Roadha Mihaaru
އޮކްޓޯބަރުގައި އޭލެވެލް އިމްތިހާނު ފަށަން ހުރަހެއްނެތް

އޮކްޓޯބަރު/ނޮވެމްބަރުގައި އޭ ލެވެލް އިމްތިހާނު ބާއްވަން ހުރަހެއް ނެތް: ޑީޕީއީ

04 މާޗް 2021

އަންނަ އޮކްޓޯބަރު/ނޮވެމްބަރު މަހުގެ ތެރޭގައި ވެސް އޭ ލެވެލް އިމްތިހާނު ބާއްވަން ހުރަހެއް ނެތް ކަމަށާއި އެއީ ވެސް އިމްތިހާނު ބޭއްވޭނެ ޗޮއިސްއެއް ކަމަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) އިން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އަންނަ އޮކްޓޯބަރު/ނޮވެމްބަރު މަހުގެ ތެރޭގައި ވެސް އޭ ލެވެލް އިމްތިހާނު ބާއްވަން ހުރަހެއް ނެތް ކަމަށާއި އެއީ ވެސް އިމްތިހާނު ބޭއްވޭނެ ޗޮއިސްއެއް ކަމަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) އިން މިއަދު ބުނެފި އެވެ.

އިމްތިހާނު ނުބޭއްވޭނެ ކަމަށް އެޑެކްސެލް އިން މިދިޔަ މަހު އެންގުމަށް ފަހު، ރާއްޖެއިން ކުރި މަސައްކަތާއެކު އޭ ލެވެލް އިމްތިހާނު ކުރިއަށްގެންދިއުމުގެ ފުރުސަތު ވަނީ ދީފަ އެވެ. ނަމަވެސް ބައެއް ސްކޫލުތަކާއި ބެލެނިވެރިންގެ ކަންބޮޑުވުމަކީ އިމްތިހާނަށް ދަރިވަރުން ތައްޔާރުނުވުމެވެ.

ނަމަވެސް ޑީޕީއީ ހިންގުމާ ހަވާލުވެ ހުންނެވި މުހައްމަދު އިހުސާން "މިހާރު" އަށް ވިދާޅުވީ، އޮކްޓޯބަރު/ނޮވެމްބަރުގައި ވެސް އިމްތިހާނު ބޭއްވިދާނެ ކަމަށެވެ. ނަމަވެސް އެ ތަނުގެ ހުރިހާ ކަމެއް ބިނާވާނީ އެޑެކްސެލްގެ ނިންމުމަށް ކަމަށް ވިދާޅުވި އެވެ.

"އޮކްޓޯބަރު/ނޮވެމްބަރަކީ އިމްތިހާނު ނުބޭއްވޭނެ ވިންޑޯއެއް ނޫން. ހުރަހެއް ނޫން. އެޑެކްސެލް އިން އެ ފުރުސަތު އެބައޮތް. އެކަމަކު އެކަން އަދި ކުރާނެ ގޮތެއް ނޭނގެނީ،" އިހުސާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޮވިޑުގެ ހާލަތަށް ބަލައި، އެއީ އެންމެ ރަނގަޅު ގޮތް ނަމަ އޮކްޓޯބަރު/ނޮވެމްބަރުގައި އިމްތިހާނު ހަދަން ފުރުސަތު ދޭނެ ކަމަށެވެ.

އަންނަ މެއި/ޖޫންގައި އިމްތިހާނު ހެދުމަށް ގްރޭޑު 12 ގެ ގިނަ ދަރިވަރުން ތައްޔާރަށް ތިބި ކަމަށާއި އެ ގޮތަށް، ގްރޭޑު 11 ގެ ކުދިންނަށް އޮކްޓޯބަރު/ނޮވެމްބަރު ބޭނުން ނަމަ އެ ފުރުސަތު ދިނަސް އެކަމާ ގުޅޭ ވަކި ގޮތެއް ނުނިންމަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ބޭއްވި ނިއުސް ކޮންފަރެންސްގައި މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ ހަމަޖައްސާފައިވާ ތާވަލާ އެއްގޮތަށް، އެއްވެސް ބަދަލެއް ނުގެނެސް ގްރޭޑު 11 އަދި 12 ގެ ދަރިވަރުންގެ އިމްތިހާނު އޮންނާނެ ކަމަށެވެ.

"މިހާރު ހަމަޖެހިފައިވާ ގޮތުން ދިވެހިރާއްޖޭގައި އެގްޒާމް ބާއްވާ ގޮތަށް އަޅުގަނޑުމެން ކުރިއަށްގެންދަން ރާވާފައި އޮތީ. އެގޮތުން، މި އަހަރު މެއި/ޖޫންގައި މިހާރު ކިޔަވަމުން ދާ ހުރިހާ ކުދިން އޭ އެލް އެގްޒާމާއި އޭ އެސް އެގްޒާމުގައި ސިޓްކުރާނެ. އެ ކުދިންގެ ޕޭޕަރުތައް އެޑެކްސެލް އިން މާކްކުރާނީ. ސެޓްފިކެޓް ވެސް ހަމަ އެޑެކްސެލް އިން ދެއްވާގޮތަށް ހަމަޖެހިފައި އޮތީ،" އޮންލައިންކޮށް ބޭއްވި ނިއުސް ކޮންފަރެންސްގައި މިނިސްޓަރު ވިދާޅުވި އެވެ.