Roadha Mihaaru
ދެ ރައީސުންގެ ސިޔާސީ ވާދަވެރިކަމުގައި އާންމުން ފިތިފައި

ދެ ރައީސުންގެ "ހަނގުރާމަ"އެއްގެ ތެރޭގައި އާންމުން ފިތެނީ؟

24 އޯގަސްޓް 2021

ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމު ކަނޑައެޅުމުގެ ވޯޓު އަލުން ނަގަންޖެހޭ ކަމަށް ކުރީގެ ރައީސް އަދި އެމްޑީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވާ މައިގަނޑު އެއް ސަބަބަކީ މީގެ 14 އަހަރު ކުރިން ބޭއްވި ނިޒާމީ ވޯޓު އޮޅުވައިލާފައިވާ ކަމަށް އެ މަނިކުފާނާއި އެ ޕާޓީން ކުރާ ތުހުމަތެވެ. އޮގަސްޓް 18، 2007 ގައި ނެގި ވޯޓު އިލެކްޝަންސް ކޮމިޝަނުން އިއުލާން ކުރުމާއެކު ވެސް އެމްޑީޕީން ނިންމީ އެ ވޯޓު އޮޅުވާލާފައިވާ ކަމަށާއި އެހެންވެ ވޯޓުގެ ނަތީޖާ ބަލައިނުގަންނަ ކަމަށެވެ. އެއީ އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުން ނުފޫޒު ފޯރުވައިގެން ބޭއްވި ވޯޓެއް ކަމަށް އެމްޑީޕީން އޭރު ވެސް، އަދި މިހާރު ވެސް އަންނަނީ ބުނަމުންނެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމު ކަނޑައެޅުމުގެ ވޯޓު އަލުން ނަގަންޖެހޭ ކަމަށް ކުރީގެ ރައީސް އަދި އެމްޑީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވާ މައިގަނޑު އެއް ސަބަބަކީ މީގެ 14 އަހަރު ކުރިން ބޭއްވި ނިޒާމީ ވޯޓު އޮޅުވައިލާފައިވާ ކަމަށް އެ މަނިކުފާނާއި އެ ޕާޓީން ކުރާ ތުހުމަތެވެ. އޮގަސްޓް 18، 2007 ގައި ނެގި ވޯޓު އިލެކްޝަންސް ކޮމިޝަނުން އިއުލާން ކުރުމާއެކު ވެސް އެމްޑީޕީން ނިންމީ އެ ވޯޓު އޮޅުވާލާފައިވާ ކަމަށާއި އެހެންވެ ވޯޓުގެ ނަތީޖާ ބަލައިނުގަންނަ ކަމަށެވެ. އެއީ އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުން ނުފޫޒު ފޯރުވައިގެން ބޭއްވި ވޯޓެއް ކަމަށް އެމްޑީޕީން އޭރު ވެސް، އަދި މިހާރު ވެސް އަންނަނީ ބުނަމުންނެވެ.

މިއަދު މުޅި ސަރުކާރާއި 65 މެމްބަރުންނާ އެކު ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އާއި މުއައްސަސާތައް ލިބުމުން އަނެއްކާ ވެސް ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ ވާހަކަ ފެށިއިރު، މައުމޫންގެ ވެރިކަމުގައި އޭރު އެ ޕާާޓީން ކިޔަމުން ދިޔަ ލަވައާ ގާތްކުރާ ގޮތަކަށް ކަންކަން ދާ ހެން ހީވެ އެވެ. ބަރުލަމާނީ ނިޒާމު ކޮންމެހެން ގެންނަން ބައެއް މީހުންނަށް މަޖުބޫރު ކުރުވާ ބީދައިން ޕާޓީގެ ތެރެއިން ސީދާ ކަންކަން ކުރާ މަންޒަރު ވަރަށް ސާފުކޮށް އެބަ ފެނެ އެވެ. އެމްޑީޕީގެ ތެރެއިން ބަރުލަމާނީ ނިޒާމާ ދެކޮޅަށް ވާހަކަ ދައްކާ ނުވަތަ އެ ނިޒާމު ގެންނަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފިއްތުންތައް ކުރިމަތިކުރަން ޕެޓިޝަންގައި ސޮއިނުކުރާ މީހުންނަކީ ބާކީވެފައިވާ ބައެއް ކަމުގެ އިހުސާސް ބައެއް މީހުން ކުރާކަން ސޯޝަލް މީޑިއާ ޕޯސްޓުތަކުން އެނގެ އެވެ. ބަރުލަމާނީ ނިޒާމު ގެނައުމާ މެދު އަމިއްލަ ވިސްނުމުގައި އެއްޗެއް ވިދާޅުވާން ސަރުކާރުގައި ތިއްބެވި އިސް ބޭފުޅުންނަށް ވެސް ކެރިވަޑައެއް ނުގަންނަވަ އެވެ.

