Roadha Mihaaru
ރާއްޖެ ބަލިކުރަން ބަންގްލަދޭޝްއަށް ބޯނަހެއް ހުށަހަޅައިފި

ރާއްޖެ ބަލިކުރަން ބަންގްލަދޭޝް ޓީމަށް ބޮޑު ބޯނަހެއް ހުށަހަޅައިފި

09 އޮކްޓޯބަރ 2023

ފީފާ ވޯލްޑް ކަޕް ކޮލިފައިންގެ ޕްރިލިމިނަރީ ބުރުގައި ރާއްޖެ ބަލިކޮށްފި ނަމަ ބަންގްލަދޭޝް ގައުމީ ޓީމުގެ މެމްބަރުންނަށް ބޮޑު ބޯނަހެއް ދޭން އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ކާޒީ ސަލާހުއްދީން ނިންމަވައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ފީފާ ވޯލްޑް ކަޕް ކޮލިފައިންގެ ޕްރިލިމިނަރީ ބުރުގައި ރާއްޖެ ބަލިކޮށްފި ނަމަ ބަންގްލަދޭޝް ގައުމީ ޓީމުގެ މެމްބަރުންނަށް ބޮޑު ބޯނަހެއް ދޭން އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ކާޒީ ސަލާހުއްދީން ނިންމަވައިފި އެވެ.

ކާޒީ ވަނީ މިދިޔަ ހޮނިހިރު ދުވަހު ބަންގްލަދޭޝް ޓީމުގެ ތައްޔާރީތައް ބައްލަވާލައްވައި، ކުޅުންތެރިންނަށް ހިތްވަރު ދެއްވައިފަ އެވެ.

"ކޮލިފައިންގެ ޕްލޭއޮފް މެޗްތަކުން ރާއްޖެ ބަލި ކުރެވިއްޖެ ނަމަ ތި އެންމެންނަށް ވަރަށް ރަނގަޅު ބޯނަހެއް ލިބޭނެ،" ބަންގްލަދޭޝް ފެޑެރޭޝަންގެ ރައީސް ކާޒީ ވިދާޅުވެފައި ވެއެވެ.

ކޮލިފައިންގެ ދެވަނަ ބުރުން ފުރުސަތު ހޯދަން ރާއްޖެ އާއި ބަންގްލަދޭޝް އަށް ވެސް އޮތީ ޕްލޭއޮފް ދެ މެޗުގެ އެގްރިގޭޓް ނަތީޖާއިން ކާމިޔާބު ކުރުމެވެ. ފުރަތަމަ ލެގު މެޗު އަންނަ ބުރާސްފަތި ދުވަހު ގަލޮޅު ދަނޑުގައި ކުޅުމަށް ހަމަޖެހިފައި ވާއިރު، ދެވަނަ ލެގު އަންނަ ހަފްތާގެ އަންގާރަ ދުވަހު ކުޅޭނީ ބްންގަލަދޭޝްގެ ބަޝުންދަރާ ކިންގްސް އެރީނާގަ އެވެ.

ފުރަތަމަ ބުރުން ކާމިޔާބު ހޯދައިގެން، ދެވަނަ ބުރުގައި ވާދަ ކުރަން ޖެހޭނީ އޮސްޓްރޭލިއާ އާއި ފަލަސްތީނު އަދި ލެބަނަންއާ އެވެ.

އެންމެ ފަހުގެ ފީފާ ރޭންކިން އަށް ބަލައިލާއިރު، ދިވެހިރާއްޖެ އޮތީ 155 ވަނައިގަ އެވެ. އަދި ބަންގްލަދޭޝް އޮތީ 189 ވަނައިގަ އެވެ.

ބަންގްލަދޭޝް ވަނީ މި އަހަރު އިންޑިއާގައި އޮތް ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި 3-1 އިން ރާއްޖެ ހިތްދަތި ކޮށްލައި، ސެމީ ފައިނަލުން ޖާގަ ހޯދައިފަ އެވެ. އަދި އެ ކާމިޔާބީއާ ގުޅިގެން ވެސް ކާޒީ ވަނީ ބަންގްލަދޭޝް ޓީމު މެމްބަރުންގެ މެދުގައި 58 ލައްކަ ބަންގްލަދޭޝީ ޓާކާ (ގާތްގަނޑަކަށް 52،700 ޑޮލަރު) ބަހައިފަ އެވެ.

ކޮލިފައިން މެޗަށް ނުކުންނައިރު، ބަންގްލަދޭޝް ގައުމީ ޓީމުގެ މުހިއްމު ތިން ކުޅުންތެރިއަކު ވަނީ ސަސްޕެންޑް ކޮށްފަ އެވެ. އެއީ، ގޯލްކީޕަރު އަނީސުރް ރަހުމާން ޒިކޯ އާއި ޑިފެންޑަރު ޓޯޕޫ ބާމަން އަދި ޝެއިހް މޮރްސަލީން އެވެ.

މި ތިން ކުޅުންތެރިން ސަސްޕެންޑް ކޮށްފައި ވަނީ މިދިޔަ މަހު މާލޭގައި ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އާ ދެކޮޅަށް އެ ގައުމުގެ ބަޝުންދަރާ ކިންގްސް ބައްދަލުކުރި އޭއެފްސީ ކަޕް މެޗަށް ފަހު އަނބުރާ ގައުމަށް ދިޔައިރު، އެ ގައުމަށް ގަވާއިދާ ހިލާފަށް ބަނގުރާ އެތެރެކުރަން އުޅުނު މައްސަލައިގަ އެވެ.

ބުރާސްފަތި ދުވަހުގެ މެޗު ކުޅެން ބަންގްލަދޭޝް ޓީމު ރާއްޖެ އައުމަށް ހަމަޖެހިފައި ވަނީ މާދަމާ އެވެ.