Roadha Mihaaru
ޓީޗަރުންގެ 75 ޕަސެންޓަކީ އަންހެނުން: މިނިސްޓަރު

ރާއްޖޭގައި މަސައްކަތްކުރާ ޓީޗަރުންގެ 75 ޕަސެންޓަކީ އަންހެނުން: މިނިސްޓަރު

05 އޮކްޓޯބަރ 2023

ރާއްޖޭގައި މަސައްކަތްކުރާ ޓީޗަރުންގެ 75 ޕަސެންޓަކީ އަންހެނުން ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖޭގައި މަސައްކަތްކުރާ ޓީޗަރުންގެ 75 ޕަސެންޓަކީ އަންހެނުން ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.

ޓީޗަރުންގެ ދުވަހުގެ ތަހުނިޔާ ފޮނުއްވައި މިނިސްޓަރު ފޮނުއްވި ހިތޯބުގައި ވިދާޅުވީ ތައުލީމީ ދާއިރާގައި ރާއްޖެ ވެސް ހިމެނޭ ގޮތަށް ގައުމުތަކަށް ދިމާވެފައި ވަނީ މައިގަނޑު ދެ މައްސަލަ ކަމަށް ޔުނެސްކޯއިން ފާހަގަކށްފައިވާ ކަމަށެވެ.

އެއް ކަމަކީ މޮޅު ދަރިވަރުން ޓީޗިން އިހުތިޔާރު ނުކުރުމެވެ. ޓީޗަރުން މަސައްކަތްކުރާ މާހައުލުގެ ސަބަބުން އެ ދާއިރާއަށް އޮތް ޝައުގު މިހާރު ނެތެމުންދާ ކަމަށް އޭނާގެ ހިތާބުގައިވެ އެވެ.

ތައުލީމީ ދާއިރާގައި މަސައްކަތްކުރާ ފިރިހެނުންގެ އަދަދު މަދުވުމަކީ ވެސް ޔުނެސްކޯއިން ފާހަގަކުރާ ކަންބޮޑުވުމެއް ކަން ފާހަގަކުރައްވައި، މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ތަފާސްހިސާބުތަކަށް ބަލާއިރު ޓީޗަރުންގެ ތެރެއިން 75 ޕަސެންޓަކީ އަންހެނުން ކަމަށެވެ.

"ކޮންމެ ހަތަރު މުދައްރިސުންގެ ތެރެއިން ތިން މީހުންނަކީ އަންހެނުން. ރާއްޖޭގައި ހިދުމަތް ކުރާ މުދައްރިސުންގެ ތެރެއިން 22 ޕަސެންޓަކީ ބިދޭސީން. މި ހިސާބުތަކުން ދައްކައިދެނީ، ތައުލީމީ ދާއިރާ ކުރިއަރުވަން އޮތް ފުޅާ ފުރުސަތުތައް،" މިނިސްޓަރު ވިދާޅުވި އެވެ.

ޓީޗިން ދާއިރާއަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ޔުނެސްކޯއިން ވަނީ ހަތް ފިޔަވަޅެއް އެޅުމަށް ހުށަހަޅައިފަ އެވެ. އޭގެ ތެރޭގައި، އެ ދާއިރާއަށް ވަންނަ ޓީޗަރުންގެ ތައުލީމަށްދޭ ސަމާލުކަން އިތުރުކުރުމާއި ކޯސްތަކުގެ ފީގެ އިތުރަށް ޓީޗިން ހަދާ ދަރިވަރުންނަށް އެލަވަންސެއް ދޭން ވެސް ތައުލީމާ ބެހޭ އދ.ގެ ޖަމާއަތުން ހުށަހެޅި އެވެ.

ޓީޗަރުން ކުރާ މަސައްކަތަށް އެކަށީގެންވާ އުޖޫރަ އާއި އިނާޔަތްތައް ދިނުމަކީ ޔުނެސްކޯގެ ހުށަހެޅުމުގައި ހިމެނޭ ކަމެކެވެ. މި ސަރުކާރުން ވަނީ މިދިޔަ އަހަރުގެ މެއި މަހުން ފެށިގެން ހުރިހާ ޓީޗަރުންގެ މުސާރަ ނިސްބަތުން 65 ޕަސެންޓަށް ބޮޑުކޮށްދީފަ އެވެ.

އެކަންކަމުގެ އިތުރުން ކިޔަވައިދިނުމަށް ޓީޗަރުން ހުސްވާގޮތަށް އިދާރީ މަސައްކަތްތައް މަދުކުރުމާއި މަސައްކަތަށް ވަގުތު އެދެވޭ މިންވަރަކަށް ހިފެހެއްޓުމާއި ސްކޫލުތައް ހިންގާ ފަރާތްތަކުން ޓީޗަރުންގެ މަސައްކަތަށް ވާގިވެރިވުމަކީ ވެސް މުހިންމު ކަންތައް ކަމަށާއި އެކަންކަމަށް އިސްކަން ދެވިއްޖެނަމަ، މިނިސްޓަރު ވިދާޅުވީ ތައުލީމީ ދާއިރާއަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި 21 ގަރުނުގެ އުފެއްދުންތެރިކަމާ ކުރިމަތިލާން ޖެހިފައިވާތީ އިއްޔެ ކިޔަވައިދިން ގޮތަށް މިއަދު ކިޔަވައިދީގެން ހަމަޖައްސާލެވޭކަށް ނެތެވެ. ކުރިއަރާފައިވާ ގައުމުތަކުގެ ތައުލީމީ ނިޒާމުގައި ފަހިކޮށްދީފައިވާ ފަދަ ފަހި ފުރުސަތުތަކާއެކު ރާއްޖޭގެ މަންހަޖުގައި ބުނާ ދިރިއުޅުމަށް ތައްޔާރުކޮށްފައިވާ ދަރިވަރުންތަކެއް ތަމްރީނުކުރުމަށް ޒަމާނީ ޓެކްނޮލޮޖީއާ ފަންނީ ހުނަރުތަކުގެ ތެރެއަށް ދަރިވަރުންގެ ލޯތައް ހުޅުވަންޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

"..ދަރިވަރުންގެ ކުރިއެރުމަށް ކުރެވޭ މަސައްކަތްތަކީ އަޅުގަނޑުމެން އެންމެ ބޮޑު ސަމާލުކަމެއް ދެމުން އައި އަދި މިއަދު ވެސް ދެމުންގެންދާ މަސައްކަތް. ރަސްމީ ތަޢުލީމުގެ ނިޒާމުގެ ތެރެއަށް ސްޓެމް އެޑިއުކޭޝަން ތައާރަފްކުރުމާއި ވޮކޭޝަނަލް ސެންޓަރުތައް ތައާރަފުކުރުމުގެ ބޭނުމަކީ މިއީ. މިހާރު ކުރިއަށް ގެންދާ ލިޓްރަސީ، ނިއުމަރަސީ ޕްރޮގްރާމް [ލޭމްޕް] ގެ އަމާޒަކީ ވެސް ހަމަ މިއީ. އަޅުގަނޑުމެން ބޭނުންވަނީ ކޮންމެ ދަރިވަރަކީ ވެސް ހަގީގީ މާނައިގައި ލިޔަން ކިޔަން ދަންނަ، ހަގީގީ މާނައިގައި ދިރިއުޅުމަށް ތައްޔާރުވެގެން، ގައުމަށް ހިދުމަތްކުރަން ނުކުންނަ ދަރިއަކަށް ހެދުން." އޭނާ ވިދާޅުވި އެވެ.