ބަރުލަމާނީ ނިޒާމު ގެންނަން ރައީސަށް ގޮވާލައި ސޮއި ކުރަމުންދާ ޕެޓިޝަނުގައި މެމްބަރު މުއިއްޒު މިދިޔަ ހޮނިހިރު ދުވަހު ސޮއި ކުރައްވަނީ -- ފޮޓޯ: މިހާރު

ބަރުލަމާނީ ނިޒާމު ގެންނަން ރައީސަށް ގޮވާލައި ސޮއި ކުރަމުންދާ ޕެޓިޝަނުގައި މެމްބަރު މުއިއްޒު މިދިޔަ ހޮނިހިރު ދުވަހު ސޮއި ކުރައްވަނީ -- ފޮޓޯ: މިހާރު

އެމްޑީޕީގެ ގައުމީ މަޖިލީހުގެ އާ ދައުރުގެ އިންތިހާބަށް ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން ނަޝީދުގެ ތާއީދު އޮތީ ބަރުލަމާނީ ނިޒާމު ބަލައިގަންނަ ކެންޑިޑޭޓުންނަށް އެކަންޏެވެ. އެކަން އެ މަނިކުފާނު ވަނީ ފާޅުގައި އިއުލާން ކުރައްވައިފަ އެވެ. ނަޝީދަކީ މި ގައުމުގައި މަގުބޫލު ޝަހުސިއްޔަތަކަށް ވުމުން، އެމްޑީޕީގެ އިންތިހާބަކުން ދެމިގަންނަން އެ މަނިކުފާނުގެ މަދަދާއި އެހީތެރިކަން ބޭނުންވުމުން ހިތާ ދެކޮޅަށް ވެސް ޖެހެނީ ބަރުލަނީ ނިޒާމު ބަލައިގަންނަކަން އަންގައި ޕެޓިޝަންގައި ސޮއި އަޅާލާށެވެ.

މިއީ ފާޑެއްގެ މަޖުބޫރުކަމެއް ކަމަށް ވަރަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ. މިހެން ބުނަމުން ދިޔަ ނަމަވެސް ހިތުގެ އަޑިން ބަރުލަމާނީ ނިޒާމު ބަލައިގަނެ ޕެޓިޝަންގައި ސޮއިކުރާ މީހުން މަދެއް ނޫނެވެ. އެކަމަކު، ވަކި ގޮތަކަށް އަމަލުކުރަން މަޖުބޫރު ކުރުމަކީ ނުފޫޒު ފޯރުވުން ކަމަށް ބެލެވިދާނެ އެވެ. ނަމަވެސް މަތި އޮމާންކުރާ މީހުން ބުނާނީ އެއީ އަދި ބަރުލަމާނީ ނިޒާމަށް ތާއީދު ކުރާ ކަމުގެ ސޮޔެއް ނޫން ކަމަށެވެ.

ބަރުލަމާނީ ނިޒާމު ގެންނަން ތާއީދު ކުރައްވާ އެމްޑީޕީގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް އިއްޔެ ޕެޓިޝަންގައި ސޮއިކުރެއްވުމަށް ފަހު ފޮޓޯއަކަށް ހުއްޓިވަޑައިގެން.---ފޮޓޯ: އެމްޑީޕީ

ބަރުލަމާނީ ނިޒާމު ގެންނަން ތާއީދު ކުރައްވާ އެމްޑީޕީގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް އިއްޔެ ޕެޓިޝަންގައި ސޮއިކުރެއްވުމަށް ފަހު ފޮޓޯއަކަށް ހުއްޓިވަޑައިގެން.---ފޮޓޯ: އެމްޑީޕީ

