Roadha Mihaaru
ސްޓާޓަޕް ގްރާންޓު ލިބޭ ދެ ވިޔަފާރި ހޮވައިފި

ބީއެމްއެލްގެ ސްޓާޓަޕް ގްރާންޓް ލިބޭ ދެ ވިޔަފާރި ހޮވައިފި

13 އޮކްޓޯބަރ 2023

އަލަށް ފަށާ ވިޔަފާރިތަކާއި ކުދި ވިޔަފާރިތަކަށް ބީއެމްއެލްއިން ދޭ ގްރާންޓު މި އަހަރު ލިބޭ ދެ ވިޔަފާރި ހޮވައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

އަލަށް ފަށާ ވިޔަފާރިތަކާއި ކުދި ވިޔަފާރިތަކަށް ބީއެމްއެލްއިން ދޭ ގްރާންޓު މި އަހަރު ލިބޭ ދެ ވިޔަފާރި ހޮވައިފި އެވެ.

މި ފަހަރުގެ ގްރާންޓު ހޮވުނީ "މޯލްޑިވިއަން ޕެޓިސިއޭ"ގެ ނަމުގައި އައިމިނަތު ހަމީދު ބޭކަރީއެއް ހެދުމަށް ހުށަހެޅި ޕްރޮޕޯޒަލާއި ޅ. ނައިފަރުގައި ފިޒިކަލް ރިހެބިލިޓޭޝަންގެ ހިދުމަތް ދިނުމަށް "ނަޒާ ހެލްތް"އިން ސަންފާ ނަޒާހަތު ހުށަހެޅި ޕްރޮޕޯޒަލް އަށެވެ.

މި ދެ ޕްރޮޕޯޒަލް އަށް ވެސް ބީއެމްއެލްއިން ވަނީ ފަސް ލައްކަ ރުފިޔާގެ ހިލޭ އެހީ ގްރާންޓުގެ ގޮތުގައި ދީފަ އެވެ.

ގްރާންޓް ކާމިޔާބު ކުރި ސަންފާ ނަޒާހަތު ޕްރެޒެންޓޭޝަން ހުށަހަޅަނީ. -- ފޮޓޯ: ބީއެމްއެލް

ގްރާންޓް ކާމިޔާބު ކުރި ސަންފާ ނަޒާހަތު ޕްރެޒެންޓޭޝަން ހުށަހަޅަނީ. -- ފޮޓޯ: ބީއެމްއެލް

ބީއެމްއެލްއިން ބުނި ގޮތުގައި މިދިޔަ މަހުގެ ޖޫން މަހު ހުޅުވާލި ގްރާންޓުގެ ފުރުސަތަށް ބޮޑު ތަރުހީބެއް ލިބުނެވެ. އަދި ގްރާންޓަށް އެދި ހުށަހެޅި ޕްރޮޕޯޒަލްތަކުގެ ތެރެއިން ގްރާންޓު ލިބޭ ޕްރޮޕަޒަލް ހޮވީ އިވެލުއޭޝަންތަކަށް ފަހު އެންމެ ފާހަގަކޮށްލެވޭ 10 ފަރާތް ހޮވައި ޝޯޓް ލިސްޓް ކުރުމަށް ފަހު ކަމަށެވެ. އަދި ގްރާންޓު ލިބޭ ފަރާތްތައް ހޮވީ ޝޯޓް ލިސްޓްވި ފަރާތްތަކުން އެ ފަރާތްތަކުގެ ވިޔަފާރިއާ ގުޅޭ ގޮތުން ހުށަހެޅި ޕްރެޒެންޓޭޝަނަށް ބެލުމަށް ފަހު ކަމަށެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވީ ކުރަނީ ގްރާންޓު ލިބުނު ވިޔަފާރިތަކުން ހެޔޮ ބަދަލުތަކެއް އައިސް އެ ވިޔަފާރިތަކުގެ ސަބަބުން މުޖުތަމައުގައި އާ ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

ބީއެމްއެލްގެ ސްޓާޓްއަޕް ގްރާންޓު ދޫކުރަން ފެށީ މި ދިޔަ އަހަރު އެވެ. މިދިޔަ އަހަރު އެ ކުންފުނިން ހަތަރު ކުންފުންޏަކަށް ގްރާންޓު ދިނެވެ.