Roadha Mihaaru
ކޯރަމް ހަމަނުވާތީ ބަރުލަމާނީ މަސައްކަތް ކުރިއަށް ނުދިޔަ

ކޯރަމް ހަމަނުވެ ނިޒާމީ ވޯޓުގެ މަސައްކަތް ކުރިއަށް ނުދިޔަ!

02 އޮކްޓޯބަރ 2023

ރައްޔިތުންގެ މަޖިލީހުގެ ކޯރަމް ހަމަނުވެ، މިއަދުގެ ޖަލްސާ ވެސް ނިންމާލައިފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ރައްޔިތުންގެ މަޖިލީހުގެ ކޯރަމް ހަމަނުވެ، މިއަދުގެ ޖަލްސާ ވެސް ނިންމާލައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވެސް އެޖެންޑާ ކޮށްފައި އޮތީ ރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށް މަޖިލީހުން ފާސްކޮށްފައިވާ ގަރާރާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން ފޮނުވާފައިވާ ސިޓީއާ ގުޅޭ މައްސަލަ އެވެ.

އެ މައްސަލަ އެޖެންޑާކޮށްގެން، މިދިޔަ ހަފްތާގެ ހޯމަ ދުވަހު ބާއްވަން އުޅުނު ޖަލްސާގައި ވެސް ކޯރަމް ހަމަވެފައެއް ނުވެ އެވެ. މިއަދުގެ ޖަލްސާ ފެށިއިރު ހާޒިރުވެ ތިބީ އެންމެ 15 މެންބަރުންނެވެ. ޖަލްސާ ފެށުމަށް ބޭނުންވާ 22 މެންބަރުން ހަމަވޭތޯ ރިޔާސަތުން ވަނީ އިތުރު 15 މިނެޓު ވެސް މަޑުކުރައްވައިފަ އެވެ.

ކޯރަމް ހަމަނުވުމާ ގުޅިގެން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، މެންބަރުން މިއަދު މަޖިލީހަށް ވަޑައިނުގަންނަވަންވީ ސަބަބެއް ވިސްނިވަޑައިނުގަންނަވާ ކަމަށެވެ.

މިފަހަކަށް އައިސް މަޖިލީހުގެ ކޯރަމް ހަމަނުވެގެން ޖަލްސާތައް ބޭއްވުމާއި ކުރިއަށް ގެންދިޔުމަށް ދަތި ވާ ކަމުގެ ކަންބޮޑުވުން ނަޝީދު ވަނީ ތަކުރާރުކޮށް މީގެ ކުރިން ފާޅުކުރައްވައިފަ އެވެ.

ނިޒާމު ބަދަލުކުރުމުގެ މަސައްކަތަށް ބޭނުންވާ ކަންކަން މަޖިލީހުން ނިންމަން މަސައްކަތް ކުރަމުންދާއިރު ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް އިސްލާހެއް ވެސް ވަނީ ހުށަހަޅައިފަ އެވެ. މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ހުށަހެޅުއްވީ ބިލް ފާސްކުރުމުގެ ކުރިން ފެންނަ ނުފެންނަ ވޯޓެއް ނަގާފައިވާ ނަމަ އިތުރު ވޯޓަކަށް ދާން ނުޖެހޭ ގޮތަށް ހެދުމަށެވެ.

ގާނޫނުއަސާސީ މިހާރު އޮންނަ ގޮތުން ނިޒާމު ބަދަލު ކުރެވޭނީ ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލެއް މަޖިލީހުން ފާސްކުރުމަށްފަހު އެ ބިލް ރައީސް ތަސްދީގު ކުރެއްވުމުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށްފަހު އެވެ.

މަޖިލީހުން ކުރިން އޮތީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރަން ފެންނަ ނުފެންނަ ވޯޓަކަށް ދާން ގަރާރެއް ފާސްކޮށްފަ އެވެ. ނަމަވެސް އޭރު އެގޮތަށް ފާސްކުރީ ރައްޔިތުންގެ ހިޔާލު ހޯދުމަށް މަޖިލީހަށް ލިބޭ ބާރުގެ ތެރެއިންނެވެ.