Roadha Mihaaru
ކޮންޓްރެކްޓަރުންނަށް ފައިސާ ނުދޭތީ ގޮތް ހުސްވެފައި

ޕްރޮޖެކްޓްތަކަށް ފައިސާ ނުދޭތީ ކޮންޓްރެކްޓަރުން ތިބީ ގޮތް ހުސްވެފައި: މަސީ

08 އޮކްޓޯބަރ 2023

ސަރުކާރުން ހިންގާ ޕްރޮޖެކްޓްތަކަށް އެއްބަސްވުމާ އެއްގޮތަށް ފައިސާ ނުދޭތީ ކޮންޓްރެކްޓަރުން ގޮތް ހުސްވެ، މާލީ ބޮޑު ތަކުލީފެއް ކުރިމަތިވެފައިވާ ކަމަށް ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާގެ ޖަމިއްޔާ، މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އިން ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ސަރުކާރުން ހިންގާ ޕްރޮޖެކްޓްތަކަށް އެއްބަސްވުމާ އެއްގޮތަށް ފައިސާ ނުދޭތީ ކޮންޓްރެކްޓަރުން ގޮތް ހުސްވެ، މާލީ ބޮޑު ތަކުލީފެއް ކުރިމަތިވެފައިވާ ކަމަށް ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާގެ ޖަމިއްޔާ، މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އިން ބުނެފި އެވެ.

މަސީން ނެރުނު ބަޔާނުގައި ބުނީ، އަތޮޅުތަކުގެ ތަރައްގީއަށް ހިންގާ ޕީއެސްއައިޕީ ޕްރޮޖެކްޓްތަކާއި އެހެނިހެން ޕްރޮޖެކްޓްތަކުގެ މަސައްކަތް، ކޮންޓްރެކްޓަރުން އަމިއްލަ ތަކެތީގައި ކުރުމަށް ފަހު، އެގްރީމެންޓުގައިވާ ގޮތަށް އިންވޮއިސް ފޮނުވުމުން ވެސް، ޕޭމަންޓުތައް ލިބުމުގައި ބޮޑެތި ލަސްތައް ކުރިމަތިވާ ކަމަށެވެ. ސަރުކާރުން ކުންފުނިތަކަށް ދޭން ޖެހޭ ފައިސާ ނުދީ ލަސް ކުރުމުން އަމިއްލަ ކުންފުނިތަކުގެ މުވައްޒަފުންނަށް މުސާރަ ދޭން ދަތިވެ، މުވައްޒަފުންގެ ކެއުމާއި އެހެނިހެން ހަރަދުތައް ހަމަޖައްސަން އުނދަގޫވެ، މަސައްކަތަށް ތަކެތި ސަޕްލައިކޮށްދޭ ފަރާތްތަކަށް ފައިސާ ދޭން ދަތިވާ ކަމަށް އެ ޖަމިއްޔާ އިން ބުންޏެވެ.

ކޮންޓްރެކްޓަރުންނަށް ފައިސާގެ ތާށިކަން ކުރިމަތިވެ، މުވައްޒަފުންގެ މުސާރަ ނުދިނުމުން، އެ މުވައްޒަފުން މަސައްކަތް ހުއްޓާލާ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށް ވެސް އެ ޖަމިއްޔާއިން ބުންޏެވެ. މިކަމަށް ހައްލެއް ހޯޑުމަށް ސަރުކާރަށް އެކި ފަހަރު މަތިން އެދުނު ކަމަށާއި އެކަމަކު ވެސް އެއްވެސް ހަލެއް ނުލިބޭ ކަމަށް މަސީން ބުންޏެވެ.

ކޮންޓްރެކްޓްގެ މުއްދަތު ހަމަވެގެން ސަރުކާރުން ކޮންޓްރެކްޓަރު ޖޫރިމަނާކުރާ ފަދައިން ކޮންޓްރެކްޓަރުންގެ އިންވޮއިސްތަކަށް ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދެވޭ ހާލަތްތަކުގައި އޭގެ ޖޫރިމަނާ ވެސް ކޮންޓްރެކްޓަރުންނަށް ދިނުމަށް އެ އެސޯސިއޭޝަނުން ވަނީ ގޮވައިލާފަ އެވެ.

ކޮންޓްރެކްޓަރުންނަށް ފައިސާ ނުދޭތީ މަސީން ކަންބޮޑުވުން ފާޅުކުރި އިރު ދާދި ފަހުން ވަނީ ފެނަކައިގެ ގިނަ އަދަދެއްގެ ޕްރޮޖެކްޓް ހިންގި 100 އަށް ވުރެ ކޮންޓްރެކްޓަރުންނާއި ސަޕްލަޔަރުންނަށް އުސޫލުގެ ތެރެއިން ޕޭމެންޓްތައް ދެމުން ނުދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މިއަހަރުގެ މިހާތަނަށް ސަރުކާރުން ވަނީ ޕީއެސްއައިޕީ ބަޖެޓުން 8.2 ބިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ. މިއަހަރުގެ ބަޖެޓުގައި ޕީއެސްއައިޕީގެ ދަށުން 900 އަށް ވުރެ ގިނަ ޕްރޮޖެކްޓް ހިންގުމަށް 8.4 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ.