Roadha Mihaaru
ހުކުމާއެކު ނަޝީދުގެ ގަރާރު އާދީއްތައަށް އެޖެންޑާކޮށްފި

ސުޕްރީމް ކޯޓުގެ ހުކުމާ އެކު، ނަޝީދު ވަކި ކުރާ ގަރާރު އާދީއްތަ އަށް އެޖެންޑާކޮށްފި

09 ނޮވެމްބަރ 2023

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ ގަރާރު ކުރިއަށް ގެންދަން ހުރަހެއް ނެތް ކަމަށް ސުޕްރީމް ކޯޓުން މިއަދު ކަނޑައެޅުމާ އެކު، އަންނަ އާދީއްތަ ދުވަހަށް ޖަލްސާއެއް ތާވަލުކޮށް، އެ ގަރާރު އެޖެންޑާކޮށްފި އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ ގަރާރު ކުރިއަށް ގެންދަން ހުރަހެއް ނެތް ކަމަށް ސުޕްރީމް ކޯޓުން މިއަދު ކަނޑައެޅުމާ އެކު، އަންނަ އާދީއްތަ ދުވަހަށް ޖަލްސާއެއް ތާވަލުކޮށް، އެ ގަރާރު އެޖެންޑާކޮށްފި އެވެ.

ނަޝީދުގެ އިތުބާރު ނެތް ކަމަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސް ފަހަރެއްގެ މަތިން އެޖެންޑާ ކުރި ނަމަވެސް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ސަލާމުގައި ހުންނެވުމުން ކުރިއަށް ނުގެންދެވެ އެވެ. އެހެންވެ އެމްޑީޕީން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ ނައިބު ރައީސް ނެތް ހާލަތްތަކުގައި ރިޔާސަތު ބަލަހައްޓާ މެމްބަރަކު އިންނަވައިގެން ޖަލްސާ ކުރިއަށް ގެންދަން ޖެހޭނެ ކަމަށް ކަނޑައެޅުމަށެވެ.

އެ މައްސަލަ ހުށަހެޅުމާ އެކު، އީވާ ވަނީ އެކަމުގައި ސުޕްރީމް ކޯޓުން ގޮތެއް ކަނޑައެޅެންދެން ރިޔާސަތު ބަލަހައްޓަވަން އުޒުރުވެރިވެވަޑައިގަންނަވާ ކަން މަޖިލީހުގެ އިދާރާއަށް އަންގަވައިފަ އެވެ.

ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައި ބުނީ މަޖިލީހުގެ ރައީސާއި ނައިބު ރައީސަށް ރިޔާސަތު ނުބެލެހެއްޓޭ ހާލަތްތަކުގައި މަޖިލީހުގެ ގަވާއިދުގެ ދަށުން ކަނޑައަޅަންޖެހޭ ފަސް މެމްބަރުންނަށް ރިޔާސަތު ބެލެހެއްޓޭނެ ކަމަށް އޮންނަ އޮތުމަކީ މިފަދަ މައްސަލައެއް ދިމާވާ ހާލަތުގައި އަތުވެދާނެ ގާނޫނީ ހުސްކަމަން އޮތް ހައްލެކެވެ. އެ ފަސް މެންބަރުންނަށް ރިޔާސަތު ނުބެލެހެއްޓޭނެ ހާލަތެއް ގަވައިދުގައި ނެތްކަން ހުކުމުގައި ފާހަގަކުރި އެވެ.

މަޖިލީހުގެ ރައީސްގެ މަގާމުން ވަކިކުރުމުގެ ގަރާރެއް މަޖިލީހަށް ހުށަހަޅަން ހަމަޖެހިފައިވާ ނުވަތަ ހުށަހެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާނީ މަޖިލީހުގެ ނައިބު ރައީސް ކަމަށް ގަވާއިދުގައި ސާފުކޮށް ބުނާތީ، އިތުރު މެމްބަރަކަށް އެފަދަ ގަރާރެއްގެ ރިޔާސަތު ނުބެލެހެއްޓޭނެ ކަމަށް މަޖިލީހުގެ އިދާރާއިން ގަބޫލުކުރިޔަސް، އެއީ ހުކުމްގައި ބުނި ގޮތުގައި ރަނގަޅު މާނަކުރުމެއް ނޫނެވެ.

މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލާގައި އެމްޑީޕީން ހުށަހަޅާފައިވާ މައްސަލައިގެ ހުކުމް ކުރި ޝަރީއަތުގެ މަޖިލީހަށް ނަޝީދު ނިސްބަތްވެވަޑައިގަންނަވާ ޑިމޮކްރެޓްސްގެ މަޖިލިސް މެމްބަރުން ސުޕްރީމް ކޯޓު ބޭރުގައި.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލާގައި އެމްޑީޕީން ހުށަހަޅާފައިވާ މައްސަލައިގެ ހުކުމް ކުރި ޝަރީއަތުގެ މަޖިލީހަށް ނަޝީދު ނިސްބަތްވެވަޑައިގަންނަވާ ޑިމޮކްރެޓްސްގެ މަޖިލިސް މެމްބަރުން ސުޕްރީމް ކޯޓު ބޭރުގައި.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ސުޕްރީމް ކޯޓުން ބުނީ މަޖިލީހުގެ ރިޔާސަތު ހުސްނުވާނެ ގޮތަކަށް ގަވާއިދުން ޖާގަ ދީފައިވާ އިރު، މި ކަމުގައި ވެސް ގަވާއިދު މާނަކުރަންޖެހޭނީ ކަމާ ގުޅުންހުރި އެހެން މާއްދާތަކަށް ފުރިހަމަ އަށް ރިއާޔަތްކޮށްގެން ކަމަށެވެ.

އެންމެ މަތީ ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުން ހުކުމް ކުރުމާ އެކު، މަޖިލީހުގެ އިދާރާއިން ވަނީ ނަޝީދުގެ ގަރާރު ކުރިއަށް ގެންދަން، އަންނަ އާދީއްތަ ދުވަހުގެ ހެނދުނު 9:00 ގައި ޖަލްސާއެއް ތާވަލުކޮށްފަ އެވެ.

އެ ޖަލްސާއަށް އެޖެންޑާކޮށްފައިވަނީ ނަޝީދުގެ އިތުބާރު ނެތް ކަމުގެ ގަރާރުގެ މަސައްކަތް އެކަންޏެވެ.

ހުވާ ކުރުމުގެ ޖަލްސާއަށް ހުރަހެއް ނެތް

މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގެ ދަށުން މަޖިލީހުގެ ނައިބު ރައީސް ނެތަސް، މަޖިލީހުގައި އެންމެ ގިނަ ދުވަސްވީ މެމްބަރުންނަށް ވެސް މަޖިލީހުގެ ރައީސް ވަކި ކުރުމުގެ ގަރާރެއް ކުރިއަށްދާ ޖަލްސާގެ ރިޔާސަތު ބެލެހެއްޓޭނެ ކަމަށް ކަނޑައެޅުމުގެ އިތުރުން އެ ގަރާރާ މެދު ގޮތެއް ނުނިންމައި، މަޖިލީހުގެ އިތުރު އެއްވެސް މަސައްކަތެއް ނުކުރެވޭނެ ކަމަށް ކަނޑައަޅައިދޭން ވެސް އެމްޑީޕީން ހުށަހެޅި މައްސަލާގައި ވަނީ އެދިފަ އެވެ.

ނަމަވެސް، ފަސް ފަނޑިޔާރުންގެ އަގުލަބިއްޔަތުން ކުރި ހުކުމްގައި ބުނީ، ގާނޫނުއަސާސީގެ ދަށުން މަޖިލީހުގެ މައްޗަށް ލާޒިމުކޮށްފައިވާ ކަންކަން ކުރަންޖެހޭނެ ކަމަށެވެ. އެއީ މަޖިލީހުގެ ރައީސްގެ ގަރާރެއް ކުރިއަށް ނުގެންދެވޭ ހާލަތެއް މެދުވެރިވިޔަސް، މަޖިލީހުގެ މައްޗަށް ލާޒިމުކޮށްފައިވާ ކަމެއް ކުރަންޖެހޭނެ ކަމަށް ހުކުމްގައި ވެ އެވެ.

މިގޮތުން، ގާނޫނުއަސާސީގެ ދަށުން އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރުމުގެ ޖަލްސާ އާއި އެ މަނިކުފާނުގެ ކެބިނެޓަށް ރުހުން ދިނުމުގެ ކަންކަމަކީ ގާނޫނުއަސާސީގެ ދަށުން މަޖިލީހުގެ މައްޗަށް ލާޒިމުކޮށްފައިވާ ކަންކަން ކަމަށާއި، އެ ކަންކަން އެއްވެސް ހާލަތެއްގައި ނުކޮށް ތިބުމުގެ އިހުތިޔާރެއް މަޖިލީހަށް ނޯންނާނެ ކަމަށް ހުކުމްގައި ބުންޏެވެ.

އެ މައްސަލަ ބެއްލެވީ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު އަލީ ރަޝީދުގެ އިތުރުން ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ.