Roadha Mihaaru
ކުރެންދޫ ދާއިރާގެ އިންތިހާބީ މެމްބަރު ވެސް ޕީއެންސީއަށް

ކުރެންދޫ ދާއިރާގެ އިންތިހާބީ މެމްބަރު ވެސް ޕީއެންސީއަށް

19 މެއި 2024

ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކުރެންދޫ ދާއިރާއަށް އަމިއްލަ ގޮތުން ވާދަ ކުރައްވައި، އެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އިންތިހާބީ މެމްބަރު ޝާމިން ހަބީބު ވެރިކަން ކުރާ ޕީއެންސީއަށް މިއަދު ސޮއި ކުރައްވައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކުރެންދޫ ދާއިރާއަށް އަމިއްލަ ގޮތުން ވާދަ ކުރައްވައި، އެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އިންތިހާބީ މެމްބަރު ޝާމިން ހަބީބު ވެރިކަން ކުރާ ޕީއެންސީއަށް މިއަދު ސޮއި ކުރައްވައިފި އެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އޭނާ ވަނީ ޕީއެންސީއަށް ސޮއި ކުރެއްވުމަށްފަހު, މެމްބަރުކަމުގެ ފޯމް ރައީސް ޑރ. މުހައްމަދު މުއިއްޒަށް އަރުވައިފަ އެވެ.

ޝާމިން މިއަދު ޕީއެންސީއާ ގުޅިވަޑައިގަތްއިރު، އަމިއްލަ ގޮތުން ވާދަ ކުރައްވައި އިންތިހާބު ކާމިޔާބު ކުރެއްވި ހަތް މެމްބަރަކު ވަނީ ކުރިން ވެސް ޕީއެންސީއަށް ސޮއި ކުރައްވާފަ އެވެ. އެއާއެކު، އާ މަޖިލީހުގައި ތިއްބަވާނެ ޕީއެންސީ މެމްބަރުންގެ އަދަދު މިހާރު ވަނީ 74 އަށް އަރައިފަ އެވެ.

ކުރެންދޫ ދާއިރާގެ އިންތިހާބީ މެމްބަރު ޝާމިން ޕީއެންސީއަށް ސޮއިކުރައްވާ ރައީސާއި ސަރުކާރުގެ އިސް ވެރިންނާއެކު -- ފޮޓޯ: ޕީއެންސީ

ކުރެންދޫ ދާއިރާގެ އިންތިހާބީ މެމްބަރު ޝާމިން ޕީއެންސީއަށް ސޮއިކުރައްވާ ރައީސާއި ސަރުކާރުގެ އިސް ވެރިންނާއެކު -- ފޮޓޯ: ޕީއެންސީ

މީގެ އިތުރުން ޖުމްހޫރީ ޕާޓީގެ މެންބަރާއި އެމްއެންޕީގެ މެންބަރަކާއި އެމްޑީއޭގެ ދެ މެންބަރުން ވެސް ގުނަނީ ސަރުކާރަށް ތާއީދު ކުރާ މެންބަރުންގެ ގޮތުގަ އެވެ. އެހެންވެ ސަރުކާރު ކޯލިޝަންގެ މެންބަރުންގެ އަދަދު މިހާރު 78 އަށް އަރަ އެވެ. އެއީ މަޖިލީހުގެ ސުޕަ މެޖޯރިޓީ އެވެ.

އެންޓި-ޑިފެކްޝަންގެ ގާނޫނުގައިވާ ގޮތުން އަމިއްލަ ގޮތުން އިންތިހާބުވެފައިވާ މެންބަރަކު އެ މީހަކު އިންތިހާބުވި ދައުރުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެ ކަމަށް އިލެކްޝަން ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް އަންގާ ހާލަތުގައި އެ މެންބަރަކު އިސްތިއުފާ ދޭން ޖެހޭނެ އެވެ. ނަމަވެސް މެންބަރެއްގެ ހުވާ ކުރެއްވުމުގެ ކުރިން ޕާޓީއަކަށް ސޮއިކޮށްފި ނަމަ، އަމަލު ކުރަންވީ ގޮތެއްއް އެ ގާނޫނުގައި ނެތެވެ.