Roadha Mihaaru

އިޒްރޭލްގެ ޕާސްޕޯޓު މަނާކުރުން: ޓޫރިސްޓުންގެ އަދަދު ހޯދައި އިދާރާތައް ހާޒިރުކުރަނީ

ރާއްޖޭގައި އިޒްރޭލްގެ ޕާސްޕޯޓު މަނާކުރުމަށްޓަކައި އެ ގައުމުން އަންނަ ޓޫރިސްޓުންގެ އަދަދުތައް ބަލައި ކަމާ ގުޅޭ އިދާރާތަކާއި ސިޔާސީ ޕާޓީތަކާ ބައްދަލުކުރަން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން މިއަދު ނިންމައިފި އެވެ.

އިޒްރޭލް ޕާސްޕޯޓު މަނާކުރުން: އިދާރާތައް ހާޒިރުކުރަނީ
މޫސާ ރަޝީދު
މޫސާ ރަޝީދު

21 ނޮވެމްބަރ 2024

ރާއްޖޭގައި އިޒްރޭލްގެ ޕާސްޕޯޓު މަނާކުރުމަށްޓަކައި އެ ގައުމުން އަންނަ ޓޫރިސްޓުންގެ އަދަދުތައް ބަލައި ކަމާ ގުޅޭ އިދާރާތަކާއި ސިޔާސީ ޕާޓީތަކާ ބައްދަލުކުރަން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން މިއަދު ނިންމައިފި އެވެ.

އިޒްރޭލުން ފަލަސްތީނަށް ދެމުންގެންދާ ހަމަލާތަކާ ގުޅިގެން ދިވެހި ސަރުކާރުން ވަނީ އެ ގައުމުގެ ޕާސްޕޯޓު މަނާކުރަން ނިންމައިފަ އެވެ.

އެކަމާ ގުޅޭ ގޮތުން ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ހުށަހެޅުއްވި ބިލާ ގުޅޭ ގޮތުން މިއަދު ބޭއްވި 241 ކޮމިޓީގެ ބައްދަލުވުމުގައި އެ މައްސަލާގައި ކަމާގުޅޭ އިދާރާތަކާ ބައްދަލުކުރަން ހުށަހެޅި އެވެ.

އޭގެ ތެރޭގައި ހުރިހާ ސިޔާސީ ޕާޓީތަކާއި އެޓާނީ ޖެނެރަލްގެ އޮފީހާއި އިކޮނޮމިކް މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީ އާއި އިމިގްރޭޝަން އަދި މަޓީ އާއި އެހެނިހެން އެންޖީއޯތަކާ ބައްދަލު ކުރަން ނިންމި އެވެ.

އޭގެ އިތުރުން ރާއްޖެ އަންނަ އިޒްރޭލްގެ ޓޫރިސްޓުންނާއި އެހެނިހެން ބޭނުމުގައި އަންނަ އެ ގައުމުގެ މީހުންނާ ގުޅޭ މައުލޫމާތުތައް ހޯދުމަށް ކަމާބެހޭ އިދާރާތަކަށް ހުށަހެޅުމަކީ ވެސް ކޮމިޓީން މިއަދު ނިންމި އެއް ނިންމުމެވެ.

އެ މައުލޫމާތުތައް ހޯދައި ކަމާބެހޭ ފަރާތްތަކާ ބައްދަލު ކުރުމަށް ނެގި ވޯޓު ފާސްވީ މިއަދުގެ ބައްދަލުވުމަށް ހާޒިރުވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. އެކަމަކު، ހަނިމާދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ) ވޯޓު ދެއްވީ ވަކި ގޮތަކަށް ވޯޓު ދެއްވަން ބޭނުން ނުވާ ކަމަށެވެ.

އިޒްރޭލްގެ ޕާސްޕޯޓު މަނާކުރުމުގެ މައްސަލަ މިދިޔަ މޭ 29 ވަނަ ދުވަހު މަޖިލީހަށް ހުށަހަޅައި ކޮމިޓީ އަށް ބަލައިގެންފައިވީ ނަމަވެސް އެ މައްސަލަ ކުރިއަށް ނުގޮސް ލަސްވާތީ އިދިކޮޅު އެމްޑީޕީ އާއި އާންމުންގެ ފާޑުކިޔުން އޮތީ ވަރަށް ބޮޑަށް އަމާޒު ވެފަ އެވެ.

އެ ކޮމިޓީން އަންދާޒާ ކުރަނީ އެ މައްސަލަ ނިމޭނީ އަންނަ އަހަރުގެ ފެބްރުއަރީ މަހު ކަމަށެވެ.