރާލާފައިވާ ކަމަށް ބުނެފަ އެވެ.

އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނާ ޒައިދު ރާދު އަލް ހުސައިން ވިދާޅުވީ ރޮހިންޖާ މުސްލިމުންނަށް ދޭ އަނިޔާތައް ބަލައި ނުގަނެވޭނެ ކަމަށެވެ. އަދި މިއަންމާ ސިފައިންގެ އަނިޔާވެރިކަން ހުއްޓުވުމަށް އެ ގައުމުގެ ސަރުކާރަށް ބާރު އެޅުމަށް ބައިނަލްއަގުވާމީ މުޖްތަމަ އަށް އޭނާ ވަނީ ގޮވާލައްވައިފަ އެވެ.

މިއަންމާގެ މުސްލިމުންނަށް އަނިޔާކުރާ ވީޑިއޯއެއް ލީކުވެފައިވީ ނަމަވެސް އެ މައްސަލަ ބަލަން އަން ސަން ސޫކީގެ ސަރުކާރުން އުފެއްދި ކޮމިޝަނުން ބުނެފައި ވަނީ އަނިޔާ ނުކުރާ ކަމަށެވެ. ނަމަވެސް ސްޓޭޓް ކައުންސިލާ ސޫކީގެ ތަރުޖަމާނަކު ފަހުން ވިދާޅުވެފައި ވަނީ މުސްލިމުންނަށް ދޭ އަނިޔާތައް ކުރިން ހީކުރިވަރަށް ވުރެ ސީރިއަސް ކަމަށާއި އެ މައްސަލަ ބަލާނެ ކަމަށެވެ. މުސްލިމުންނަށް އަނިޔާ ކުރަމުންދާ އިރު، ނޯބެލް ސުލްހައިގެ އިނާމު ހޯދާފައިވާ އަން ސަން ސޫކީ ހިމޭނުން ހުންނަވާތީ އެކަމަނާ އަށް ދަނީ ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވަމުންނެވެ.

ރަކީންގައި މިލިއަނެއްހާ މުސްލިމުން ދިރިއުޅެ އެވެ. އެކަމަކު ރަކީންގެ އަޣުލަބިއްޔަތު އޮންނަ ބުޑިސްޓުން ބުނަނީ އެއީ ގަވާއިދާ ޚިލާފަށް އެތެރެވެފައިވާ ބައެއް ކަމަށެވެ. ރަކީންގައި މުސްލިމުންނާ ދެކޮޅަށް ބުޑިސްޓުން 2012 ވަނަ އަހަރު ދިން ހަމަލާތަކުގައި 100،000 މުސްލިމުން ހާލުގައި ޖެހުނެވެ. ރޮހިންޖާ މުސްލިމުންނަކީ މިއަންމާގެ ރައްޔިތުންގެ ގޮތުގައި އެ ގައުމުގެ ސަރުކާރުން ވެސް ބަލައިގެންފައެއް ނުވެ އެވެ. އެކަމަކު އެ މީހުން މިއަންމާގެ ދިރިއުޅޭތާ އެތައް ޒަމާނެއް ވެއްޖެ އެވެ. ރޮހިންޖާ މުސްލިމުން ގަބޫލް ކުރަން ބަންގްލަދޭޝް އިން ވެސް ވަނީ ދެކޮޅު ހަދައިފަ އެވެ.