ބައެއް މީހުން އަބަދުވެސް މި ބުނަނީ ގާނޫނުއަސާސީ އިސްލާހުކުރި ދުވަސްވަރު ރާއްޖޭގައި ވެރިކަން ކުރަން މި ގެނައީ ރިޔާސީ ނިޒާމެއް ކަމަށް ވިޔަސް އެއީ މަސްހުނި އަދި ރައްޔިތުންނަށް ކަންކަން އޮޅުންފިލުވައި ނުދީ ތިބެ ނެގި ވޯޓަކުން ނުކުތް ނަތީޖާއެއް ކަމަށެވެ. މިއީ ސީދާ ރިޔާސީ ނިޒާމެއް ވެސް ނޫން ކަމަށެވެ. އެކަމަކު، އެ ވޯޓު އޭރު ބޭއްވީ ރައްޔިތުން ހޭލުންތެރިކުރުވަން ބޮޑު ކެމްޕެއިންތަކެއް ކުރިއަށް ގެންދިއުމަށް ފަހު އެވެ. އެ ޕާޓީއަކުން ތާއީދުކުރާ ވެރިކަމުގެ ނިޒާމެއް ސާފުކޮށް ކިޔައި ދިނުމުގެ ފުރުސަތު އޮތީ ހާމައަށް ހުޅުވިފަ އެވެ. ނަމަވެސް ވެރިކަމުގައި ތިބި މީހުން އޭރު ތާއީދުކުރީ ރިޔާސީ ނިޒާމަށް ކަމަށް ވުމުން އެ ފަރާތަށް ތިލަފަތް ބުރަވެފައިވާ ކަމަށް ގަބޫލު ކުރެވެ އެވެ.

ނަމަވެސް މިއަދުގެ މައްސަލައަކީ ރައްޔިތުން ވާނުވާގައި ބައިތިއްބާފައި ބަރުލަމާނީ ނިޒާމެއްގެ ވާހަކަ ދައްކާތީ އެވެ. ޕެޓިޝަނެއްގައި ސޮއިކުރާއިރު، އެންމެ ކުޑަމިނުން ބަރުލަމާނީ ނިޒާމުގައި ވެރިކަން ކުރާ ގޮތާއި ދެ ނިޒާމުގެ ތަފާތު އަންގައިދޭން ޖެހެ އެވެ. އެ އަށް ވުރެ އަހަރެމެންގެ ސިޔާސީ ވެރިން ކުފޫހަމަވާން ޖެހޭނެ އެވެ. މުޅި ގައުމުގެ މުސްތަގްބަލް ކަނޑައަޅަން ފަށާ ދަތުރެއްގައި އެއްވެސް ގޮތަކަށް އެއްޗެއް ކިޔައި ނުދީ، ސިޔާސީ ޕާޓީއަކުން ދިއްކޮށްލާ ޕެޓިޝަނެއްގައި ސޮއިކޮށް، ވަކި ބަޔަކަށް ބާރު އަޅަން މަސައްކަތް ކުރުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށް ސޯޝަލް މީޑިއާގައި އެތައް ބަޔަކު ބުނެފައި ވެ އެވެ. މި އުޅެނީ ޕެޓިޝަންގައި ސޮއިކުރާ މީހުންގެ އަދަދު މަތިކުރަން ނުވަތަ ގުނަން ނަމަ މައްސަލައެއް ނެތެވެ. ނަމަވެސް ވެރިކަމުގެ ނިޒާމު ބަދަލުކުރުމަކީ މުޅި ގައުމާ ގުޅޭ ސީރިއަސް މަސައްކަތެކެވެ. ފަންނީ ލެވެލެއްގައި ބަހުސް ކުރެވި، ކުރަން މި އުޅޭ ކަންތައް ސާފުވާން ޖެހޭނެ އެވެ.

