Roadha Mihaaru
ޓީޗަރުންގެ ރޯލު ފާހަގަކުރުމަކީ ޒިންމާއެއް: މިނިސްޓަރު

ސިއްހީ ހިދުމަތްތެރިންނޭ އެއްގޮތަށް ޓީޗަރުންގެ ރޯލު ފާހަގަކުރުމަކީ ޒިންމާއެއް: މިނިސްޓަރު

05 އޮކްޓޯބަރ 2021

ކޮވިޑު-19 ގެ ސަބަބުން ސިއްހީ ހިދުމަތްތެރިންނާއި އެހެން ދާއިރާތަކުގެ މަސައްކަތްތެރިންގެ އަގުވަޒަންކުރި ގޮތަށް ޓީޗަރުންގެ ރޯލު ފާހަގަކުރުމަކީ ޒިންމާއެއް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކޮވިޑު-19 ގެ ސަބަބުން ސިއްހީ ހިދުމަތްތެރިންނާއި އެހެން ދާއިރާތަކުގެ މަސައްކަތްތެރިންގެ އަގުވަޒަންކުރި ގޮތަށް ޓީޗަރުންގެ ރޯލު ފާހަގަކުރުމަކީ ޒިންމާއެއް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.

މި އަހަރުގެ ޓީޗަރުންގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރު ދެއްވި ހިތާބުގައި ވިދާޅުވީ ކޮވިޑުގެ ދަތި ހާލަތުގައި ބަލިމަޑުކަމުން އަރައިގަތުމުގެ ސިއްރަކީ ޓީޗަރުން ކަމަށެވެ. ރޯގާގެ ސަބަބުން މާޔޫސްވެފައިވާ މީހުންނަށް ކޮންމެ ވެސް ވަރެއްގެ ހިތްވަރާއި ހިތްހަމަޖެހުމެއް ގެނެސްދިނީ ވެސް ޓީޗަރުން ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންވެ، އެހެން ދާއިރާތަކުގެ މަސައްކަތްތެރީންގެ އަގުވަޒަންކުރި ގޮތަށް ޓީޗަރުންގެ ނަން ފާހަގަކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ޓީޗަރުންގެ ދުވަހަށް މި އަހަރު ކަނޑައަޅާފައިވާ ޝިއާރަކީ "ކިޔަވައިދިނުން އިހުއޮތްގޮތަށް އިއާދަކުރުމުގެ ހިތަކީ މުދައްރިސުން"ނެވެ.

"ކޮވިޑުގެ ދުވަސްވަރު ކޮންމެ ވެސް މިންވަރެއްގެ ހަމަޖެހުމެއް ދަރިވަރުންނަށް ގެނެސް ދިނީ މުދައްރިސުންގެ ގުރުބާނީގެ ސަބަބުންކަން ޔަގީން. މުދައްރިސުންނަށް ޖެހުނީ އާ ކަންތައްތަކެއް ދަސްކޮށްގެން، އެހެންޏާ ބޭނުން ނުކުރާ ވަސީލަތްތަކެއް ބޭނުންކޮށްގެން، އެހެންޏާ ނުކިޔަވައިދޭ ގޮތަކަށް ކިޔަވައިދޭން،" މިނިސްޓަރު ވިދާޅުވި އެވެ.

ޓީޗަރުންގެ ދުވަސް ފާހަގަކުރަން މަޖީދިއްޔާ ސްކޫލުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ޓީޗަރުން ބައިވެރިވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ޓީޗަރުންގެ ދުވަސް ފާހަގަކުރަން މަޖީދިއްޔާ ސްކޫލުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ޓީޗަރުން ބައިވެރިވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

"މުދައްރިސުން މިކަން ނުކުރި ނަމަ ދަރިވަރުންނަށް ވާނޭ ގޮތް، ގޭބިސީގެ އިޖުތިމާއީ ދިރިއުޅުމަށް އަންނާނޭ ހުސްކަން އަޅުގަނޑަށް ދަންނަވާކަށްވެސް ނޭނގޭ."

އޭނާ ވިދާޅުވީ ކޮވިޑުގެ ސަބަބުން ކިޔަވައިދިނުން އެތައް ދުވަހަކަށް މެދުކެނޑިގެން ދިއުމުން އެހެން ވަސީލަތްތައް ބޭނުންކޮށްގެން ކިޔަވައިދިން ކަމަށެވެ. އެކަމަކު ކުރިން ކިޔަވައިދިން ފެންވަރަށް ކިޔަވައިދެވިފައި ނުވާކަމަށް، ޓީޗަރުން ބުނާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެކަން ހައްލުކުރަން މިހާރު ކުރެވޭނެ ކަމަކީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، ދަރިވަރުންގެ ކިޔެވުން ކުރީގައި އޮތްގޮތަށް ބަދަލުކުރުމާއި ގެއްލުނު ފިލާވަޅުތައް ނަގައި ހަމަކުރުމެވެ. އެ މަސައްކަތުގެ ހިތަކީ ވެސް ޓީޗަރުންކަމަށް އޭނާ ވިދާޅުވި އެވެ.

"ކަމަކީ އުނދަގޫ ކަމެއް. މަސައްކަތުގެ ޒިންމާ ބޮޑުކަން ކަށަވަރު. ނަމަވެސް މިކަން ނުކޮށް ދޫކޮށްލައިފިނަމަ އެކަމުގެ އަސަރުތައް އެތައް ޒަމާނަކަށް ދެމިގެންދާނެ. އެހެންކަމުން، މިއަދު އަޅުގަނޑު އެދެނީ، ބެލެނިވެރިންނާއި ރައްޔިތުން އެދެނީ، މުޅި ދުނިޔެ އެދެނީ މުދައްރިސުންގެ ކިބައިން އަނެއްކާވެސް ވަރަށް ބޮޑު ހިތްވަރަކަށް،" ހިތާބުގައިވެ އެވެ.

އެ ބަލީގެ ސަބަބުން ދަރިވަރުންގެ ކިޔެވުމަށް އެއްވެސް އުނިކަމެއް އަދި ސްކޫލުތަކުން ނުކުންނަ ޖީލަށް އުނިކަމެއް މެދުވެރިވިޔަ ނުދިނުމަށް މިނިސްޓަރު އެދިވަޑައިގަތެވެ.