Roadha Mihaaru
އިންޑިއާ ސިފައިން ބޭރުކުރުން ފުރަތަމަ 100 ދުވަހު!

މުއިއްޒުގެ ފުރަތަމަ 14 ހަފުތާ: އެންމެ ކުރީގައި އިންޑިއާ ސިފައިން ބޭރުކުރުމާއި ޗާގޯސް މައްސަލަ އިސްތިއުނާފުކުރުން!

15 ނޮވެމްބަރ 2023

ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގެ ހުވާ އަންނަ ހުކުރު ދުވަހު ހުވާ ކުރައްވާ ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރައްވާނެ އެންމެ ފުރަތަމަ ކަމަކަށް ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން އަނބުރާ ފޮނުވައިލުން ހިމަނުއްވައިފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގެ ހުވާ އަންނަ ހުކުރު ދުވަހު ހުވާ ކުރައްވާ ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރައްވާނެ އެންމެ ފުރަތަމަ ކަމަކަށް ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން އަނބުރާ ފޮނުވައިލުން ހިމަނުއްވައިފި އެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި އެ މަނިކުފާނު ވަނީ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ޕްލޭން އާންމު ކުރައްވައިފަ އެވެ. އެ ޕްލޭނަށް މުއިއްޒު ދެއްވި ނަމަކީ "ހަފުތާ 14" އެވެ.

"ހަފުތާ 14" ގައި ހިމެނޭ ކަންކަމުގެ މަގުޗާޓުގެ ލިސްޓުގެ އެންމެ ކުރީގައި މުއިއްޒު ހިމެނުއްވީ ރާއްޖޭގެ މިނިވަންކަން އެންމެ ފުރިހަމަ އަށް އިޔާދަކޮށްދިނުމެވެ.

އެކަމުގެ ދަށުން ފުރަތަމަ ކަމަކަށް އޮތީ ރާއްޖޭގައި ތިބި ބޭރު ގައުމުތަކުގެ ސިފައިން ބޭރުކުރުމެވެ. ދޭދޭ ގައުމުތަކާ އެކު ހަދާފައިވާ އެއްބަސްވުންތަކުގައި ހުރި ރާއްޖޭގެ ސިޔާދަތަށް ބުރޫއަރާ ފަދަ ކަންކަން އާންމު ކުރާނެ ކަމަށް މަގުޗާޓުގައި ވެ އެވެ.

އިންތިހާބީ ރައީސް މުއިއްޒު ވިދާޅުވަމުން ގެންދަވަނީ ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ފޮނުވައިލާނީ ޑިޕްލޮމެޓީކް އުސޫލުގެ ތެރެއިން ސުލްހަވެރިކަމާ އެކު ކަމަށެވެ.

ޗާގޯސް މައްސަލައިގައި "ގެއްލުނު ކަނޑު" އަނބުރާ ހޯދަން އިޓްލޮސްގައި ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އިސްތިއުނާފު ކުރުމަކީ ވެސް މުއިއްޒުގެ މަގުޗާޓުގައިވާ ކަމެކެވެ.. އެއާ އެކު، މިސްކިތްތަކުގެ ހާލަތު ދެނެގަނެވޭނެ ދާއިމީ ނިޒާމެއް ގާއިމު ކުރުމާއި ތަރިކަ އާލާކުރުމުގެ ޕްރޮގްރާމެއް ހިންގާނެ ހާއްސަ މަރުކަޒަކާއި ކޮލެޖެއް ގާއިމް ކުރުމުގެ އިތުރުން ދިވެހި ގައުމިއްޔަތު ދިރުވާނެ ގޮތުގެ މަގުޗާޓެއް އެކުލަވާލަން ވަނީ ހިމަނައިފަ އެވެ.

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހަފްތާ 14 އިވެންޓުގެ ތެރެއިން: ފުރަތަމަ 100 ދުވަހުގެ ޕްލޭންގެ އެންމެ ކުރީގައި އޮތީ އިންޑިއާ ސިފައިން ބޭރުކުރުން -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހަފްތާ 14 އިވެންޓުގެ ތެރެއިން: ފުރަތަމަ 100 ދުވަހުގެ ޕްލޭންގެ އެންމެ ކުރީގައި އޮތީ އިންޑިއާ ސިފައިން ބޭރުކުރުން -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

މަގުޗާޓުގައި ދެން ހިމެނެނީ ބޯހިޔާވަހިކަމުގެ ވައުދުތަކެވެ. ފުރަތަމަ 14 ހަފުތާގައި ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫއުތަކުގެ ބިންގާ އަޅައި، ގެދޮރުވެރިކަމުގެ ހާއްސަ ޓްރަސްޓް ފަންޑު ގާއިމު ކުރުމުގެ މަސައްކަތްތައް ފަށައި، ބޯހިޔާވަހިކަމުގެ ލޯނުތަކުގެ އިންޓްރެސްޓު ފަސް ޕަސެންޓަށް ހަމަޖެއްސުމުގެ ސިޔާސަތުތައް ކަނޑައެޅުން ވަނީ ހިމަނައިފަ އެވެ.

