Roadha Mihaaru
މުއިއްޒު ފުރަތަމަ ބައްދަލުކުރެއްވީ ޔޫކޭ ސަފީރާ

މުއިއްޒު އެންމެ ފުރަތަމަ ބައްދަލުކުރެއްވީ އިނގިރޭސި ސަފީރާ

04 އޮކްޓޯބަރ 2023

ރާއްޖޭގެ އާ ރައީސަކަށް މިދިޔަ ހޮނިހިރު ދުވަހު އިންތިހާބުކުރި ޑރ. މުހައްމަދު މުއިއްޒު އެންމެ ފުރަތަމަ ބައްދަލުކުރެއްވި ބޭރުގެ ސަފީރަކަށް ރާއްޖޭގައި ހުންނަވާ އިނގިރޭސި ވިލާތުގެ ސަފީރު ކެރޮން ރޮސްލާ ވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރާއްޖޭގެ އާ ރައީސަކަށް މިދިޔަ ހޮނިހިރު ދުވަހު އިންތިހާބުކުރި ޑރ. މުހައްމަދު މުއިއްޒު އެންމެ ފުރަތަމަ ބައްދަލުކުރެއްވި ބޭރުގެ ސަފީރަކަށް ރާއްޖޭގައި ހުންނަވާ އިނގިރޭސި ވިލާތުގެ ސަފީރު ކެރޮން ރޮސްލާ ވެއްޖެ އެވެ.

މިއަދު ހެނދުނު އެ ބައްދަލުކުރެއްވުން އޮތީ އިންތިހާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ. މުއިއްޒުއާ އެކު، އެ ބައްދަލުވުމުގައި އިންތިހާބީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އިންތިހާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނި ގޮތުގައި، އިނގިރޭސި ވިލާތުގެ ސަފީރު ވަނީ ރިޔާސީ އިންތިހާބުގައި މުއިއްޒު ހޯއްދެވި ބޮޑު ކާމިޔާބީ އަށް އިނގިރޭސި ވިލާތުގެ ސަރުކާރާއި ރައްޔިތުންނާ އަދި އޭނާގެ އަމިއްލަ ނަމުގައި މަރުހަބާ ދަންނަވައިފަ އެވެ. މުއިއްޒުގެ ވެރިކަމުގައި އެ ގައުމާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ސަފީރު ވިދާޅުވި ކަމަށް މުއިއްޒުގެ ރަސްމީ އޮފީހުން ބުންޏެވެ.

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިންތިހާބީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު އިނގިރޭސިވިލާތުގެ ސަފީރު ކެރޮން ރޮސްލާއާ ބައްދަލުކުރެއްވުން.-- ފޮޓޯ: ޓީމް މުއިއްޒު

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިންތިހާބީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު އިނގިރޭސިވިލާތުގެ ސަފީރު ކެރޮން ރޮސްލާއާ ބައްދަލުކުރެއްވުން.-- ފޮޓޯ: ޓީމް މުއިއްޒު

މުއިއްޒު ބައްދަލުކުރެއްވި ބޭރުގެ ފުރަތަމަ ޑިޕްލޮމޭޓަކީ އޭނާ ކަމަށް ވެވަޑައިގަތުމަކީ ލިބިވަޑައިގަތް ވަރަށް ބޮޑު ޝަރަފެއް ކަމަށް ވެސް ސަފީރު ވިދާޅުވި އެވެ. ރާއްޖޭގެ ކޮންމެ ސަރުކާރަކުން ވެސް އެ ގައުމާ އެކު، ބާއްވަމުން އަންނަ ގާތް ގުޅުން މުއިއްޒުގެ ވެރިކަމުގައި ވެސް ދަމަހައްޓާނެ ކަމުގެ ޔަގީންކަން ސަފީރު ދެއްވި އެވެ

އެ ބައްދަލުކުރެއްވުމުގައި މުއިއްޒު ވަނީ އިނގިރޭސި ވިލާތުގެ ފުރިހަމަ ތާއިދާއި އެއްބާރުލުން އަލަށް އުފެދޭ ސަރުކާރާ އެކު ވެސް އޮންނާނެ ކަމަށް ސަފީރު ދެއްވި ޔަގީން ކަމަށް ޝުކުރު އަދާކުރައްވައިފަ އެވެ.

"ހުރިހާ ދާއިރާއަކުން ވެސް އިނގިރޭސި ވިލާތާ އޮތް ގުޅުންތައް ވަރުގަދަ ކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވި. ދިވެހި ގައުމަށާއި ރައްޔިތުންނަށް މަންފާ ހުރި އެތައް ކަމެއް އިނގިރޭސި ވިލާތާ އެކު އޮތް ގާތް ގުޅުމުގެ ސަބަބުން ހާސިލުވާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވެސް މުއިއްޒު ވިދާޅުވި،" އިންތިހާބީ ރައީސްގެ އޮފީހުން ބުންޏެވެ.

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު، އިނގިރޭސިވިލާތުގެ ސަފީރު ކެރޮން ރޮސްލާއާ ބައްދަލުކުރެއްވުން.-- ފޮޓޯ: ޓީމް މުއިއްޒު

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު، އިނގިރޭސިވިލާތުގެ ސަފީރު ކެރޮން ރޮސްލާއާ ބައްދަލުކުރެއްވުން.-- ފޮޓޯ: ޓީމް މުއިއްޒު

ރިޔާސީ އިންތިހާބުގައި ހޯއްދެވި ބޮޑު ކާމިޔާބީގެ އުފާވެރިކަން ފާހަގަކުރަން މިދިޔަ ހޯމަ ދުވަހުގެ ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވި ގޮތުގައި، ސަރުކާރު ބަދަލުވުމަށް މި ހިނގާ ޓްރާންސިޝަން ޕީރިއަޑްގެ ތެރޭގައި އެކި ގައުމުތަކުގެ ސަފީރުން އެ މަނިކުފާނާ ބައްދަލުކުރައްވަން އަންނަނީ އެދިވަޑައިގަންނަވަމުންނެވެ. އަދި ކަނޑައެޅިފައި އޮންނަ އުސޫލުން އެ ހުރިހާ ބޭފުޅުންނާ ވެސް ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

އެންމެ އަވަށްޓެރި ގައުމުތަކުގެ ސަފީރުންނާ ވެސް ބައްދަލުކުރައްވާނެ ކަމަށް މުއިއްޒު އެ ޖަލްސާގައި ވިދާޅުވި އެވެ.

ބޭރުގެ ބައެއް ނޫސްތަކުން އެމަނިކުފާނަކީ "ޕްރޯ-ޗައިނާ" ބޭފުޅެއް ކަމަށް ބުނެ ލިޔެފައިވާ ބައެއް ޚަބަރުތަކަށް ނުސީދާ ރައްދެއް ދެއްވައި އެ ރޭ މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސިޔާސަތަކީ "ޕްރޯ-މޯލްޑިވްސް" ސިޔާސަތު ކަމަށެވެ. އެ ސިޔާސަތަށް ތަބާވާ ހުރިހާ ގައުމަކާ އެކު ގާތް ރަހުމަތްތެރި ކަމުގެ ގުޅުމެއް ބާއްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.