Roadha Mihaaru
މުއިއްޒަށް، ޔާމީން ފާސް މާކްސް ދޭނީ ދެކަމެއް ކުރުމުން

ޔާމީންގެ ފާސް މާކްސް މުއިއްޒަށް ލިބެން އޮތީ ކަނޑު ހޯދައިދީ، އިންޑިއާ ސިފައިން ބޭރުކުރުމުން!

30 އޮކްޓޯބަރ 2023

ދޫނުދެވޭނެ ދެ ކަމަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގެއްލުނު ކަމަށް ބުނާ ބައި ހޯދުމާއި ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭރުކުރުން ކަމަށާއި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި އެ ދެ ކަންތައް ހާސިލް ވެއްޖެ ނަމަ އެ ސަރުކާރަށް ފާސް މާކްސް ދެއްވާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ދޫނުދެވޭނެ ދެ ކަމަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގެއްލުނު ކަމަށް ބުނާ ބައި ހޯދުމާއި ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭރުކުރުން ކަމަށާއި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި އެ ދެ ކަންތައް ހާސިލް ވެއްޖެ ނަމަ އެ ސަރުކާރަށް ފާސް މާކްސް ދެއްވާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު އެހެން ވިދާޅުވީ، ރިޝްވަތާއި މަނީލޯންޑަރިންގެ ކުށް ސާބިތުވެގެން 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދެވި ނަމަވެސް ސިއްހީ ސަބަބުތަކަށްޓަކައި މި މަހުގެ އެއްވަނަ ދުވަހު ގޭ ބަންދަށް ބަންދަށް ބަދަލު ކުރުމަށް ފަހު، އިއްޔެ އެ އިދާރާ އިން އަނެއްކާވެސް ދިން ލުޔާ އެކު ފުރަތަމަ ފަހަރަށް ޕީޕީއެމް އޮފީހުގައި ބޭއްވި ޖަގަހަ ޖަލްސާގަ އެވެ.

ގައިދީން ބަލަހައްޓާ އިދާރާ އިން ބުނެފައިވާ ގޮތުގައި، ބޭސްފަރުވާގެ ކަންކަމަށް، ކަރެކްޝަނަށް އެންގުމަށް ފަހު، ގެއިން ބޭރަށް ވަޑައިގަތުމުގައި ޔާމީނަށް ލުއިތަކެއް ވަނީ ދީފަ އެވެ.

ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕްގެ އެއްވެސް ބޭފުޅަކާ ނުލައި ބޭއްވި ޖަލްސާގައި ޔާމީން މިރޭ ވިދާޅުވީ، އަންނަ މަހުގެ 17 ވަނަ ދުވަހަށް ފަސް އަހަރުގެ ދައުރު ނިންމާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ރާއްޖެ ވަނީ 15 އަހަރު ފަހަތަށް ސޮއްސާލާފައި ކަމަށާއި މިއީ މިނިވަން ގައުމެކޭ މިއަދު ބުނެވެން ނެތް ކަމަށެވެ. ކުރިން ރާއްޖޭގެ ސިޔާސަދަތީ ބާރު ހިނގާ ސަރައްދެއް މިހާރު އަތުގައި ނެތްކަން އެބަ އެނގޭ ކަމަށް ޔާމީން ވިދާޅުވި އެވެ.

އެ މަނިކުފާނު އެ އިޝާރަތް ކުރެއްވީ މޮރިޝަސް އިން އިޓޮލްސް އަށް ހުށަހެޅި މައްސަލާގައި ރާއްޖޭގެ ދެކުނުގެ ކަނޑުން ބައެއް ގެއްލުނު ކަމަށް ބުނާ މައްސަލައަށެވެ.

މިރޭގެ ޖަލްސާގައި ޔާމީން ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

މިރޭގެ ޖަލްސާގައި ޔާމީން ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

ޔާމީން ވިދާޅުވީ، އެ ގޯސް ނިންމުން ނިންމި ސަރުކާރު މިހާރު ނިމިއްޖެ ކަމަށާއި މިހާރު ރައްޔިތުން ވެރިކަމަށް ހޮވާފައިވަނީ ޕީޕީއެމް/ޕީއެންސީ ކަމަށެވެ. އެ ނިންމުން ރައްޔިތުން ނިންމީ، ކަނޑުގެ ސަރަހައްދު އަލުން ހޯދުމަށް ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

އެހެންވެ، އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު އަލުން ރުޖޫއަކުރުން ކަމަށް ޔާމީން ވިދާޅުވި އެވެ.

