Roadha Mihaaru
އަލްބޭނިއާ-ސްވިޒަލެންޑް މެޗު، ދެބެން ދެ ޓީމުގައި!

އަލްބޭނިއާ-ސްވިޒަލެންޑް މެޗު، ދެބެން ދެ ޓީމުގައި!

11 ޖޫން 2016

ޕެރިސް (ޖޫން 11) - ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭ ގައި މިއަދު އަލްބޭނިއާ އާއި ސްވިޒަލެންޑް ބައްދަލުކުރާ މެޗު ވެގެންދާނީ މުބާރާތުގެ ތާރީހުން ވެސް ޖާގަ ހޯދާނެ ކުރިމަތިލުމަކަށެވެ. އެއީ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ތާރީހުގައި ފުރަތަމަ ފަހަރަށް، އެއްބަނޑު އެއްބަފާ ދެބެން ހިމެނޭ ދެ ޓީމެއް ކުރިމަތިލާ ފުރަތަމަ މެޗަށް ވުމެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ޕެރިސް (ޖޫން 11) - ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭ ގައި މިއަދު އަލްބޭނިއާ އާއި ސްވިޒަލެންޑް ބައްދަލުކުރާ މެޗު ވެގެންދާނީ މުބާރާތުގެ ތާރީހުން ވެސް ޖާގަ ހޯދާނެ ކުރިމަތިލުމަކަށެވެ. އެއީ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ތާރީހުގައި ފުރަތަމަ ފަހަރަށް، އެއްބަނޑު އެއްބަފާ ދެބެން ހިމެނޭ ދެ ޓީމެއް ކުރިމަތިލާ ފުރަތަމަ މެޗަށް ވުމެވެ.

ކޮސޯވޯ އަށް އުފަން ގްރޭނިޓް ޒާކާ މިއަދުގެ މެޗުގައި ފެނިގެންދާނީ ސްވިޒަލެންޑުންނެވެ. އަދި އޭނާގެ ބޭބެ ޓޫލާންޓް ޒާކާ ކުޅެނީ އަލްބޭނިއާ އަށެވެ.

"މިއީ އަހަރެމެން ދުނިޔޭގައި އެންމެ ކުރަން ބޭނުންވާނެ އެންމެ ފަހު ކަންތައް. އެކަކު އަނެކަކާ ދެކޮޅަށް ގައުމީ ފެންވަރުގައި ވާދަކުރުން،" އަންނަ ސީޒަނުގައި އާސެނަލަށް ކުޅެން އެއްބަސްވެފައިވާ އުމުރުން 23 އަހަރުގެ ގްރޭނިޓް ޒާކާ ބުންޏެވެ.

ސްވިޒަލެންޑުގެ މިޑްފީލްޑަރު ގްރޭނިޓް ޒާކާ.-- ފޮޓޯ: އޭއެފްޕީ

ސްވިޒަލެންޑުގެ މިޑްފީލްޑަރު ގްރޭނިޓް ޒާކާ.-- ފޮޓޯ: އޭއެފްޕީ

ޒުވާން އުމުރުގައި ދެއްކި މޮޅު ކުޅުމުގެ ސަބަބުން އުމުރުން 18 އަހަރުގައި ސްވިޒަލެންޑު ގައުމީ ޓީމުން ގްރޭނިޓް ޒަކާ އަށް ފުރުސަތު ލިބުނެވެ. އޭނާ ގައުމީ ޓީމަށް ކުޅުނު ފުރަތަމަ މެޗަކީ 2011 ވަނަ އަހަރުގައި އިންގްލެންޑާ ދެކޮޅަށް ކުޅުނު މެޗެވެ. ޓޫލާންޓް ޒަކާ އަލްބޭނިއާ އަށް ކުޅެން ނިންމީ އަމިއްލަ ގައުމު ތަމްސީލްކުރުމަށް އިސްކަންދޭތީ އެވެ. ޓޫލާންޓް ޒަކާ ފުރަަތަމަ ފަހަރަށް އަލްބޭނިއާ އަށް މެޗެއް ކުޅުނީ މީގެ ދެ އަހަރު ކުރިންނެވެ. އެ މެޗުން އަލްބޭނިއާ ވަނީ 1-0 އިން ޕޯޗުގަލް ބަލިކޮށްފަ އެވެ.

"މިއީ ކަންބޮޑުވާން ޖެހޭ ކަމެއް ނޫން. މެޗުގެ ކުރިން ގުޅުން އޮންނާނެ. އެކަމު ވާދަވެރި މެޗެއްގައި މި ކަމަށް ބަލައިގެން މެޗަށްދޭ ސަމާލުކަން ކުޑަކުރަން ބޭނުމެއް ނޫން،" އުމުރުން 25 އަހަރުގެ ޓޫލާންޓް ޒަކާ ބުންޏެވެ.

މި މެޗަކީ ޒާކާ އާއިލާ އަށް ބަލަން ފަސޭހަ މެޗަކަށް ނުވާނެ އެވެ. ގްރޭނިޓް ޒަކާ ބުނީ އޭނާގެ އާއިލާ އިން މެޗުގައި ތަރުހީބު ދިނުމަށް އަތްޖަހާ ކަމަށް ވަނީނަމަ އެއް އަތުން ތަރުހީބު ދޭނީ އަލްބޭނިއާ އަށް ކަމަށާއި އަނެއް އަތުން ތަރުހީބު ދޭނީ ސްވިޒަލެންޑަށް ކަމަށެވެ.

އަލްބޭނިއާގެ މިޑްފީލްޑަރު ޓޫލާންޓް ޒާކާ.-- ފޮޓޯ: އޭއެފްޕީ

އަލްބޭނިއާގެ މިޑްފީލްޑަރު ޓޫލާންޓް ޒާކާ.-- ފޮޓޯ: އޭއެފްޕީ

މި ފަހަރުގެ މުބާރާތުގައި އެއްބަނޑު އެއްބަފާ ދެބެން ހިމެނޭ ތިން ޓީމެއް ވާދަކުރެ އެވެ. ބެލްޖިއަމުގައި ޖޯޑަން ލުކާކޫ އާއި ރޮމެލޫ ލުކާކޫ ހިމެނޭއިރު ނޮދަން އަޔަލެންޑްގެ ތިބީ ކޯރީ އެވަންސް އާއި ޖޯނީ އެވަންސް އެވެ. ރަޝިއާ ޓީމުގައި ވަސިލީ ބެރެޒުޓްސްކީ އާއި އަލްކްސެ ބެރެޒުޓްސްކީ އެވެ. މި ދެބެންނަކީ އެއްމާބަނޑު ދެބެންނެވެ.

ޔޫރޯ ފުޓްބޯޅަ މުުބާާރާތުގެ ތާރީހުގައި އަލްބޭނިއާ ކުޅޭ ފުރަތަމަ މެޗުގައި ސްވިޒަލެންޑާ ދެކޮޅަށް ނުކުންނާނީ މިއަދު ރާއްޖެ ގަޑިން އިރުއޮއްސި 6 ޖަހާއިރު އެވެ.