Roadha Mihaaru
ބަރުލަމާނީ ޕެޓިޝަންގައި 50،000 އަށް ވުރެ ގިނަ މީހުން ސޮއިކޮށްފި

ބަރުލަމާނީ ޕެޓިޝަނުގައި 50،000 އަށް ވުރެ ގިނަ މީހުން ސޮއިކޮށްފި

02 ސެޕްޓެމްބަރ 2021

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ އަށް ބަދަލުކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ބާރު އަޅަން އެމްޑީޕީގެ ބަޔަކު އިސްވެ ސޮއިކުރަން ފެށި ޕެޓިޝަނުގައި މިހާތަނަށް 50،000 އަށް ވުރެ ގިނަ މީހުން ސޮއި ކޮށްފައިވާ ކަމަށް އެކަން އިންތިޒާމުކުރާ ފަރާތުން މިއަދު ބުނެފި އެވެ.

އާނިފާ ހުސެއިން ސިރާޖް އާނިފާ ހުސެއިން ސިރާޖް

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ އަށް ބަދަލުކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ބާރު އަޅަން އެމްޑީޕީގެ ބަޔަކު އިސްވެ ސޮއިކުރަން ފެށި ޕެޓިޝަނުގައި މިހާތަނަށް 50،000 އަށް ވުރެ ގިނަ މީހުން ސޮއި ކޮށްފައިވާ ކަމަށް އެކަން އިންތިޒާމުކުރާ ފަރާތުން މިއަދު ބުނެފި އެވެ.

ބަރުލަމާނީ ނިޒާމު ގެންނަން ގާނޫނުއަސާސީ އަށް އިސްލާހު ގެނައުމަށް ސޮއިކުރާ އެ ޕެޓިޝަން މިދިޔަ އޮގަސްޓު މަހުގެ ފަހުކޮޅު ފަށާފައިވާއިރު، ޕެޓިޝަން ރަައީސަށް ހުށަހަޅަން ނިންމާފައިވަނީ އެއްލައްކަ މީހުންގެ ސޮޔާ އެކު އެވެ.

ބަރުލަމާނީ ޕެޓިޝަންގެ މަސައްކަތުގައި އިސްކޮށް އުޅުއްވާ، ގާނޫނީ ވަކީލު ނިޝާން އިބްރާހީމް "މިހާރު" އަށް މިއަދު ވިދާޅުވީ އެ ޕެޓިޝަނަށް ވަރަށް ބޮޑު ތަރުހީބެއް ލިބޭ ކަމަށާއި އެކި ސަރަހައްދުތަކަށް ބަހާލައިގެން ސޮއިކުރުމުގެ ކަންކަން ކުރިއަށް ގެންދާ ކަމަށެވެ.

"އަތޮޅުތަކުން ވެސް އެބަހުރި ވަރަށް ގިނަ އަދަދަކަށް ފޯމުތައް ލިބިފައި. އެހެންވީމާ އެ ފޯމުތައް ސިސްޓަމަށް އަޕްޑޭޓް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށް ދަނީ،" ނިޝާން ވިދާޅުވި އެވެ.

"މިހާރު ލިބިފަައި ހުރި ސޮއިގެ އަދަދު އުޅެނީ 50،000 އިން މަތީގައި."

ނިޝާން ވިދާޅުވިގޮތުގައި، މިހާރުގެ އަމާޒަކީ އެއްލައްކަ މީހުންގެ ސޮއި ހަމަކުރުން ކަމަށް ވިޔަސް އެ އަށް ވުރެ އިތުރަށް ސޮއި ހޯދަން ވެސް މަސައްކަތް ކުރަން ޖެހިދާނެ އެވެ.

"ފެށި އިރު ނިންމާފައި އޮތީ އެއްލައްކަ މީހުންގެ ސޮޔާއެކު ރައީސަށް ހުށަހަޅަން. އެހެން ނަމަވެސް ރާއްޖޭގެ ވޯޓާސް ޕޮޕިއުލޭޝަނަށް ބަލާފައި، އިތުރަށް ސޮއި ހޯދުމުގެ ކަންކަން ވެސް ކުރަން ޖެހިދާނެ. އެހެންވީމާ މިހާރުގެ އަމާޒަށް ހަމަވީމާ އަދި ޑިސައިޑް ކުރާނީ ރައީސަށް ހުށަހަޅާނީތޯ ނޫނީ އިތުރު ސޮއި ހޯދާނީތޯ،" ނިޝާން ވިދާޅުވިއެެވެ.

ބަރުލަމާނީ ޕެޓިޝަންގައި މިހާރު ސޮއިކޮށްފައިވާ މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ 13 މެމްބަރަކު ވެސް ހިމެނެ އެވެ. ނަމަވެސް އެމްޑީން ބުނެފައި ވަނީ އެއީ އެ ޕާޓީން ކުރިއަށް ގެންދާ ޕެޓިޝަނެއް ނޫން ކަމަށެވެ.

ޕެޓިޝަންގައި ބުނާ ގޮތުން 2018 ގައި އެމްޑީޕީގެ ފަރާތުން ނެރުނު "ޖަޒީރާ" މެނިފެސްޓޯ ގައި ވެސް ބޮޑުވަޒީރަކު ގެނައުން ވަނީ ހިމަނާފައިވާތީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ވައުދު ފުއްދަވަން ޖެހެ އެވެ. ނަމަވެސް "ޖަޒީރާ" މެނިފެސްޓޯ އަށް ފަހު ނެރުނު "ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯ" ގައި އެ ބައި ނުހިމެނެ އެވެ. މިހާރުގެ ސަރުކާރުން ބުނެފައިވާ ގޮތުން އަމަލު ކުރަނީ ގުޅިފައިވާ ޕާޓީތަކުން އެއްބަސްވި މެނިފެސްޓޯއަށެވެ.