މީގެ 14 އަހަރު ކުރިން ނިޒާމީ ވޯޓު ނެގީ އެއީ ކުރަން ޖެހޭނެ ކަމެއް ކަމަށް އެތައް ބަޔަކަށް ފެނިގެންނެވެ. ނިޒާމީ ވޯޓުގެ އުސޫލީ ބައެއް ކަންކަމާއި ވޯޓުލެވޭނެ އުމުރު ކަނޑައެޅުމުގައި އުފެދުނު ހިޔާލު ތަފާތުވުންތަކާ ގުޅިގެން އޭރުގެ ރައްޔިތުންގެ ހާއްސަ މަޖިލީހުގައި ހޫނު ބަހުސްތަކާއި މަގުމަތީގެ މުޒާހަރާތައް އޮތް ނަމަވެސް ވެރިކަމުގެ ނިޒާމު ކަނޑައެޅުމާ މެދު ދެބަސް ވި ބައެއް ނެތެވެ.

މީގެ 14 އަހަރު ކުރިން ބޭއްވި ނިޒާމީ ވޯޓުގައި އޭރުގެ ރައީސް މައުމޫންގެ ދެކަނބަލުން ވޯޓު ލައްވަނީ.---ފޮޓޯ: ހަވީރު

މީގެ 14 އަހަރު ކުރިން ބޭއްވި ނިޒާމީ ވޯޓުގައި އޭރުގެ ރައީސް މައުމޫންގެ ދެކަނބަލުން ވޯޓު ލައްވަނީ.---ފޮޓޯ: ހަވީރު

ނަމަވެސް ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ މިއަދު އެމްޑީޕީ އަށް ދިނުމުން އެންމެ ކުޑަމިނުން އެ ޕާޓީ އާއި ސަރުކާރުގެ ތެރެއިން މި އުޅެނީ އެއްގަލަކަށް ނޭރިގެންނެވެ. ބަރުލަމާނީ ނިޒާމުގެ ޕެޓިޝަންގައި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ 65 މެމްބަރުންގެ ތެރެއިން ވިއްސަކަށް ބޭފުޅުން ވެސް އަދި ސޮއެއް ނުކުރައްވަ އެވެ. މަޖިލީހުގެ އެމްޑީޕީގެ އެތެރޭގައި އޮތީ އެ މައްސަލައިގައި ސިޔާސީ ކޯޅުމެވެ. ސަރުކާރު ހިންގަވާ ފަރާތާއި ގާނޫނު ހަދާ މަޖިލިހުގެ ރައީސަކީ އެމްޑީޕީގެ ބޭފުޅަކަށް ވިޔަސް، އެ ދެ ބޭފުޅުން ވަނީ ދެ ހަތުރުންނަށް ވެފަ އެވެ. ބަރުލަމާނީ ނިޒާމު ގެނައުމުގައި ވެސް ދެ ބޭފުޅުންގެ ބަސްމަގު ދިމައެއް ނުވެ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދާ ދެ ބޭފުޅުން ވެސް ދަތުރު ކުރައްވަނީ ދެ މިސްރާބަކަށެވެ. ދެން އަހަރެމެން އާންމު ރައްޔިތުން ގޮސް މި ފިތެނީ މި ދެ ބޭފުޅުންގެ ސިޔާސީ "ހަނގުރާމަ" އިގެ ތެރޭގަ އެވެ.

މި ވެރިކަމުގައި ބަރުލާނީ ނިޒާމެއް ގެންނަން އެމްޑީޕީގެ މެނިފެސްޓޯގައި ކަނޑައަޅާފައިވާ ކަމަށް ނަޝީދާއި އެމްޑީޕީގެ ބައެއް އިސް މެމްބަރުން ވިދާޅުވި ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކަން ގަބޫލުފުޅެއް ނުކުރައްވަ އެވެ. އެ މަނިކުފާނުގެ ފަރާތްޕުޅުން ވިދާޅުވަނީ މި ސަރުކާރުން އަމަލުކުރަނީ އިދިކޮޅު އިއްތިހާދުގެ މެނިފެސްޓޯ އަށް ކަމަށެވެ. ރައީސް އޮފީހުގެ ވެބްސައިޓްގައި އޮތީ އެ މެނިފެސްޓޯ ކަމަށް ވާއިރު، އޭގައި ބަރުލަމާނީ ނިޒާމުގެ ވާހަކައެއް ނެތެވެ.

