Roadha Mihaaru
ބަޖެޓަށް މުއިއްޒުގެ ފަރާތުން މަސައްކަތްކުރަން ކޮމިޓީއެއް

އަންނަ އަހަރުގެ ބަޖެޓަށް އިންތިހާބީ ރައީސްގެ ފަރާތުން މަސައްކަތް ކުރަން ކޮމިޓީއެއް

09 އޮކްޓޯބަރ 2023

އަންނަ އަހަރަށް ލަފާކުރާ ދައުލަތު ބަޖެޓް އެކުލަވާލުމުގައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން މަސައްކަތް ކުރާނެ ކޮމިޓީއެއް އުފައްދައި، މަސައްކަތް ފަށައިފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

އަންނަ އަހަރަށް ލަފާކުރާ ދައުލަތު ބަޖެޓް އެކުލަވާލުމުގައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން މަސައްކަތް ކުރާނެ ކޮމިޓީއެއް އުފައްދައި، މަސައްކަތް ފަށައިފި އެވެ.

އިންތިގާލީ މަރުހަލާގެ ތަތުޖަމާނު މުހައްމަދު ފިރުޒުލް ނޫސްވެރިން ގާތު މިއަދު ވިދާޅުވީ، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ތައްޔާރު ކުރުމަށް އިންތިހާބީ ރައީސްގެ ފަރާތްޕުޅުން މަސައްކަތް ކުރުމަށް އެކުލަވައިލީ ހަތް މެންބަރުންގެ ކޮމިޓީއެއް ކަމަށެވެ.

ކޮމިޓީގައި ތިއްބަވާ ބޭފުޅުންގެ މައުލޫމާތު އަދި ހާމައެއް ނުކުރެ އެވެ.

އެ ކޮމިޓީގެ މަސައްކަތަށް ބޭނުންވާ މައުލޫމާތު ހޯދުމަށް ފިނޭންސް މިނިސްޓްރީގައި އެދިފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ތެރޭގައި ދައުލަތުގެ މިހާރުގެ ފިޒިކަލް ހާލަތާއި 2024 ވަނަ އަހަރަށް ލަފާ ކުރާ ހާލަތާ ގުޅޭ ތަފުސީލީ މައުލޫމާތު ހިމެނޭނެ ކަމަށް ވިދާޅުވި އެވެ.

ފިރުޒުލް ވިދާޅުވި ގޮތުގައި، އަންނަ އަހަރުގެ ބަޖެޓް އެކުލަވާލުމުގައި އިންތިހާބީ ރައީސް މުއިއްޒަށް އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ދެއްވައިފަ އެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީން ވެސް އެ ޔަގީންކަން ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ދައުލަތުގެ ހިސާބުކިތާބަށް ކުންފުނިތަކާއި މުއައްސަސާތަކުގެ ހިސާބުކިތާބަށް ކޮންމެވެސް ވަރެއްގެ ބަދަލު ގެނެސް، ކުރީގެ ތާރީހުތަކުގައި ރަސީދުތައް އުފެއްދުން ފަދަ ކަންކަން ކުރިއަށްދާ ކަމަށް މައުލޫމާތު ލިބޭ. އަޅުގަނޑުމެންގެ އިލްތިމާސްކަމަކީ އެފަދަ ކަންކަން ނުކުރުން،"--- ފިރުޒުލް

"އަޅުގަނޑު އުއްމީދު ކުރަނީ ބަޖެޓް އެކުލަވާލުމުގައި އަޅުގަނޑުމެން ބޭނުންވާ ކަންކަން އޭގައި ހިމަނައިގެން އަޅުގަނޑުމެން ބޭނުންވާ ގޮތަށް 2024 ވަނަ އަހަރުގެ ބެޖެޓް ފަރުމާކުރުމަށް ފުރުސަތު ލިބިގެންދާނެ ކަަމަށް. އެ ޔަގީންކަން ދެއްވާފައިވޭ،" މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިރުޒުލް ވިދާޅުވި އެވެ.

އިންތިހާބީ ރައީސްގެ ފަރާތްޕުޅުން ބަޖެޓްގައި ހިމަނާނެ ކަންކަމުގެ ތަފްސީލް މިވަގުތު ދެވެން ނެތް ކަމަށާއި އެއީ ފުރަތަމަ 100 ދުވަހު އިސްކަންދޭނެ ކަންކަން ވެސް އެކުލަވާލުމުގެ މަސައްކަތް އަދި ކުރިއަށް ގެންދާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

ފިރުޒުލް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ހަމައިން ފެށިގެން ވެސް އިންތިހާބީ ރައީސް މުއިއްޒުގެ އޮފީހަށް އިދާރާތަކުން އެއްބާރުލުން ލިބޭ ކަމަށެވެ. އެކަމަކު، އިންތިގާލީ މަރުހަލާގެ ރޫހާ ހިލާފަށް ބައެއް ކަންކަން ހިނގަމުންދާ ކަމުގެ މައުލޫމާތުތައް ލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ދައުލަތުގެ ހިސާބުކިތާބަށް ކުންފުނިތަކާއި މުއައްސަސާތަކުގެ ހިސާބުކިތާބަށް ކޮންމެވެސް ވަރެއްގެ ބަދަލު ގެނެސް، ކުރީގެ ތާރީހުތަކުގައި ރަސީދުތައް އުފެއްދުން ފަދަ ކަންކަން ކުރިއަށްދާ ކަމަށް މައުލޫމާތު ލިބޭ. އަޅުގަނޑުމެންގެ އިލްތިމާސްކަމަކީ އެފަދަ ކަންކަން ނުކުރުން،" ފިރުޒުލް ވިދާޅުވި އެވެ.