Roadha Mihaaru
ދޮންދަރިއާ ބެހުނު މީހެއްގެ ޖަލު ހުކުމް ދަމަހައްޓައިފި

ދޮންދަރިއަކާ ބެހުނު މީހެއްގެ ޖަލު ހުކުމް ހައި ކޯޓުން ދަމަހައްޓައިފި

05 އޮކްޓޯބަރ 2023

ދޮން ދަރިއާ ބެހުނު މީހަކު 15 އަހަރަށް ޖަލަށް ލާން ކުރި ހުކުމް ހައި ކޯޓުން ދަމަހައްޓައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ދޮން ދަރިއާ ބެހުނު މީހަކު 15 އަހަރަށް ޖަލަށް ލާން ކުރި ހުކުމް ހައި ކޯޓުން ދަމަހައްޓައިފި އެވެ.

ދިވެހި ފިރިހެނެއްގެ މައްޗަށް އެ ހުކުމް އައީ އުމުރުން 8 އަހަރުގެ ދޮންދަރިފުޅު އޮކްޓޫބަރު 2018 ގައި ނިދާފައި އޮއްވައި އެ ކުއްޖާ އަށް ޖިންސީ ގޯނާކުރި މައްސަލައިގަ އެވެ. އެ މައްސަލާގައި އަނިޔާ ލިބުނު ކުއްޖާގެ މައުލޫމާތު އާންމުވިޔަ ނުދިނުމަށްޓަކައި ދޮންބައްޕަގެ ނަން ވަނީ ސިއްރުކޮށްފަ އެވެ.

އެ މައްސަލަ އެ މީހާގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން އިއްޔެ ކުރި ހުކުމުގައި ވަނީ އެ މީހާ ޖިންސީ ގޯނާކުރި ކަމަށް އެ ކުއްޖާގެ ދައްތަ އާއި މާމަ އަށް އެ ކުއްޖާ ކިޔައިދީފައިވާ ކަމަށާއި އެ ކުއްޖާގެ ސައިކޮލޮޖިކަލް އެސެސްމެންޓް ރިޕޯޓުގައި ވެސް އެ ކުއްޖާގެ ވާހަކަތަކަކީ ތެދު ވާހަކަތަކެއް ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. އެ ކުއްޖާ އަށް ބަރަހަނާ ފިލްމު ވެސް އެ މީހާ ދެއްކި ކަމަށް އެ ކުއްޖާ ބުނާއިރު، ދޮންބައްޕަ ގެންގުޅުނު ހާޑް ޑިސްކުން ގިނަ އަދަދެއްގެ ބަރަހަނާ މަންޒަރު ހިމެނޭ ވީޑިއޯ ފެނިފައިވާތީ އެ ކުއްޖާގެ ވާހަކަތަކާ އެ ކަން ގުޅުވައިލެވޭ ކަމަށް ހުކުމުގައި ވެ އެވެ.

އެ ކުއްޖާ އަށް ޖިންސީ ގޮތުން އަނިޔާތަކެއް ލިބިފައި ނެތް ކަމަށް މެޑިކަލް ރިޕޯޓުތަކުގައި އޮތަސް، އެއީ ޖިންސީ ގޯނާ ކޮށްފައި ނުވާ ކަމަށް ބަލަންޖެހޭ ސަބަބެއް ނޫން ކަމަށް ހުކުމުގައި ބުންޏެވެ. ހުރިހާ ޖިންސީ އަނިޔާތަކަކީ ބޮޑު އަނިޔާއެއް ލިބޭ ފަދަ ކަމަކަށް ނުވެދާނެ ކަމަށާއި ނަމަވެސް ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކުން އަމަލު ކުރުމުގެ ގާނޫނު އޮތް ގޮތުން ޖިންސީ ނިޔަތެއް އޮވެގެން އަތްލުމަކީ ވެސް ކުށެއް ކަމަށް ހުކުމުގައި ވެ އެވެ.

އެ ކަންކަން ފާހަގަކޮށް، ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައި ވަނީ ދަށު ކޯޓުގެ ހުކުމަކަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.

ހައި ކޯޓުން އެ މައްސަލަ ބެއްލެވީ ފަނޑިޔާރު މުހައްމަދު ފައިސަލާއި ފަނޑިޔާރު މުހައްމަދު ނިޔާޒްގެ އިތުރުން ފަނޑިޔާރު މުހައްމަދު ސަލީމެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ފައިސަލެވެ.