Roadha Mihaaru
ރަޝިޔާގެ ހަ ސަރަހައްދަކަށް ޑްރޯން ހަމަލާތަކެއް

ރަޝިޔާގެ ހަ ސަރަހައްދަކަށް ޑްރޯން ހަމަލާތަކެއް

30 އޯގަސްޓް 2023

ރަޝިޔާގެ ހަ ސަރަހައްދަކަށާއި ވައިގެ ބަނދަރަކަށް ޔޫކްރޭނުން ރޭ ދަންވަރު ޑްރޯން ހަމަލާތަކެއް ދީ ބޮޑެތި ގެއްލުންތަކެއް ދީފި އެވެ.

ރަޝިޔާގެ ހަ ސަރަހައްދަކަށާއި ވައިގެ ބަނދަރަކަށް ޔޫކްރޭނުން ރޭ ދަންވަރު ޑްރޯން ހަމަލާތަކެއް ދީ ބޮޑެތި ގެއްލުންތަކެއް ދީފި އެވެ.

ރަޝިޔާ އިން ބުނި ގޮތުގައި ޔޫކްރޭނުން ދިން ޑްރޯން ހަމަލާތައް އަމާޒުވި އެއް ތަނަކީ، ރަޝިޔާގެ ހުޅަނގު ސަރަހައްދާއި ލެތުވިއާ އާއި އެސްޓޯނިއާއާ ގުޅޭ ސަރަހައްދީ ރޮނގު ކައިރީގައި އޮންނަ ޕިސްކޯވް ސަހަރުގައި އޮންނަ ވައިގެ ބަނދަރެވެ. އެ ވައިގެ ބަނދަރަށް ދިން ހަމަލައާ ވިދިގެން ބާރު ގޮވުމެއް ގޮވައި، އެ ވައިގެ ބަނދަރުގައި އޮތް މުދާ އުފުލާ އަސްކަރީ މަތިންދާބޯޓުގެ ހަތަރު މަތިންދާބޯޓު ހަލާކުވި އެވެ.

މިއީ ފެބްރުއަރީ 24، 2022 ގައި ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން، ރަޝިޔާގެ އެތެރޭގެ ސަރަހައްދެއްގައި ޔޫކްރޭނުން ދިން އެންމެ ވަރުގަދަ ހަމަލާއެވެ. ރޭ ދިން ހަމަލާތަކުގައި ގިނަ އަދަދެއްގެ ޑްރޯން ބައިވެރިކޮށްފައިވާ އިރު، ރަޝިޔާގެ ވެރިރަށް މޮސްކޯގެ ވައިގެ ސަރަހައްދަށް ވަންނަން އުޅުނު ޑްރޯންތަކެއް ވައްޓައިލި ކަމަށް ރަޝިޔާ އިން ބުންޏެވެ.

ރޭ ދަންވަރުން ފެށިގެން ރަޝިޔާގެ ވައިގެ ދިފާއީ ނިޒާމުގެ އިންޒާރުގެ ބަރުގޮނު އަޑު މޮސްކޯގެ ހުރިހާ ސަރަހައްދަކުން އިވެން ދިޔަ ކަމަށް މީޑިއާތަކުން ބުނެ އެވެ. އަދި ޑްރޯންތަކުގެ އުނދަގޫ ބޮޑުވާން ފެށުމާ އެކު، މޮސްކޯގެ ބައެއް ވައިގެ ބަނދަރުތައް ވަގުތީ ގޮތުން ބަންދުކޮށް، އެ ތަންތަނަށް ދަތުރުކުރި ފްލައިޓްތައް އެހެން ވައިގެ ބަނދަރުތަކަށް މިސްރާބު ބަދަލުކުރި އެވެ.

ޕިސްކޯވް ސަހަރުގެ ވައިގެ ބަނދަރަށް ހަމަލާ ދިނުމަށް 20 ޑްރޯން ބޭނުންކުރި ކަމަށް ބައެއް ރިޕޯޓްތައް ބުނެ އެވެ. އެ ޑްރޯންތަކަށް ހުރަސްއެޅުމަށް، ރަޝިޔާގެ އެއްގަމު ސިފައިން އާދައިގެ ހަތިޔާރު ބޭނުންކޮށްގެން މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބު ނުވެ، ތެޔޮ ރައްކާކުރާ ތަނަކަށް ޑްރޯނެއް އަމާޒުވެ އެތަން ގޮވި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ޔޫކްރޭނުން ދިން ޑްރޯން ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން މިއަދު ފަތިހު ރަޝިޔާ އިން ވަނީ ޔޫކްރޭންގެ ވެރިރަށް ކިޔޭވްއަށް ވެސް، ބާރު ގަދަ މިސައިލަތަކާއި ޑްރޯން ބޭނުންކޮށްގެން ހަމަލާތަކެއް ދީފަ އެވެ. ކިޔޭވް އަށް މިއަދު ފަތިހު ދިން ހަމަލާތަކުގައި ދެ މީހަކު މަރުވެ އިތުރު މީހަކު ޒަޚަމްވި ކަމަށް ޔޫކްރޭން ސަރުކާރުން ބުންޏެވެ.

ޔޫކްރޭން ސަރުކާރުން ބުނި ގޮތުގައި މިއަދު ފަތިހު ރަޝިޔާ އިން ދިން މިސައިލް ހަމަލާތަކުގެ ތެރެއިން 20 އަށް ވުރެ ގިނަ މިސައިލް ވަނީ، ޔޫކްރޭންގެ ވައިގެ ދިފާއީ ނިޒާމުތަކުން ހަމަލާ ދީ ވައިގެ ތެރެއަށް ގޮއްވާލައިފަ އެވެ.