"އެންމެ ފުރަތަމަ އަޅުގަނޑުމެންގެ ސަރުކާރުން ކުރަން ޖެހޭނެ ކަމަކީ ވެރިކަން ކުރާނެ ސަރަހައްދު ކަނޑައެޅުން. އެ ގެއްލުނު ސަރަހައްދު ނުލާ ކަނޑައެއް ނާޅާނަން. އެންމެ ފުރަތަމަ ވެސް އިޓްލޮސް އަށް އިޖުތިޖާޖު އެބަ ރަޖިސްޓާ ކުރަން ޖެހޭ. އެކަމާ އިންތިހާބީ ރައީސް މުއިއްޒާ ވެސް އަޅުގަނޑު މަޝްވަރާ ކުރާނަން،" ޔާމީން ވިދާޅުވި އެވެ.

ޕީޕީއެމް އޮފީހުގައި މިރޭ ބޭއްވި ޖަލްސާގައި ޔާމީން ވާހަކަފުޅު ދައްކަވަނީ: މުއިއްޒުގެ ސަރުކާރަށް ފާސް މާކްސް ދެއްވާނެ ދެ ކަމެއް ވިދާޅުވެ ދެއްވި.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ޕީޕީއެމް އޮފީހުގައި މިރޭ ބޭއްވި ޖަލްސާގައި ޔާމީން ވާހަކަފުޅު ދައްކަވަނީ: މުއިއްޒުގެ ސަރުކާރަށް ފާސް މާކްސް ދެއްވާނެ ދެ ކަމެއް ވިދާޅުވެ ދެއްވި.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ދޫވެން ނެތް ދެ ވަނަ ކަމަކީ، ޔާމީން ވިދާޅުވި ގޮތުގައި ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭރު ކުރުމެވެ. އިންޑިއާ އަކީ ވަރަށް ގާތް އަވަށްޓެރި ގައުމަކަށް ވާތީ އެއީ ވަރަށް އުނދަގޫ ކަމަކަށް ވާނެ ކަމަށާއި އެ ގައުމު ރުޅި އަރުވައިގެން ނުވާނެ ކަމަށް ވިދާޅުވި އެވެ. ނަމަވެސް، އިންޑިއާ ސިފައިން ރާއްޖޭން ޖެހޭނީ ހަމަ ފައިބާން ކަމަށް ޔާމީން މިރޭ ވެސް ވިދާޅުވި އެވެ.

އެކަން މުއިއްޒުގެ ސަރުކާރުގެ ބޮޑު ބައި ނިމުމުގެ ކުރިން ހާސިލް ކުރަން ޖެހޭނެ ކަމަށް ޔާމީން ވިދާޅުވި އެވެ. އިންޑިއާ އަށް މުއްދަތުތަކެއް ދީ، އެ ތާވަލާ އެއްގޮތަށް އެކަންކޮށް ނިންމަން ޖެހޭނެ ކަމަށާއި އެއީ ރައްޔިތުން ދިން ވޯޓުގެ ހައްގުގައި ކުރަން ޖެހޭނެ ކަމެއް ކަމަށް ޔާމީން ވިދާޅުވި އެވެ.

"އެ ދެ ކަންތަކުގައި ދޫވޭކަށް ނެތް. އެކަން ހާސިލްކޮށްފި ނަމަ އެ ވަރުން ފުދޭ. އެ ވަރުން ބުނާނަން ޑރ. މުއިއްޒުގެ ސަރުކާރަށް ފާސް މާކްސް ދޭނަން. ދެން ހުރި ކަންކަމަކީ ދުނިޔެވީ ކަންކަން. އެކަންކަމުގައި ވެސް ކުރިއަށް ގެންދެވޭނެ،" ޔާމީން ވިދާޅުވި އެވެ.

"އަޅުގަނޑު އެންމެ ޝައުގުވެރިކަމާ އެކު އަޅުގަނޑު އަހަން ބޭނުންވާ ކަމަކީ މި ދެ ކަން. ކޮބައިތޯ އަމާޒު ކުރާ ތާވަލަކީ. އެ ތާވަލާ އެއްގޮތަށް ޑރ. މުއިއްޒު ދޭތެރެދޭތެރެއިން ރައްޔިތުންނަށް އަޕްޑޭޓް ދެއްވަން ޖެހޭނެ."

"އަޅުގަނޑު އެންމެ ޝައުގުވެރިކަމާ އެކު އަޅުގަނޑު އަހަން ބޭނުންވާ ކަމަކީ މި ދެ ކަން. ކޮބައިތޯ އަމާޒު ކުރާ ތާވަލަކީ. އެ ތާވަލާ އެއްގޮތަށް ޑރ. މުއިއްޒު ދޭތެރެ ދޭތެރެއިން ރައްޔިތުންނަށް އަޕްޑޭޓް ދެއްވަން ޖެހޭނެ."

ޔާމީން ވިދާޅުވި ގޮތުގައި، އިންޑިއާ އަށް މި ސަރުކާރުން ވަނީ ރާއްޖޭގެ މިނިވަންކަން ދޫކޮށްލައިފަ އެވެ. ދިވެހިންގެ ބާރު ބައެއް ތަންތަނުން ވަނީ ގެއްލިފައި ކަމަށް ވިދާޅުވި އެވެ.

"މިއަދު ރާއްޖެއަކީ މިނިވަން ގައުމެކޭ ބުނެވޭކަށް ނެތް. އުތުރުތިލަފަޅަށް މިހާރު ވެސް ސިފައިންނަށް ހުއްދަ ނުހޯދާ ނޭރޭނެ. ޗެލެންޖްކޮށްފައި މި ބުނަނީ،" ޔާމީން ވިދާޅުވި އެވެ.

އެހެންކަމުން، އިންޑިއާ ސިފައިން ބޭރު ކުރަން މި ސަރުކާރުން ނޫޅެފި ނަމަ "އިންޑިއާ އިން" ޓީޝާޓްގައި ޖައްސަވައިގެން އެ މަނިކުފާނު ނުކުންނަވާނެ ކަމަށާއި ނަމަވެސް މި ހުރިހާ މަސައްކަތެއް ކުރުމުން އެ ދުއްތުރާ ނުޖައްސާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ޔާމީން ވިދާޅުވި އެވެ.

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން އަނބުރާ ފޮނުވާލާނެ ކަމުގެ ޔަގީންކަން މި ރިޔާސީ އިންތިހާބުގެ ކެމްޕެއިނާއި އަދި ރައީސްކަމަށް އިންތިހާބު ވުމުން ވެސް މުއިއްޒު ވަނީ އެކިއެކި ފޯރަމްތަކުގަ އާއި އިންޓަވިއުތަކުގައި ތަކުރާރުކޮށް ދެއްވައިފަ އެވެ. އަދި ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރާ އެކު ފުރަތަމަ ފަހަރަށް ބޭއްވެވި ބައްދަލުވުމުގައި ވެސް އެ ވާހަކަ ދެއްކެވި ކަމަށް މުއިއްޒު ވިދާޅުވެފައި ވެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ޔާމީން މިރޭ ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ސަރުކާރުގެ މައްސަލަތައް ބަލަން ގޮވާލައްވައިފަ އެވެ. ހާއްސަ ގޮތެއްގައި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ވަގަށް ނެގީ ކަމަށް ވިދާޅުވެ، އެކަން ބެލުމަށް ބާރުއެޅުއްވި އެވެ.

ޕީޕީއެމް އޮފީހުގައި މިރޭ ބޭއްވި ޖަލްސާގެ ތެރެއިން: ޔާމީން ބައިވެރިވެވަޑައިގެންނެވި - ފޮޓޯ: ނިޝާން އަލީ | މިހާރު

ޕީޕީއެމް އޮފީހުގައި މިރޭ ބޭއްވި ޖަލްސާގެ ތެރެއިން: ޔާމީން ބައިވެރިވެވަޑައިގެންނެވި - ފޮޓޯ: ނިޝާން އަލީ | މިހާރު

ޔާމީން ވިދާޅުވީ މި ވަރުގެ ޖައްބާރު، ތަނަވަސްކަމާއި ބާރުތައް އޮތް ސަރުކާރެއް ބަލި ކުރެވުމަކީ ނިއުމަތެއް ކަމަށެވެ. މި ސަރުކާރުން އޮތީ މުއައްސަސާތަކުގެ ބާރު ކަނޑުވާލައި ރައްޔިތުން މަގުމަތި ކޮށްފައި ކަމަށާއި ޑިމޮކްރަސީ އަށް އެންމެ ބޮަޑަށް މަލާމަތްކުރި ފަސް އަހަރަކީ ވެސް މިއީ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"މައްސަލަތައް ބަލާނެ އެއްވެސް މުއައްސަސާއެއް ނެތް. މުޅި ދައުލަތް ބޮއްސުންލީމާ އެންމެ އިތުބާރު ކުރާ ޖުޑިޝަރީއަކުން އެއްޗެއް ނުބެނޭ، ހަނު ހުރުން އިހުތިޔާރު ކުރީ،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވި ގޮތުގައި، މުއައްސަސާތަކާއި ރައްޔިތުންގެ ވޯޓުގެ ހައްގަށް އަރައިގަތް ގޮތް ނުބަލަންވީ ސަބަބެއް ނެތެވެ. އެ މައްސަލަ ބަލައިފި ނަމަ، މި ސަރުކާރުގެ އެއްވެސް ވެރިއަކު ސަލާމެއް ނުވާނެ ކަމަށް ވިދާޅުވި އެވެ.

"ހަމައެކަނި ޝަރީފް [އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް] ގެ މައްސަލައެއް ނޫން، އެކަމުގައި ބައިވެރިވި އެންމެންގެ މައްސަލަ ބަލަން ޖެހޭނެ. ޒާތީ ވުމެއް، ބަދަލު ހިފުމެއް ނޫން އެއީ. މުޅި ދިވެހިރާއްޖެ ރަހުނު ކުރީ، އަޅުވެތިކުރީ. ކާކުތޯ އެކަމުގެ ޒިންމާ ނަގަނީ؟ ކުޑަ ޖިހާދެއް ނޫން މިހާރު ކުރަން ޖެހިފައި މި ވަނީ،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވަނީ ޝަރުއީ ދާއިރާ އަށް ވެސް ފާޑުވިދާޅުވެފަ އެވެ. ގާނޫނުއަސާސީ ނުބައިކޮށް މާނަކޮށް ރައްޔިތުންނަށް އެތައް އަނިޔާއެއް ދިން އިރު، ޝަރުއީ ދާއިރާ އިން އަޅާނުލި ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އެ ފެންނަނީ ސަރުކާރުގެ ނުފޫޒު ޝަރުއީ ދާއިރާ އަށް އޮތް މިންވަރު ކަމަށް ވިދާޅުވި އެވެ.

ނަމަވެސް، ޔާމީންގެ ވެރިކަމުގައި އެ ނުފޫޒު ނޯންނާނެ ކަމަށާއި އެ މަނިކުފާނަށް ނުފޫޒު ފޯރުވީ ޝަރުއީ ދާއިރާ އިން ކަަމަށް ވިދާޅުވި އެވެ. އޭގެ މިސާލެއްގެ ގޮތުން ދެއްކެވީ ފެބްރުއަރީ 1، 2018 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރެވެ. ޔާމީން ވަނީ އެ އަމުރަށް ފަހު ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ހައްޔަރު ކުރުމަށް އެ ސަރުކާރުން ކުރި ކަންކަން ދިފާއު ވެސް ކުރައްވާފަ އެވެ.

"ދެން އެ ހިސާބަށް ދިޔައީމާ މީދާ ވަނީ ކޮން ދިމާލަކުންތޯ ބަލަން ފުރާޅަށް ވެސް އަރަން ޖެހޭނެ. އެ ލޯވަޅު ހޯދައިގެން ނޫނީ އެ ފަނޑިޔާރުން ހޯދޭކަށް ނެތް. ޖުޑިޝަރީ އަށް ދީފައި އޮތް ބާރު ހެޔޮ ގޮތުގައި ބޭނުން ހިފަން ޖެހޭ. ރައްޔިތުންގެ މައްސަލައެއް ވަދެފި ނަމަ އެ މައްސަލައެއް ކަފުން ކުރެވޭ ތަން މި ފެންނަނީ،" ޔާމީން ވިދާޅުވި އެވެ.