Roadha Mihaaru
ޕީއެސްޖީއަށް ފިލާވަޅެއް؛ މަޝްހޫރު ތަރިންނަކީ ބާރެއްނޫން

ޕީއެސްޖީ އަށް ފިލާވަޅެއް؛ މަޝްހޫރު ތަރިންނަށްވުރެ ޓީމުވަންތަކަން މާގަދަ

05 އޮކްޓޯބަރ 2023

ނިއުކާސަލް (އޮކްޓޯބަރު 5) - ޔޫއެފާ ޗެމްޕިއންސް ލީގުގައި ޕީއެސްޖީގެ މައްޗަށް 4-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި ނިއުކާސަލް ޔުނައިޓެޑުން، ޕީއެސްޖީ އަށް ފިލާވަޅެއް ނަގައި ދީފި އެވެ.

ނިއުކާސަލް (އޮކްޓޯބަރު 5) - ޔޫއެފާ ޗެމްޕިއންސް ލީގުގައި ޕީއެސްޖީގެ މައްޗަށް 4-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި ނިއުކާސަލް ޔުނައިޓެޑުން، ޕީއެސްޖީ އަށް ފިލާވަޅެއް ނަގައި ދީފި އެވެ.

ޕީއެސްޖީ އާއި ނިއުކާސަލަކީ މެދުއިރުމަތީގެ މުއްސަނދި ދެ ގައުމުގެ ސަރުކާރުގެ ސީދާ ހިއްސާ އޮތް ދެ ކްލަބެވެ. ގަތަރުގެ އިންވެސްޓްމެންޓްގައި ޕީއެސްޖީ ހިންގަމުންދާތާ 10 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. އެކަމަކު އަދި މިހާތަނަށް ޗެމްޕިއަންސް ލީގުގައި އަތެއް ނުލެވެ އެވެ.

ސައުދީ އަރަބިއާގެ އިންވެސްޓްމެންޓް ފަންޑުން ނިއުކާސަލް ހަވާލުވިތާ އަދި މި ވީ ދެ އަހަރެވެ. ސައުދީގެ ކޮންސްޓިއަމް ހަވާލުވެ 20 އަހަރު ފަހުން، ޗެމްޕިއަންސް ލީގަށް ނިއުކާސަލް ކޮލިފައިކޮށް ދިނެވެ. ސިޔާސީ ގޮތުން ވެސް ސައުދީ އާއި ގަތަރާ ދެމެދު ވާދަވެރިކަން އޮވެ އެވެ. ރޭ ގެ މެޗުގައި ދެ ޓީމު ކުރިމަތިލުމުގެ ކުރިން މީޑިއާގައި އެ ވާދަވެރިކަން ދެ ޓީމާ ގުޅުވައި އަޅާކިޔަމުން ދިޔަ އެވެ.

ޕީއެސްޖީ ބިނާ ކުރަމުން ދަނީ މަޝްހޫރު ތަރިންގެ މައްޗަށެވެ. މިދިޔަ ދެ އަހަރު އެ ޓީމުގައި ލިއޮނެލް މެސީ އާއި ނޭމާގެ އިތުރުން ސާޖިއޯ ރާމޯސް ވެސް ކުޅުނެވެ. އެކަމަކު އެ ތިން ކުޅުންތެރިން ކްލަބް ދޫކޮށްލުމުން މަޝްހޫރު ތަރިއެއްގެ ބަރުދަން ހުރި ހަމައެކަނި ކުޅުންތެރިޔަކީ ކިލިޔަން އެމްބާޕޭ އެވެ. މެސީ އާއި ނޭމާ އަދި ރާމޯސްއާ އެކު ވެސް ޗެމްޕިއަންސް ލީގުގެ ތަށި ޕީއެސްޖީ އަށް ހޯދައި ނުދެވުނެވެ. މިހާރު އެ ހުރިހާ ބުރައެއް ބޮލުގައި އެޅަންޖެހިފައި ވަނީ އެމްބާޕޭ އަށެވެ. ތަރިންގެ ލިސްޓްގައި އޭނާ އާ އަޅާ ކިޔާނެ ވަރުގެ އަގެއް ހުރި އެއް ވެސް ކުޅުންތެރިޔަކު ނިއުކާސަލްގައި ނެތެވެ.

އެ ޓީމުގައި މަޝްހޫރު ކުޅުންތެރިންނޭ ކިޔޭނެ ކުޅުންތެރިންނަކީ އެލެގްޒެންޑާ އިސާކް، ނިކް ޕޯޕް، އެންތޮނީ ގޯޑަން، ކީރަން ޓްރިޕިއާ، ބްރޫނޯ ގުއިމަރޭސް، ސެންޑްރޯ ޓޮނާލީ އަދި ޑޭން ބާން އެވެ. ނަމަވެސް ޕީއެސްޖީގެ ފޯވާޑުންނާ އަޅާ ކިޔަސް ނިއުކާސަލްގެ އެ ހަތް ކުޅުންތެރިންގެ އަގު އަދި މަޝްހޫރުކަން ވެސް އާންމުގެ ތެރޭގައި މާ ކުޑަ އެވެ.

ނަމަވެސް އެ ކުޅުންތެރިން ޓީމަށް ގެނެސްދެނީ ޓީމުވަންތަ ކަމުގެ ސިފަ އެވެ. އެ ހަތް ކުޅުންތެރިންނަކީ ވެސް ސައުދީން ނިއުކާސަލް ހިންގުމާ ހަވާލުވި ފަހުން ޓީމަށް ގެންދިޔަ ކުޅުންތެރިންނެވެ. އެ ކުޅުންތެރިންގެ އެހީ އާއެކު ޓީމެއްގެ ގޮތުގައި ކުޅެން ނިއުކާސަލުން ގޭމް ބައްޓަން ކުރުމުން އެމްބާޕޭ ފަދަ ތަރިންނަށް ވެސް ޖެހުނީ މައިތިރިވާށެވެ. ރޭ ގެ މެޗުގައި އޭނާ އަށް އެއްވެސް ކަމެއް ނުކުރެވުނެވެ. އޭގެ ބަދަލުގައި އޭނާ ހުރީ ޓީމުގެ ކުޅޫމާ މެދު ހިތްނުތަނަވަސް ވެފަ އެވެ.

ޕީއެސްޖީ އަށް އެ ޓީމުގެ ހަމައެކަނި ލަނޑު ޖެހުނީ ވެސް ނިއުކާސަލުން ތިން ލަނޑުގެ ލީޑެއް ނެގި ފަހުންނެވެ. ނިއުކާސަލް ލައްނޑުތައް ޖެހި މިގޭޅް އަލްމިރޯން އާއި ޑޭން ބާން އާއި ސީން ލޯންގްސްޓާފް އަދި ފަބިއަން ޝާ އެވެ. ޕީއެސްޖީގެ ހަމައެކަނި ލަނޑު ޖެހީ ލޫކަސް ހެނާންޑޭޒް އެވެ.

ޕީއެސްޖީ އާއި ނިއުކާސަލް ހިމެނޭ ގުރޫޕްގައި އޮތް އަނެއް ދެ ޓީމު ކަމަށްވާ ބޮރޫޝިއާ ޑޯޓްމަންޑާއި އޭސީ މިލާން ކުޅުނު މެޗު ނިމުނީ ލަނޑެއެއް ނުޖެހި އެވެ.