Roadha Mihaaru
ނަޝީދު ދެއްކެވި ވާހަކަތައް މުއިއްޒުގެ ވިސްނުމާ ހިލާފު!

އިންޑިއާގެ ސިފައިންގެ މައްސަލާގައި ނަޝީދު ދެއްކެވި ވާހަކަތައް މުއިއްޒުގެ ވިސްނުމާ ހިލާފު!

08 އޮކްޓޯބަރ 2023

އިންޑިއާގެ ނޫހަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްވި އިންޓަވިއުއެއްގައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒާ ހަވާލާ ދެއްވައި ދެއްކެވި ވާހަކަފުޅުތަކެއް އިންތިހާބީ ރައީސްގެ އޮފީހުން މިއަދު ކުށްވެރި ކޮށްފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

އިންޑިއާގެ ނޫހަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްވި އިންޓަވިއުއެއްގައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒާ ހަވާލާ ދެއްވައި ދެއްކެވި ވާހަކަފުޅުތަކެއް އިންތިހާބީ ރައީސްގެ އޮފީހުން މިއަދު ކުށްވެރި ކޮށްފި އެވެ.

"ދަ ހިންދޫ" އަށް ނަޝީދު އިއްޔެ ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ރާއްޖޭގައި އޮޕަރޭޓްކުރާ ހެލިކަޕްޓަރުތައް ބެލެހެއްޓުމަށް ގާތްގަނޑަކަށް 75 ވަރަކަށް އިންޑިއާ ސިފައިން ބޭއްތިބުމަށް އިންތިހާބީ ރައީސް މުއިއްޒު ހުރަސް ނާޅުއްވާނެ ކަމަށެވެ.

އެހެންވެ، އެ ވާހަކަތައް ކުށްވެރި ކުރައްވަމުން އިންތިގާލީ މަރުހަލާގެ ތަރުޖަމާން މުހައްމަދު ފިރުޒުލް ވިދާޅުވީ، އެއީ އިންތިހާބީ ރައީސާ މަޝްވަރާ ކުރައްވާފައި ނަޝީދު ދައްކަވާފައިވާ ވާހަކަފުޅުތަކެއް ނޫން ކަމަށެވެ. އިންތިހާބީ ރައީސް މުއިއްޒުގެ ސްޓޭންޑަކީ އިންޑިއާގެ އަދި އެހެން އެއްވެސް ގައުމެއްގެ ސިފައިންގެ އެންމެ "ބޫޓު ޖޯޑެއް" ވެސް ރާއްޖޭގައި ހުރުމަށް ނުރުހުން ކަމަށް ތަރުޖަމާން ވިދާޅުވި އެވެ.

"އެއީ ދިވެހި ރައްޔިތުން ނިންމަވާފައިވާ ނިންމެވުން. އިންތިހާބީ ރައީސްގެ ސާފު ސަރީހަ ސްޓޭންޑް ވެސް މެ. ރައްޔިތުންގެ ނިންމެވުމާ ފުށުއަރާ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ދައްކަވާފައިވާ ވާހަކަތަކާ މެދު ހިތާމަ ކުރަން. އިންތިހާބީ ރައީސަށް ނިސްބަތް ކުރައްވާ އެ ވާހަކަތައް ދެއްކެވީތީވެ ވަކިން ބޮޑަށް ހިތާމަ ކުރަން އަދި އެކަން އެގޮތަށް ނުކުރުމަށް އިލްތިމާސް ކުރަން،" ފިރުޒުލް ވިދާލުވި އެވެ.

އިންތިގާލީ މަރުހަލާގެ ތަރުޖަމާން ފިރުޒުލް މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

އިންތިގާލީ މަރުހަލާގެ ތަރުޖަމާން ފިރުޒުލް މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

އިންޑިއާގެ ނޫހަށް ނަޝީދު ދެއްވި އިންޓަވިއުގައި ވިދާޅުވީ، ރާއްޖޭގެ ސަލަމާތާއި ރައްކާތެރިކަން ކަށަވަރު ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި ކޮންމެ ދިމާލަކުން ވެސް ޓެރަރިސްޓް ޖަމާއަތެއް ރާއްޖެ އަށް ވެރިވެގަނެދާނެ ކަން އެއީ ހަގީގަތް ކަމަށެވެ.

"ދެތިން ސަތޭކަ މީހުން އައިސް ރާއްޖެ އަށް އުނދަގޫތަކެއް ކޮށްފާނެ. އެހެންކަމުން އިންޑިއާއާ އެކު ވަރުގަދަ ދިފާއީ ގުޅުމެއް ގާއިމްވެފައި އޮތުމަށް ވުރެ ރަނގަޅު ގޮތެއް ރާއްޖެ އަށް ނެތް،" ނަޝީދު ވިދާޅުވި އެވެ.

ރައްޔިތުންގެ ނިންމެވުމާ ފުށުއަރާ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ދައްކަވާފައިވާ ވާހަކަތަކާ މެދު ހިތާމަ ކުރަން. އިންތިހާބީ ރައީސަށް ނިސްބަތް ކުރައްވާ އެ ވާހަކަތައް ދެއްކެވީތީވެ ވަކިން ބޮޑަށް ހިތާމަ ކުރަން އަދި އެކަން އެގޮތަށް ނުކުރުމަށް އިލްތިމާސް ކުރަން،"--- ތަރުޖަމާން

ކޯސްޓްގާޑަށް ހާއްސަ ބަނދަރު އުތުރުތިލަފަޅު ހެދުމަށް އިންޑިއާއާ އެކު ވެފައިވާ އެއްބަސްވުމުގައި އެއްވެސް މައްސަލައެއް ނެތް ކަމަށާއި އެ ބަދަލުކުރަންޖެހޭ ސަބަބެއް އޮތް ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ވެސް ނަޝީދު ވިދާޅުވެފައިވެ އެވެ.

ރިޔާސީ ކެމްޕެއިންގައި ވެސް މުއިއްޒު އެންމެ ބޮޑަށް ވަކާލާތު ކުރެއްވި އެއް ކަމަކީ ރާއްޖޭގައި ތިބޭ އިންޑިއާގެ ސިފައިން އަނބުރާ ފޮނުވައިލުމަށެވެ. އިންތިހާބު ކާމިޔާބު ކުރެއްވުމަށް ފަހު ވެސް ދިވެހިންނަށް އެ މަނިކުފާނު ދެއްވި ޔަގީންކަމަކީ އެކަން ކުރައްވާނެ ކަމެވެ. އަދި ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރާ އެކު ބޭއްވެވި ބައްދަލުވުމުގައި ވެސް މުއިއްޒު އެ ވާހަކަ ދެއންނެވި ކަމަށް ތަރުޖަމާން އިއްޔެ ވިދާޅުވި އެވެ.

ނަޝީދުގެ ވާހަކަތަކަކީ އިންތިހާބީ ރައީސް މުއިއްޒުގެ ސިޔާސަތާ ދެކޮޅު ވާހަކަތަކަކަށް ވާއިރު، ނަޝީދު އިސްކޮށް ހުންނަވާ "ދަ ޑިމޮކްރެޓްސް" ގެ ބައިވެރިވުން މުއިއްޒުގެ ސަރުކާރުގައި އޮންނާނެ ކަމަށް އެ ޕާޓީން ގެންދަނީ ބުނަމުންނެވެ.

ނަޝީދު ވެސް ވަނީ އެ މަނިކުފާނަކީ ދެން އުފެދޭ ސަރުކާރުގެ ބައިވެރިއެއް ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް، މިކަމާ ގުޅޭ ގޮތުން މުއިއްޒު މިހާތަނަށް ސާފު ޖަވާބެއް ދެއްވާފައެއް ނުވެ އެވެ. ވިދާޅުވީ، ތައުލީމީ އަދި ގާބިލް ބޭފުޅުންތަކެއްގެ ނަން ލިބިވަޑައިގެންފި ނަމަ ވަކި ޕާޓީއަކަށް ބެއްލެވުމެއް ނެތި އެ މަނިކުފާނުގެ ސަރުކާރުން ފުރުސަތު ދެއްވާނެ ކަމަށެވެ.

އިންތިހާބީ ރައީސްގެ އޮފީހުން ބުނެފައިވަނީ މުއިއްޒު މަސައްކަތްޕުޅު ކުރައްވަނީ ވީހާ ވެސް ގިނަ ބައެއްގެ ބައިވެރިވެރިވުމާ އެކު ސަރުކާރު އެކުލަވާލަން ކަމަށާއި ނަމަވެސް، ވަކި ޕާޓީއަކަށް ވަކި މަގާމުތަކެއް ދޭން މިހާތަނަށް ނިންމަވާފައި ނުވާނެ ކަމަށެވެ.