Roadha Mihaaru
ކަރަންޓު އަގު ހެޔޮކުރަން ޓެރިފް ރޭޓް އެއްހަމަކުރަނީ

ކިތަންމެ ވަރަކަށް ބޭނުންކުރިޔަސް ކަރަންޓް ބިލް ބޮޑުނުވާނެ ގޮތަށް ފްލެޓް ރޭޓެއް ކަނޑައަޅަނީ

21 ސެޕްޓެމްބަރ 2023

ކަރަންޓް ކިތަންމެ ވަރަކަށް ބޭނުންކުރިޔަސް ބިލް ބޮޑުނުވާނެ ގޮތަކަށް ފްލެޓް ރޭޓެއް ކަނޑައަޅައި ލުޔެއް ހޯދައިދޭން ނިންމާފައިވާ ކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ އިއުލާންކުރައްވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކަރަންޓް ކިތަންމެ ވަރަކަށް ބޭނުންކުރިޔަސް ބިލް ބޮޑުނުވާނެ ގޮތަކަށް ފްލެޓް ރޭޓެއް ކަނޑައަޅައި ލުޔެއް ހޯދައިދޭން ނިންމާފައިވާ ކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ އިއުލާންކުރައްވައިފި އެވެ.

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ކެމްޕެއިންގައި މިރޭ ހުވަދޫ ޖަގަހަ ހުޅުވަން، މާވެޔޮ މަގުގައި ބޭއްވި ޖަލްސާގައި، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ވިދާޅުވީ ޑޯޓުޑޯއަށް ގޭގެއަށް ވަޑައިގަތުމުން، ލިބޭ އާމްދަނީން ގޭގެ ކުއްޔާއި ކަރަންޓު ބިލް ދެއްކުމަށް ފަހު ދެން ހުރި ހަރަދުތައް ނުޖެއްސޭ ކަމުގެ ޝަކުވާތައް ކުރި ކަމަށެވެ. ގިނަ ބައެއްގެ އެދުމަކަށް ވީ ކަރަންޓް ބިލަށް ލުޔެއް ހޯދައިދިނުން ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރޭޓުތައް މިހާރު ކަނޑައަޅާފައިވާ ގޮތުން ވަކި ވަރަކަށް ވުރެން ގިނައިން ބޭނުންކޮށްފިއްޔާ އަގު ބޮޑުވަމުންދާ ކަމަށެވެ. މިކަން ބަދަލުކުރަން ނިންމީ ކިތަންމެ ގިނައިން ބޭނުންކުރިޔަސް ރާއްޖޭގެ ހުރިހާ ގޭބިސީތަކެއްގެ ބިލް ބޮޑުނުވާނެ ގޮތަށް ކަަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިއަދު މި ނިންމަނީ މީހުން ދިރިއުޅޭ ކޮންމެ ގެއެއްގައި ވެސް ކަރަންޓް ރޭޓް ފްލެޓް ރޭޓަކުން ނަގާ ގޮތަށް. ކިތަންމެ ގިނައިން ކަރަންޓް ބޭނުންކުރިޔަސް އެ ބޮޑުވާ ނިސްބަތް ބޮޑުވެެގެންނެއް ނުދާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސްގެ ކެމްޕެއިން ޓީމުން ބުނީ އެއީ ގޭބިސީތަކުގެ ކަރަންޓު ޓެރިފް ރޭޓް އެއް ހަމަކުރުން ކަމަށެވެ.

ކަރަންޓް ބިލްތައް ބޮޑުވުމުގެ އެއް ސަބަބަކީ، ކަރަންޓަށް އަގު ނަގަމުން އަންނަ އުސޫލެވެ. ކުރިއާ ހިލާފަށް ކަރަންޓް ބޭނުންކުރާ ސާމާނަށް ހިނގާ ކަރަންޓް ހަރަދު ވެސް ބޮޑެވެ. އަދި، ކުރިއާ ހިލާފަށް ކަރަންޓް ބޭނުންކުރަން ޖެހޭ ސާމާނު ވެސް ގިނަ އެވެ. އެކަމަކު، ބަދަލު ނުވެ އޮތީ ކަރަންޓްގެ ޓެރިފް ރޭޓުތަކެވެ.