Roadha Mihaaru
މުއިއްޒަށް ރަނިލް ގުޅުއްވައި، މަރުހަބާ ވިދާޅުވެއްޖެ

މުއިއްޒަށް ލަންކާގެ ރައީސް ގުޅުއްވައި، މަރުހަބާ ވިދާޅުވެއްޖެ

01 އޮކްޓޯބަރ 2023

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ މިއަދު ގުޅުއްވައި، މަރުހަބާ ވިދާޅުވެއްޖެ އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ މިއަދު ގުޅުއްވައި، މަރުހަބާ ވިދާޅުވެއްޖެ އެވެ.

ލަންކާގެ ރައީސްގެ މީޑިއާ ޑިވިޝަނުން ބުނި ގޮތުގައި މުއިއްޒަށް ރަނިލް ކުރެއްވި ފޯން ކޯލްގައި ރަނިލް ވަނީ ރާއްޖެ އާއި ލަންކާއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން ކުރިއަށް އޮތް ތަނުގައި ވެސް ދެމެހެއްޓުމުގެ މުހިންމުކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވައިފަ އެވެ.

ވަކިން ހާއްސަކޮށް އިގްތިސޯދީ ގޮތުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ރަނިލް ވަނީ މުއިއްޒުއާ މަޝްވަރާ ކުރައްވައިފަ އެވެ. އޭގެ އިތުރުން ތައުލީމީ އަދި ސިއްހީ ދާއިރާއާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރެއްވި ކަމަށް މީޑިއާ ޑިވިޝަނުން ބުންޏެވެ.

ރަނިލް ވަނީ ދެ ގައުމުގެ ކުރިއެރުމާއި ރައްޔިތުންގެ އުއްމީދުތައް ހާސިލް ކުރުމަށް ފުރިހަމަ އެއްބާރުލުން އިންތިހާބީ ރައީސް މުއިއްޒަށް ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ. އަދި، މުއިއްޒުގެ ވެރިކަމުގައި ރާއްޖެއަށް އިތުރު ކުރިއެރުމާއި ފާގަތިކަން ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ރަނިލް ވިދާޅުވެފައިވެ އެވެ.

އިންތިހާބީ ރައީސަށް އެކި ގައުމުތަކުން މަރުހަބާ ކިޔަމުންދާއިރު، އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވެސް ވަނީ އެކްސް މެދުވެރި ކުރައްވައި މުއިއްޒަށް މަރުހަބާ ވިދާޅުވެފަ އެވެ.

އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވާދަކުރައްވައި، މުއިއްޒު ކާމިޔާބު ހޯއްދެވިއިރު، ވެރިކަން ބަދަލުވުމުގެ މަރުހަލާ މިއަދު ރައީސް ވަނީ ފައްޓަވައިފަ އެވެ. ރައީސް ވެސް ވަނީ ނަތީޖާ ގަބޫލު ކުރައްވައި މުއިއްޒަށް މަރުހަބާ ވިދާޅުވެފަ އެވެ.