އޮގަސްޓް 2007 ގައި ބޭއްވި ނިޒާމީ ވޯޓުގައި ހިންގި ބަރުލަމާނީ ކެމްޕެއިންގެ މަންޒަރެއް.--- ފޮޓޯ: ހަވީރު

އޮގަސްޓް 2007 ގައި ބޭއްވި ނިޒާމީ ވޯޓުގައި ހިންގި ބަރުލަމާނީ ކެމްޕެއިންގެ މަންޒަރެއް.--- ފޮޓޯ: ހަވީރު

އެއީ ނޮވެމްބަރު 2018 ގައި ރިޔާސީ އިންތިހާބުގެ ވޯޓުލުން ބޭއްވުމުގެ ކުރިން ވެސް އެނގޭ ކަމެކެވެ. މީޑިއާގައި އޭރު ވެސް ލިޔެފައި ހުރި ވާހަކަތަކެކެވެ. އެމްޑީޕީގެ އިތުރުން، ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އަދި ކުރީގެ ރައީސް މައުމޫންގެ މައުމޫން ރިފޯމް މޫވްމެންޓް (އެމްއާރުއެމް) ހިމެނޭ ގޮތުން އެކުލަވައިލި "އެއްބައިވަންތަކަމުގެ ސަރުކާރު"ގެެ މެނިފެސްޓޯގައި ގިނަ ކަންތައްތަކެއް ހިމަނާފައި ހުއްޓަސް، ބަރުލަމާނީ ނިޒާމުގެ ވާހަކަ ނެތް ކަމުގެ ވާހަކަ ފާޅުގައި ދެއްކި އެވެ. ވެރިކަން މި ހިންގަނީ އޭރު އެއްބަސްވި ކޯލިޝަން ޕާޓީތަކުންނެވެ، ނަމަވެސް މިއަދު ފެންނަނީ އެމްޑީޕީގެ މެނިފެސްޓޯގައި އޮތް ބަރުލަނާމީ ނިޒާމުގެ ވާހަކަ ކުރިއަށް ނެރެގެން އުޅޭ ތަނެވެ. ބަރުލަމާނީ ނިޒާމުގެ ވާހަކަ ދައްކަން ފެށުމުން މިހާރު އަމަލުކުރަނީ އެމްޑީޕީގެ މެނިފެސްޓޯ އަށް ކަމަށް ވެސް ވެއްޖެ އެވެ.

ހަގީގަތަކީ މިއަދު ނަޝީދަށް އަދި އެމްޑީޕީ އަށް ވެސް އަމިއްލަ ބާރުގައި ވެރިކަމަށް އާދެވެން އޮތީ ބަރުލަމާނީ ނިޒާމެއްގެ ތެރެއިން ކަމެވެ. ކޯލިޝަނަކީ ބޭކާރު އެއްޗެއް ކަމަށް ނަޝީދު ގަބޫލުފުޅު ކުރައްވާކަން އެމްޑީޕީގެ ދެ ވެރިކަމުގައި ސާފުކޮށް ފެނިއްޖެ އެވެ. މާޒީން ފެންނަނީ އެ މަންޒަރެވެ. އެހެންވެ، ކޮންމެހެން ހަދާފައި ވެސް ބަރުލަމާނީ ނިޒާމު ގެންނަން މަޖުބޫރެވެ. އެކަމަކު، ދެ ރައީސުން މި މައްސަލައިގައި ދެކޮޅަށް މޫނުފުޅު އަނބުރާލައްވައިގެން ތިއްބެވުމުން ރައްޔިތުން މިތިބީ ތާށިވެފަ އެވެ. އިހުލާސްތެރިކަމާ މެދު ސުވާލު އުފެއްދުމުގެ ޖާގަ ހުޅުވެނީ ސިޔާސީ ކޯޅުން އެމްޑީޕީގެ ތެރޭގައި އޮތުމުންނެވެ.

ބަރުލަމާނީ ނިޒާމަށް ތާއީދު ހޯދުމުގެ ކަންކަން ކުރިއަށް ގެންދަނީ ނުފޫޒާއި ސިޔާސީ ކޯޅުމުގެ ތެރެއިން ކަމަށް އާންމުން ބުނަނީ މިހެންވެ އެވެ.