Roadha Mihaaru
ހުވާ ކުރަންދެން ގަރާރަށް ހުރަސްއަޅާނެ ކަމުގެ ތުހުމަތު

ހުވާ ކުރުމުގެ ޖަލްސާ އާ ހަމައަށް ގަރާރަށް ހުރަސްއަޅަން ރާވާ ކަމުގެ ތުހުމަތު

09 ނޮވެމްބަރ 2023

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ ގަރާރު ކުރިއަށް ގެންދެވޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ކަނޑައެޅިޔަސް، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މި މަހުގެ 17 ގައި މަގާމުގެ ހުވާކުރެއްވުމާ ހަމައަށް ގަރާރު ކުރިއަށް ގެންދިޔުމަށް ހުރަސްއަޅަން އުޅޭކަމުގެ ތުހުމަތު ނަޝީދަށް އަމާޒުކޮށްފި އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ ގަރާރު ކުރިއަށް ގެންދެވޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ކަނޑައެޅިޔަސް، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މި މަހުގެ 17 ގައި މަގާމުގެ ހުވާކުރެއްވުމާ ހަމައަށް ގަރާރު ކުރިއަށް ގެންދިޔުމަށް ހުރަސްއަޅަން އުޅޭކަމުގެ ތުހުމަތު ނަޝީދަށް އަމާޒުކޮށްފި އެވެ.

ނަޝީދުގެ އިތުބާރު ނެތް ކަމަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސް ފަހަރެއްގެ މަތިން އެޖެންޑާ ކުރި ނަމަވެސް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ސަލާމުގައި ހުންނެވުމުން ކުރިއަށް ނުގެންދެވެ އެވެ. އެހެންވެ އެމްޑީޕީން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ ނައިބު ރައީސް ނެތް ހާލަތްތަކުގައި ރިޔާސަތު ބަލަހައްޓާ މެމްބަރަކު އިންނަވައިގެން ޖަލްސާ ކުރިއަށް ގެންދަން ޖެހޭނެ ކަމަށް ކަނޑައެޅުމަށެވެ.

އެ މައްސަލަ ހުށަހެޅުމާ އެކު، އީވާ ވަނީ އެކަމުގައި ސުޕްރީމް ކޯޓުން ގޮތެއް ކަނޑައެޅެންދެން ރިޔާސަތު ބަލަހައްޓަވަން އުޒުރުވެރިވެވަޑައިގަންނަވާ ކަން މަޖިލީހުގެ އިދާރާއަށް އަންގަވައިފަ އެވެ.

ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައި ބުނީ މަޖިލީހުގެ ރައީސާއި ނައިބު ރައީސަށް ރިޔާސަތު ނުބެލެހެއްޓޭ ހާލަތްތަކުގައި މަޖިލީހުގެ ގަވާއިދުގެ ދަށުން ކަނޑައަޅަންޖެހޭ ފަސް މެމްބަރުންނަށް ރިޔާސަތު ބެލެހެއްޓޭނެ ކަމަށް އޮންނަ އޮތުމަކީ މިފަދަ މައްސަލައެއް ދިމާވާ ހާލަތުގައި އަތުވެދާނެ ގާނޫނީ ހުސްކަމަން އޮތް ހައްލެކެވެ. އެ ފަސް މެންބަރުންނަށް ރިޔާސަތު ނުބެލެހެއްޓޭނެ ހާލަތެއް ގަވައިދުގައި ނެތްކަން ހުކުމުގައި ފާހަގަކުރި އެވެ.

މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގެ ދަށުން މަޖިލީހުގެ ނައިބު ރައީސް ނެތަސް، މަޖިލީހުގައި އެންމެ ގިނަ ދުވަސްވީ މެމްބަރުންނަށް ވެސް މަޖިލީހުގެ ރައީސް ވަކި ކުރުމުގެ ގަރާރެއް ކުރިއަށްދާ ޖަލްސާގެ ރިޔާސަތު ބެލެހެއްޓޭނެ ކަމަށް ކަނޑައެޅުމުގެ އިތުރުން އެ ގަރާރާ މެދު ގޮތެއް ނުނިންމައި، މަޖިލީހުގެ އިތުރު އެއްވެސް މަސައްކަތެއް ނުކުރެވޭނެ ކަމަށް ކަނޑައަޅައިދޭން ވެސް އެމްޑީޕީން ހުށަހެޅި މައްސަލާގައި ވަނީ އެދިފަ އެވެ.

