Roadha Mihaaru
ނަޝީދު ގޮވާލެއްވީ މި ސަރުކާރުގެ ހިޔާނާތް ބަލަން

އިތުބާރުނެތް ކަމުގެ މައްސަލަ ހުށަހެޅިޔަސް ނަޝީދު ގޮވާލެއްވީ މި ސަރުކާރުގެ ހިޔާނާތް ބަލަން

08 އޮކްޓޯބަރ 2023

އިތުބާރުނެތް ކަމަށް ފާސްކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން ވަކި ކުރިޔަސް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ހިޔާނާތްތައް ބަލަންޖެހޭނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

އިތުބާރުނެތް ކަމަށް ފާސްކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން ވަކި ކުރިޔަސް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ހިޔާނާތްތައް ބަލަންޖެހޭނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަލުން މަޖިލީހަށް ހުށަހަޅަން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން މިއަދު ބޭއްވި ބައްދަލުވުމުގައި ވަނީ ފާސްކޮށްފަ އެވެ.

އެކަމާ ގުޅުވައި، ޕީޖީ ގުރޫޕުގެ މެމްބަރަކަށް ނަޝީދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ އެ މަނިކުފާނުގެ އިތުބާރުނެތް ކަމުގެ މައްސަލަ އަލުން ހުށަހެޅުމަކުން މައްސަލައެއް ނެތް ކަމަށެވެ.

"އެހެންނަމަވެސް، ރައީސް ސޯލިހުގެ ސަރުކާރުގެ ހިޔާނާތުގެ ހުރިހާ ތުހުމަތެއް ބަލަން ޖެހޭނެ. ހައްގު އަދަބު ލިބެންޖެހޭނެ،" ނަޝީދުގެ މެސެޖުގައި ވިދާޅުވި އެވެ.

ނަޝީދާއި ޑިމޮކްރެޓްސް އިން ވެސް ތުހުމަތުކުރާ ގޮތުގައި ނަޝީދުގެ އިތުބާރު ނެތް ކަމަށް ފާސްކުރަން އެމްޑީޕީން އުޅެނީ މި ސަރުކާރުގެ ހިޔާނާތްތައް ބެލިޔަ ނުދޭށެވެ.

މަޖިލީހުގެ ރައީސް މަގާމުން ދުރުކުރެވޭނީ އިތުބާރު ނެތްކަމުގެ ވޯޓުގައި މަދުވެގެން 45 މެމްބަރުންގެ ވޯޓު ލިބިގެންނެވެ. މިވަގުތު އެމްޑީޕީގައި 55 މެމްބަރުން އެބަ ތިއްބެވި އެވެ.

ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅާ ސަބަބަކަށް އެމްޑީޕީގެ ޕީޖީ ގްރޫޕުން ބުނެފައި ވަނީ، އިސްލާހުގެ ނަމުގައި މަގާމުގެ ދަހިވެތިކަން އިސްކޮށް އެމްޑީޕީއަށް ގެއްލުން ދިނުމެވެ. ނަޝީދު ބޭނުންވިޔަސް އެމްޑީޕީ ރޫޅާނުލެވޭނެ ކަމަށް ޕީޖީ ގްރޫޕްގެ ބައްދަލުވުމަށް ފަހު، ހުޅުމާލެ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ ނިޔާޒް ވަނީ ވިދާޅުވެފަ އެވެ.

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ކުރިން ވެސް ހުށަހެޅި އެވެ. ނަމަވެސް، ނަޝީދު އާ އެކު މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަކިކުރުމުގެ މައްސަލަ ވެސް ހުށަހެޅުމުން، ދެ ބޭފުޅުން އެކުގައި ރިޔާސަތު ބަލަހައްޓަވަން ދެކޮޅު ހެއްދެވުމުން އެ މައްސަލަތައް ކުރިއަށް ގެންދެވޭ ގޮތެއް ނުވި އެވެ.

މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން، މަޖިލީހުގެ ރައީސްގެ އިތުބާރުނެތް ކަމުގެ މައްސަލައިގެ ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގެ ނައިބު ރައީސެވެ. އަދި މަޖިލީހުގެ ނައިބު ރައީސްގެ އިތުބާރުނެތް ކަމުގެ މައްސަލައިގެ ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގެ ރައީސެވެ.

ރިޔާސަތު ބެލެހެއްޓުމުގެ އަރައިރުމުގެ އިތުރުން، އެމްޑީޕީން ވަކިވި 13 މެމްބަރުންނާ އެކު މަޖިލީހުގެ ދާއިމީ ކޮމިޓީތައް އަލުން އެކުލަވާނުލެވި އޮތުމަކީ ވެސް އެ މައްސަލަތައް ކުރިއަށް ގެންދަން ކުރިމަތިވި އަނެއް ހުރަހެވެ. މަޖިލީހުގެ ގަވާއިދު ގައިވާ ގޮތުން، އިތުބާރުނެތް ކަމުގެ މައްސަލަތަކުގައި ބަހުސް ކުރުމުގެ ވަގުތު ކަނޑައަޅަން ޖެހެނީ އާންމު ކޮމިޓީންނެވެ.

އެ ކޯޅުމުގެ ތެރޭގައި މަޖިލީހުގައި މަރުތަޅު އެޅުވި އެއްވެސް މަސައްކަތެއް ނުކުރެވި ދެ މަހެއްހާ ދުވަހު މަޖިލިސް ހުއްޓިފައި އޮތެވެ. އޭގެފަހުން، ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނާކާމިޔާބީއަށްފަހު، އެ ބުރުގައި ތިން ވަނަ އައި ޑިމޮކްރެޓްސްގެ ތާއީދު ހޯދުމުގެ މަޝްވަރާތަކުގެ ތެރެއިން، އެމްޑީޕީން ވަނީ ކުއްލި ގޮތަކަށް ނަޝީދާއި އީވާގެ މައްސަލަ އަނބުރާ ގެންގޮސްފަ އެވެ.

ނަމަވެސް، ޑިމޮކްރަޓްސްއިން އިންތިހާބުގައި ދެވަނަ ބުރުގައި ވެސް ނިންމީ އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ނުކުރުމަށެވެ. އަދި އިންތިހާބީ ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ޑިމޮކްރަޓްސް ޕާޓީގެ ބައިވެރިވުން އޮންނާނެ ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ.