Roadha Mihaaru
ޓީޗަރަކަށް ވާން އޭލެވެލް ކިޔަވާ ކުދިންނަށް އެލަވަންްސެއް

ޓީޗިން ހަދަން ބޭނުންވެ، އޭ ލެވެލް ކިޔަވާ ދަރިވަރުންނަށް 1،500 ރުފިޔާގެ އެލަވަންސެއް ދެނީ

02 އޯގަސްޓް 2024

މުސްތަގުބަލުގައި ކިޔަވައިދިނުމުގެ ރޮނގުން ކުރިއަށް ދާން، އޭލެވެލް ފަށާ ދަރިވަރުންނަށް ކޮންމެ މަހަކު 1،500 ރުފިޔާގެ އެލަވެންސެއް ދޭން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މުސްތަގުބަލުގައި ކިޔަވައިދިނުމުގެ ރޮނގުން ކުރިއަށް ދާން، އޭލެވެލް ފަށާ ދަރިވަރުންނަށް ކޮންމެ މަހަކު 1،500 ރުފިޔާގެ އެލަވެންސެއް ދޭން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

ރާއްޖޭގެ ސްކޫލުތަކުގައި ކިޔަވައިދޭ ދިވެހި ޓީޗަރުންގެ އަދަދު މަދުވުމަކީ ތައުލީމީ ދާއިރާގެ ކަންބޮޑުވުމެކެވެ. އެކަން ހައްލުކުރަން ދިވެހި ޓީޗަރުން ގިނަކުރުމުގެ ގައުމީ މަޝްރޫއެއް ފަށަން ނިންމާފައިވާ ކަން މި ސަރުކާރުން ވަނީ އިއުލާންކޮށްފަ އެވެ.

އެޑިއުކޭޝަން މިނިސްޓަރު ޝަފީއު "މިހާރު" އަށް މިއަދު ވިދާޅުވީ އަންނަ ސެޕްޓެމްބަރުގައި އޭ ލެވެލް ފަށާ ދަރިވަރުންގެ ތެރެއިން ޓީޗިންގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ދަރިވަރުންނަށް 1،500ރ.ގެ އެލަވެންސެއް ދޭން ނިންމާފައިވާ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް ޝަފީއު. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް ޝަފީއު. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ޓީޗަރުން ބިނާކުރުމުގެ ގައުމީ ޕްރޮގްރާމް މި މަހުގެ ފަހު ހަފުތާގައި އިފްތިތާހު ކުރައްވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖެއަށް މިހާރު ބޭނުންވާ ޓީޗަރުންގެ އަދަދު ދެނެގަނެވިފައިވާ ކަން ވެސް މިނިސްޓްރު ފާހަގަ ކުރެއްވި އެވެ.

"އެ ޕްރޮގްރާމްގެ ތެރެއިން އުފައްދާ ޓީޗަރުންނަކީ، ދިވެހިންގެ ރާއްޖެ ތަސައްވަރާއި ރާއްޖެ ބައްޓަންކުރުމާއި ތުއްތުކުދިންނަށް ދޭން ބޭނުންވާ ލޯތްބާއި އަޅާލާލުމާއި ރީތި ސިފަތަކާއި ފިލާވަޅުތައް ނަގައިދިނުމުގެ ހުނަރު ލިބިފައިވާ ބަޔަކަށް ހަދައިދިނުން. އެއީ ތައުލީމީ ސިޔާސަތުގެ ވަރަށް ބޮޑު ކޮމްޕޯނެންޓެއް." މިނިސްޓަރު މީގެ ކުރިން ދެއްވި އިންޓަވިއުގައި ވިދާޅުވި އެވެ.

ތައުލީމީ ދާއިރާއަށް ވަންނަ ދިވެހިންގެ އަދަދު މަދުވާ އެއް ސަބަބަކީ މަސައްކަތާ އެއްވަރުގެ މުސާރައެއް ނުލިބުން ކަމަށް ބުނެ، ކުރީގެ ސަރުކާރުން މެއި، 2022 ގައި ޓީޗަރުންނާއި ޕްރިންސިޕަލުންގެ މުސާރަ ބޮޑުކުރި އެވެ. ނަމަވެސް، އޭގެ ފަހުން ވެސް، ޓީޗިންނަށް ވަންނަ ދަރިވަރުންގެ އަދަދަށް މާ ބޮޑު ބަދަލުތަކެއް ނާންނަ ކަމަށް ކޮލެޖު/ޔުނިވާސިޓީތަކުން ވަނީ ބުނެފަ އެވެ.