ނަމަވެސް، ފަސް ފަނޑިޔާރުންގެ އަގުލަބިއްޔަތުން ކުރި ހުކުމްގައި ބުނީ، ގާނޫނުއަސާސީގެ ދަށުން މަޖިލީހުގެ މައްޗަށް ލާޒިމުކޮށްފައިވާ ކަންކަން ކުރަންޖެހޭނެ ކަމަށެވެ. އެއީ މަޖިލީހުގެ ރައީސްގެ ގަރާރެއް ކުރިއަށް ނުގެންދެވޭ ހާލަތެއް މެދުވެރިވިޔަސް، މަޖިލީހުގެ މައްޗަށް ލާޒިމުކޮށްފައިވާ ކަމެއް ކުރަންޖެހޭނެ ކަމަށް ހުކުމްގައި ވެ އެވެ.

އޭ ކަންކަމުގެ ތެރޭގައި އިންތިހާބީ ރައީސް ހުވާ ކުރެއްވުމާއި، އެ މަނިކުފާނުގެ ކެބިނެޓަށް ރުހުން ދިނުމުގެ އިތުރުން އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ފާސްކުރުމުގެ މަސައްކަތްތައް އެ ހުކުމުގައި ވަނީ ފާހަގަކޮށްފަ އެވެ.

އެ ހުކުމާ އެކު، މަޖިލީހުގެ މެމްބަރުންގެ ވަޓްސްއެޕް ގުރޫޕަށް ފޮނުއްވި މެސެޖުތަކެއްގައި ނަޝީދު ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމުގައި އޮތީ ހުވާ ކުރާ ޖަލްސާއަށް ބާކީ އޮތް ހަތް ދުވަސް ވަންދެން ގަރާރު ކުރިއަށް ގެންދިޔަ ނުދީ "ހިފަހައްޓަން" ކަމަށެވެ.

"ވަރަށް ފަސޭހަ ވާނެ. އެމްޑީޕީން ވެސް މި ކަމުގައި އުޅެނީ ގިނަވެގެން އަށް މެމްބަރުން،" ނަޝީދުގެ މެސެޖެއްގައި ވިދާޅުވި އެވެ.

އެ މެސެޖުތަކުގެ ސްކްރީންޝޮޓުތައް ސޯޝަލް މީޑިޔާގައި އާންމުކުރައްވައި، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ ހުކުމް އިއްވުމުން އަނެއްކާ ވެސް "މަގާމުގައި ބައްދައިގެން އޮންނަން" ހުވާ ކުރުމަށް ބާކީ އޮތް ހަތް ދުވަހު ގަރާރު ކުރިއަށް ގެންދިޔަ ނުދޭން ނަޝީދު އިރުޝާދު ދެއްވަމުން ގެންދަވާ ކަމަށެވެ.

އެކަމާ ގުޅިގެން ހުޅުމާލެ ދާއިރާގެ އެމްޑީޕީ މެމްބަރު އަލީ ނިޔާޒް "މިހާރު" އަށް ވިދާޅުވީ ނަޝީދާއި އެ މަނިކުފާނުގެ ޑިމޮކްރެޓްސް މެމްބަރުން އެ ގަރާރަށް ހުރަސްއަޅަން ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ.

ސުޕްރީމް ކޯޓުގެ ހުކުމާ އެކު މިރޭ ވެސް ޖަލްސާއެއް ބާއްވައިގެން ނަޝީދު ވަކި ކުރަން އެމްޑީޕީން ބޭނުންވި ކަމަށާއި ނަމަވެސް، ޖަލްސާއަށް ބާއްވާ ކަމަށް މެމްބަރުންނަށް ދޭން ޖެހޭ ވަގުތު ނެތީ ކަމަށެވެ.

އޭނާ އެހެން ވިދާޅުވި ފަހުން، މަޖިލީހުގެ އިދާރާއިން ވަނީ އަންނަ އާދީއްތަ ދުވަހުގެ ހެނދުނު 9:00 އަށް ޖަލްސާއެއް ތާވަލުކޮށް، ނަޝީދުގެ އިތުބާރު ނެތް ކަމުގެ ގަރާރު އެޖެންޑާކޮށްފަ އެވެ.

ނަމަވެސް، ނަޝީދު އާލާސްކަންފުޅާ އުޅުއްވާތީ އަންނަ ހަފްތާގައި މަޖިލީހަށް ވަޑައިނުގަންނަވަން ނިންމަވާފައިވާ އަޑުތަކެއް ދަނީ އިވެމުންނެވެ.

އަދި ނަޝީދު ވަޑައިނުގަނެ، ޑިމޮކްރެޓްސް އިން ރާވަމުންދަނީ ގަރާރު ކުރިއަށް ގެންދިޔަ ނުދީ، ސުޕްރީމް ކޯޓުގެ ހުކުމުން ވެސް ޖާގަ ދީފައިވާ ގޮތަށް މުއިއްޒު ހުވާ ކުރެއްވުމާ ހަމައަށް ހަމައެކަނި އަންނަ އަހަރުގެ ބަޖެޓުގެ މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް ކަމަށް ވެސް ދަނީ ތުހުމަތު ކުރަމުންނެވެ.