Roadha Mihaaru
ނިޒާމީ ނުކުތާ ނަގައި ނަޝީދުގެ ގަރާރަށް ހުރަސްއަޅަނީ

ނަޝީދު ވަކިކުރާ ގަރާރު ގޯސް ކަމަށް ބުނެ ޑިމޮކްރެޓުން ހުރަސްއަޅަނީ

12 ނޮވެމްބަރ 2023

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ މަގާމުން ވަކިކުރަން އެމްޑީޕީން ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ ގަރާރު މަޖިލީހުގެ ގަވާއިދާ ހިލާފު ކަމަށް ބުނެ، އެ ގަރާރުގެ ބަހުސް ފެށިޔަ ނުދީ، ޑިމޮކްރެޓުން ހުރަސްއަޅައިފި އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ މަގާމުން ވަކިކުރަން އެމްޑީޕީން ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ ގަރާރު މަޖިލީހުގެ ގަވާއިދާ ހިލާފު ކަމަށް ބުނެ، އެ ގަރާރުގެ ބަހުސް ފެށިޔަ ނުދީ، ޑިމޮކްރެޓުން ހުރަސްއަޅައިފި އެވެ.

އެތައް ފަހަރެއްގެ މަތިން ގަރާރު އެޖެންޑާ ކުރިޔަސް، އެ ކަން ކުރިއަށް ނުގެންދެވި ދިގުލައިގެންގޮސްފައި އޮއްވައި، އެ މައްސަލަ މިއަދުގެ ޖަލްސާއަށް އެޖެންޑާކުރީ ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ކުރި ހުކުމަށް ފަހު އެވެ.

ނަޝީދުގެ އިތުބާރު ނެތް ކަމަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސް ފަހަރެއްގެ މަތިން އެޖެންޑާކުރި ނަމަވެސް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ސަލާމުގައި ހުންނެވުމުން ކުރިއަށް ނުގެންދެވެ އެވެ. އެހެންވެ އެމްޑީޕީން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ ނައިބު ރައީސް ނެތް ހާލަތްތަކުގައި ރިޔާސަތު ބަލަހައްޓާ މެމްބަރަކު އިންނަވައިގެން ޖަލްސާ ކުރިއަށް ގެންދަން ޖެހޭނެ ކަމަށް ކަނޑައެޅުމަށެވެ.

އެ މައްސަލަ ހުށަހެޅުމާ އެކު، އީވާ ވަނީ އެކަމުގައި ސުޕްރީމް ކޯޓުން ގޮތެއް ކަނޑައެޅެންދެން ރިޔާސަތު ބަލަހައްޓަވަން އުޒުރުވެރިވެވަޑައިގަންނަވާ ކަން މަޖިލީހުގެ އިދާރާއަށް އަންގަވައިފަ އެވެ.

ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ބުނީ މަޖިލީހުގެ ރައީސާއި ނައިބު ރައީސަށް ރިޔާސަތު ނުބެލެހެއްޓޭ ހާލަތްތަކުގައި މަޖިލީހުގެ ގަވާއިދުގެ ދަށުން ކަނޑައަޅަންޖެހޭ ފަސް މެމްބަރުންނަށް ރިޔާސަތު ބެލެހެއްޓޭނެ ކަމަށް އޮންނަ އޮތުމަކީ މިފަދަ މައްސަލައެއް ދިމާވާ ހާލަތުގައި އަތުވެދާނެ ގާނޫނީ ހުސްކަމަން އޮތް ހައްލެއް ކަމަށެވެ. އެ ފަސް މެންބަރުންނަށް ރިޔާސަތު ނުބެލެހެއްޓޭނެ ހާލަތެއް ގަވައިދުގައި ނެތްކަން ހުކުމުގައި ފާހަގަކުރި އެވެ.

ސުޕްރީމް ކޯޓުން ބުނީ މަޖިލީހުގެ ރިޔާސަތު ހުސްނުވާނެ ގޮތަކަށް ގަވާއިދުން ޖާގަ ދީފައިވާ އިރު، މި ކަމުގައި ވެސް ގަވާއިދު މާނަކުރަންޖެހޭނީ ކަމާ ގުޅުންހުރި އެހެން މާއްދާތަކަށް ފުރިހަމަ އަށް ރިއާޔަތްކޮށްގެން ކަމަސް ހުކުމުގައިވެ އެވެ.

