Roadha Mihaaru
ހުވާކުރާ ރަސްމިއްޔާތަށް މަންދޫބުން ވަޑައިގަންނަވަނީ

މުއިއްޒު ހުވާ ކުރައްވާ ރަސްމިއްޔާތަށް ގައުމުތަކުގެ މަންދޫބުން ވަޑައިގަންނަވަން ފައްޓަވައިފި

16 ނޮވެމްބަރ 2023

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުމަށް މާދަމާ ބާއްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އެކި ގައުމުތަކުގެ މަންދޫބުން ރާއްޖެ ވަޑައިގަންނަވަން ފައްޓަވައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުމަށް މާދަމާ ބާއްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އެކި ގައުމުތަކުގެ މަންދޫބުން ރާއްޖެ ވަޑައިގަންނަވަން ފައްޓަވައިފި އެވެ.

ރައްޔިތުންގެ މަޖިލިހުގެ އިދާރާ އިން މިއަދު ބުނި ގޮތުގައި، ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ދައުވަތު އަރުވައިގެން 46 ގައުމަކުން ގިނަ އަދަދެއްގެ މަންދޫބުން ރާއްޖެ ވަޑައިގަންނަވާނެ އެވެ.

ދައުވަތު ގަބޫލުކުރައްވައި އިއްޔެ އެންމެ ފުރަތަމަ ރާއްޖެ ވަޑައިގަތީ ޗައިނާ ރައީސް ޝީ ޖިންޕިންގެ ހާއްސަ މަންދޫބު އަދި ސްޓޭޓް ކައުންސިލަރު، ޝެން ޔިޗިން އެވެ. އޭނާ ހަތަރު ދުވަހު ރާއްޖޭގައި މަޑުކުރައްވާ ގޮތަށް ވަނީ ހަމަޖައްސަވައިފަ އެވެ.

ގައުމުތަކުން ވަޑައިގަންނަވާ މަންދޫބުންނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދަންނަވަނީ ފޮރިން މިނިސްޓްރީގެ އިސްވެރިން އަދި އިންތިހާބީ ރައީސްގެ އޮފީހުގެ ފަރާތުން ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރެވެ.

ކުރީގެ ޓޫރިޒަމް މިނިސްޓަރު ޒަމީރަކީ މުއިއްޒުގެ ސަރުކާރުގެ ފޮރިން މިނިސްޓަރުކަމަށް އައްޔަން ކުރައްވާނެ ބޭފުޅާ ކަމަށް ބެލެވެ އެވެ.

މިއަދު ރާއްޖެ ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ސީޝެލްސްގެ ނައިބު ރައީސް އަހުމަދު އަފީފު ވެސް ހިމެނިވަޑައިގަންނަވަ އެވެ. އަހުމަދު އަފީފަށް އެއާޕޯޓުން މަރުހަބާ ވިދާޅުވީ، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ޒަމީރެވެ.

އަހުމަދު އަފީފަކީ ދިވެހި ދައުލަތާ ވަކިން އެންމެ ދެކުނުގެ ތިން އަތޮޅުގައި އުފެއްދި ސަރުކާރު، ޔުނައިޓެޑް ސުވައިދީބު ރިޕަބްލިކްގެ ވެރިޔާ އަބްދުﷲ އަފީފުގެ ދަރިކަލެކެވެ.

އިންތިހާބީ ރައީސް މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރާއްޖެ ވަޑައިގެންނެވި އިންޑިއާގެ އާތު ސައިންސް މިނިސްޓަރު ކިރެން ރިޖީޖޫ އާއި ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު މުނޫ މަހާވަރު ވެލާނާ އެއާޕޯޓުގައި.-- ފޮޓޯ: ފޮރިން މިނިސްޓްރީ

އިންތިހާބީ ރައީސް މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރާއްޖެ ވަޑައިގެންނެވި އިންޑިއާގެ އާތު ސައިންސް މިނިސްޓަރު ކިރެން ރިޖީޖޫ އާއި ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު މުނޫ މަހާވަރު ވެލާނާ އެއާޕޯޓުގައި.-- ފޮޓޯ: ފޮރިން މިނިސްޓްރީ

މިހާތަނަށް ރާއްޖެ ވަޑައިގެންނެވި އެހެން ބޭފުޅުން

• އިންޑިއާ ސަރުކާރުގެ މަންދޫބެއްގެ ގޮތުގައި ފޮނުއްވި އެ ގައުމުގެ އާތު ސައިންސް މިނިސްޓަރު ކިރެން ރިޖީޖޫ.

• ސާކްގެ ސެކްރެޓަރީ ޖެނެރަލް ގޮލަމް ސަރްވާރު

• ޖަޕާނުގެ ބޮޑުވަޒީރުގެ ހާއްސަ މަންދޫބު އަދި ފޮރިން މިނިސްޓްރީގެ ނައިބު ކޮމުރާ މަސައިއޯ

• ދެކުނު ކޮރެއާގެ ރައީސްގެ ހާއްސަ މަންދޫބު އަދި ބުސާން ސިޓީގެ މޭޔަރު ޕާކް ހިއުޖޫން

މިދިޔަ ސެޕްޓެމްބަރު މަހުގެ 30 ގައި ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި މުއިއްޒު ރައީސްކަމުގެ މަގާމުގެ ހުވާކުރެއްވުމަށް ރައްޔިތުންގެ މަޖިލިހުގެ ޖަލްސާ ބާއްވާނީ މާދަމާ ހަވީރު 4:30 ގައި ޖުމްހޫރީ މައިދާނުގަ އެވެ. އެ ޖަލްސާ އަށް އެ ސަރަހައްދު ޒީންތެރިކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލިހުގެ އިދާރާ އިން އެމްއެންޑީއެފްގެ ސިވެކްއާ ހަވާލުކޮށްގެން މިހާރު އަންނަނީ ކުރަމުންނެވެ.

މަޖިލިހުގެ އިދާރާގެ ޑިރެކްޓަ އޮފް ކޮމިއުނިކޭޝަންސް ހަސަން ޒިޔާއު "މިހާރު" އަށް މިއަދު ވިދާޅުވި ގޮތުގައި، ރައީސް ކަމުގެ މަގާމުގެ ހުވާ މުއިއްޒު ކުރައްވާ ރަސްމިއްޔާތުގައި ބޭރު ގައުމެއްގެ އެންމެ އިސްބޭފުޅެއްގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވާނީ ސްރީ ލަންކާގެ ރައީސް ރަނިން ވިކްރަމަސިންހާ އެވެ. އެ މަނިކުފާނު މިރޭގެ ވަގުތެއްގައި ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ޒިޔާއު ވިދާޅުވި އެވެ.