Roadha Mihaaru
އެއްމާބަނޑު ދެ ކުދިންނާ ބެހުނު ބައްޕަ ސަލާމަތެއް ނުވި

އެއްމާބަނޑު ދެ ކުދިންނާ ބެހުނު ބައްޕަ 20 އަހަރަށް ޖަލަށްލީ ރަނގަޅަށް: ހައި ކޯޓް

21 ނޮވެމްބަރ 2017

ނ. މަނަދޫގައި، އެއް މާބަނޑު ދެ ކުދިންނާ ބެހުނު ބައްޕައަކު 20 އަހަރަށް ޖަލަށްލާން ކުރި ހުކުމް ހައި ކޯޓުން މިއަދު ދަމަހައްޓައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ނ. މަނަދޫގައި، އެއް މާބަނޑު ދެ ކުދިންނާ ބެހުނު ބައްޕައަކު 20 އަހަރަށް ޖަލަށްލާން ކުރި ހުކުމް ހައި ކޯޓުން މިއަދު ދަމަހައްޓައިފި އެވެ.

ގދ. އަތޮޅުގެ ރަށަކަށް ނިސްބަތްވާ އެ މީހާ ޖަލަށްލާން ކްރިމިނަލް ކޯޓުން 2014 ގައި ހުކުމްކުރީ އޭނާ 12 އަހަރުގެ އެއްމާބަނޑު ދެ ކުދިންނާ 2011 ވަނަ އަހަރުން ފެށިގެން އެކިފަހަރު މަތިން ބެހުނު ކަން ސާބިތުވެގެންނެވެ.

ޖަލުގައި ހުރި މީހާގެ މައުލޫމާތު އެނގުނު ނަމަވެސް ޚަބަރުގައި ހިމަނާފައި ނުވަނީ އަނިޔާ ލިބުނު ކުދިންގެ މައުލޫމާތު ހާމަވެދާނެތީ އެވެ.

ޖަލު ހުކުމް އެ މީހާގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން ވެސް ނިންމީ އޭނާ އެ ކުދިންނާ ބެހުނުކަން ސާބިތުވާ މިންވަރުގެ ހެކި އެބަހުރި ކަމަށާއި އެހެންވެ، ޖަލަށްލާން ކުރި ހުކުމް ރަނގަޅު ކަމަށެވެ.

ހައި ކޯޓުގެ ހުކުމުގައިވަނީ އެ ދެ ކުދިންނާ އެ މީހާ ބެހުނު ކަމަށް އެ ދެ ކުދިން ވެސް ބުނާއިރު ދެ ކުދިންނަށް ވެސް، އަނެއް ކުއްޖާއާ އެ މީހާ ބެހޭ މަންޒަރު ފެނިފައިވާ ކަމަށް އެ ކުދިން ބުނެފައިވާ ކަމަށެވެ. އެ މީހާއަކީ އެ ކުދިންގެ ބައްޕަ ކަމަށްވާއިރު ބައްޕައާ ބެހޭގޮތުން އެފަދަ ވާހަކަތަކެއް އެ ކުދިން ހަދައިގެން ދައްކަފާނެ ކަމަށް ބެލެވޭ ސަބަބެއް ނެތް ކަމަށް ހުކުމުގައިވެ އެވެ.

"ޖިންސީ ގޯނާކުރި މަންޒަރު ފެނުނު ކަމަށް އަދި ބަދު އަޚުލާގީ އަމަލު ހިންގާ ހަދާ ކަމަށް ބުނެ އެ ކުދިން އެ ވާހަކަތައް ހަދައިގެން ދައްކާނެ ކަމަށް ބުއްދީގެ ހަމަތަކުން ގަބޫލު ނުކުރެވޭ" ކަމަށް ހުކުމުގައިވެ އެވެ.

އަނިޔާ ލިބުނު ކުދިން ދީފައިވާ ބަޔާނުގެ އިތުރުން އެ ވާހަކަތައް އެ ކުދިންގެ އެހެން ބައެއްގެ ގާތުގައި ވެސް ބުނެފައިވާ ކަމަށް އެ މީހުން ހެކިބަސް ދީފައިވާ ކަމަށް ހުކުމުގައިވެ އެވެ. އެ ކުދިންނަށް ޖިންސީ ގޯނާ ލިބިފައިވާ ކަމަށް އެ ކުދިންގެ މެޑިކޯ ލީގަލް ރިޕޯޓުގައި އޮތްއިރު އަދި ހެކިބަސް ދިން ހެކިންގެ ހެކިބަހާ މެދު ސުވާލު އުފެދޭ ކަމެއް ފެންނަން ނެތް ކަމަށް ވެސް ހުކުމުގައިވެ އެވެ. އެހެންވެ، ލިބިފައި ހުރިހާ ހެއްކެއް ގުޅުވާލުމުން، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ކުށް ސާބިތުކުރަން ބޭނުންވާ މިންވަރަށް އެ މީހާއާ ދެކޮޅަށް ހެކި ލިބިފައިވާ ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި އެ ހުކުމުގައިވެ އެވެ.

އެ މައްސަލަ ބެއްލެވީ ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް އަދި ފަނޑިޔާރު އަލީ ސަމީރެވެ.