މިއަދުގެ ޖަލްސާ އަށް އީވާ ސަލާން ވިދާޅުވެފައިވިޔަސް، ސުޕްރީމް ކޯޓުގެ ހުކުމާ އެއްގޮތަށް ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް އިންނަވައިގެން، އެ ގަރާރު ހުށަހެޅަން ފެއްޓެވުމާ އެކު، ނަޝީދު ނިސްބަތްވެވަޑައިގަންނަވާ ޑިމޮކްރެޓްސްގެ ޕީޖީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވަނީ ނިޒާމީ މައްސަލައެއް ނަންގަވައިފަ އެވެ.

އާޒިމް ވިދާޅުވީ ނަޝީދުގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވަނީ ގަރާރެއް ކަމެއް ކުއްލި މައްސަލައެއް ކަމެއް ސާފު ނުވާ ކަމަށެވެ. އޭގެ ޖަވާބުގައި ރިޔާސަތުން އަފީފް ވިދާޅުވީ މި އިތުބާރު ނެތް ކަމުގެ ގަރާރު ހުށަހަޅާފައިވަނީ ގާނޫނުއަސާސީގެ 82 ވަނަ މާއްދާގެ ދަށުން ކަމަށެވެ.

އެ ސުވާލަށް ޖަވާބު ލިބުމުން، ނިޒާމީ ނުކުތާ ހުށަހަޅުއްވަމުން، އާޒިމް ވިދާޅުވީ މަޖިލީހަށް ހުށަހެޅޭ ގަރާރެއްގެ ވަކި ސިފަތަކެއް ހުންނަންޖެހޭނެ ކަމަށް މަޖިލީހުގެ ގަވާއިދު ބަޔާންކުރާ ކަމަށެވެ.

"...މި ގަރާރުގައި އަޅުގަނޑަށް ނުފެނޭ ދީބާޖާއެއް އޮންނަންޖެހޭ ކަމަށް. އެ އޮތް ކަމަކަށް އަޅުގަނޑަކަށް ގައިމު ވެސް ނުފެނޭ،" އެ ނޫން ގޮތަކަށް ގަރާރު ކުރިއަށް ގެންދަން ފުރުސަތު ނުދޭނެކަން ފާހަގަކުރައްވަމުން އާޒިމް ވިދާޅުވި އެވެ.

އޭގެ ރައްދުގައި ނިޒާމީ ނުކުތާއެއް ނަންގަވައި، މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ދައްކައިގެން، ސުޕްރީމް ކޯޓުގެ ހުކުމަށް ވެސް ގޮންޖަހައި، މަޖިލީހުގެ ރައީސް ކަމުގައި ނަޝީދު އިންނަވަން މަސައްކަތް ކުރައްވާ ކަމަށެވެ.

އޭގެފަހުން، ޑިމޮކްރެޓްސް މެމްބަރުން ގެންދަވަނީ ފުލުފުލުގައި ނިޒާމީ ނުކުތާތައް ނަންގަވައި، ގަރާރު ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނަމުންނެވެ. އެ މައްސަލަ ހައްލު ނުވެ، އެ ގަރާރު އަދިވެސް ތަޅުމަށް ހުށަހެޅޭ ގޮތެއް ނުވެ އެވެ.

އެ މައްސަލައަށް ޖަވާބުދާރީވުމަށް ނަޝީދަށް 30 މިނެޓުގެ ފުރުސަތެއް ލިބިވަޑައިގަންނަވާނެ އެވެ. އަދި ކޮންމެ މެންބަރަކު އެ މައްސަލައަށް ބަހުސް ކުރުމަށް ތިން މިނެޓުގެ ފުރުސަތެއް ލިބޭނެ އެވެ.

މަޖިލީހުގެ އަގުލަބިއްޔަތު އޮންނަ އެމްޑީޕީގެ 49 މެމްބަރުންގެ ސޮއި އާ އެކު ހުށަހަޅާފައިވާ މައްސަލަ ފާސްވާން ބޭނުންވަނީ އެ ވޯޓުގައި ބައިވެރިވެވަޑައިގަންނަވާ މެމްބަރުންގެ އަގުލަބިއްޔަތެވެ.