ބޯހިޔާވަހިކަމުގެ ދާއިރާގެ ދަށުން "ހަފުތާ 14" ގައި އިތުރަށް ވަނީ ބޯހިޔާވަހިކަން ހޯދަން ހުށަހެޅުމާ އެކު، ވަގުތުން ދަރަޖަ ފެންނާނެ ޕޯޓަލެއް ގާއިމު ކުރުމާއި ބިމާ ގުޅޭ ގާނޫނަށް "ކޮންވޭޔަންސް" އިސްލާހުތަކެއް ގެނައުމަށާއި މާލޭގައި ދިރިއުޅޭ ރަށްރަށުގެ މީހުންނަށް ބޯހިޔާވަހިކަން ދިނުމަށް ވައުދު ވެފައިވާ ފުށިދިއްގަރު ފަޅު ހިއްކުމުގެ މަސައްކަތް ފެށުން ހިމަނައިފަ އެވެ.

ވެލާނާ އިންޓަނޭޝަލް އެއާޕޯޓުގެ މަސައްކަތް ނިންމުމާއި މާލެ ޕޯޓާއި އައްޑޫ އިންޓަނޭޝަނަލް ޕޯޓު ތަރައްގީ ކުރުމުގެ އިތުރުން ލ. ގާދޫގައި ގާއިމްކުރާ ޓްރާންސްޝިޕްމެންޓު ބަނދަރުގެ މަސައްކަތް ފެށުމަށް ވެސް ވަނީ ނިންމައިފަ އެވެ.

ވެރިކަމުގެ ފުރަތަމަ ދުވަސްކޮޅު، ވަކި ރަށްތަކެއްގައި އެއާޕޯޓުތައް ހެދުމުގެ މަސައްކަތް ފަށައި ފެނާއި ނަރުދަމާގެ ހިދުމަތް ނުލިބޭ ރަށްރަށަށް އެ ހިދުމަތް ފޯރުކޮށްދީ، ބޮޑެތި ރަށްތަށުގެ މަގުތައް ތަރައްގީ ކުރުމުގެ މަޝްރޫއުތައް ފަށައި، ރަށްރަށުގައި ހުރި ހައުސިން ޔުނިޓުގެ އަގުތައް ކުޑަ ކުރާނެ ކަމަށް މަގުޗާޓުގައި ބުނެފައިވެ އެވެ.

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހަފްތާ 14 ލޯންޗުކޮށްދެއްވަނީ -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހަފްތާ 14 ލޯންޗުކޮށްދެއްވަނީ -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މީހުންގެ ހާއްސަ ކެޓެގަރީތަކަކާއި މަސްވެރިންނާއި ޓެކްސީ ޑްރައިވަރުންގެ ދަފުތަރެއް ހެދުމަކީ ވެސް މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހު ކުރައްވާނެ ކަމެކެވެ. އަދި މަސްވެރިންނަށް މިފްކޯގެ ހިއްސާގެ ބައެއް ދިނުމަށް ހިމަނައިފައިވެ އެވެ.

ދައުލަތުން ހިއްސާވާ ކުންފުނިތައް ހަރަދު ކުޑަކޮށް، އަމިއްލަ ބާރުގައި ހިންގާނެ ކުންފުނިތަކަކަށް ހެދުމަށް ކުރަން ޖެހޭ ކަންކަމާއި އެސްޑީއެފަކީ އަލުން ޑޮލަރު ޖަމާވާނެ ފަންޑަކަށް ހަދައި އެސްޑީއެފާ ބެހޭ ގާނޫނެއް ފަރުމާކޮށް، ބިލެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ވެސް މަގުޗާޓުގައި ވެ އެވެ.

ދައުލަތުގެ ހަރަދަށް ޒިންމާ ވުމުގެ ގާނޫނު އެކީގައި އިޔާދަކޮށް، ފައިސާ ޗާޕުކުރުން ހުއްޓުމަކަށް ގެނައުމަށް ވެސް މުއިއްޒު ވަނީ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ އަމާޒަކަށް ހައްދަވައިފަ އެވެ. އެ މަނިކުފާނުގެ ވައުދެއް ކަމަށްވާ އިންވެސްޓްމެންޓް ބެންކެއް ގާއިމް ކުރުމުގެ ޕޮލިސީ ކަނޑައަޅަން ވެސް ނިންމާފައިވަނީ ފުރަތަމަ 100 ދުވަހުގަ އެވެ.

މީގެ އިތުރުން ވެސް އެކި ދާއިރާތަކުން ކުރާނެ ގިނަ ކަންކަން ވަނީ މި މަގުޗާޓުގައި ހިމަނައިފަ އެވެ. އެ ޗާޓުގައި ހިމެނެނީ ޖުމްލަ 8 ދާއިރާއަކުން 161 ވައުދެކެވެ.