Roadha Mihaaru
އަބްދުއްރަހީމް މަޖިލިހުގެ ރައީސްކަމަށް، ދިނީ ޔަގީންކަން

އަބްދުއްރަހީމް، މަޖިލިހުގެ ރައީސްކަމުގެ ވޯޓު ކާމިޔާބު ކުރައްވާނެ ކަމުގެ ޔަގީންކަން!

27 އެޕްރީލް 2024

އަންނަ މަހުގެ 28 ގައި އެކުލަވައިލާ 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ ވޯޓު ކާމިޔާބު ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަދި ފޮނަދޫ ދާއިރާގެ އާ މެމްބަރުކަމުގެ ހުވާ ކުރައްވާ އަބްދުއްރަހީމް އަބްދުﷲ ރޭ ދެއްވައިފި އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

އަންނަ މަހުގެ 28 ގައި އެކުލަވައިލާ 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ ވޯޓު ކާމިޔާބު ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަދި ފޮނަދޫ ދާއިރާގެ އާ މެމްބަރުކަމުގެ ހުވާ ކުރައްވާ އަބްދުއްރަހީމް އަބްދުﷲ ރޭ ދެއްވައިފި އެވެ.

މިދިޔަ އާދިއްތަ ދުވަހު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ފޮނަދޫ ދާއިރާގެ މެމްބަރުކަމަށް ހޮވި އަބްދުއްރަހީމް، މަޖިލިހުގެ ރައީސްކަމަށް ވާދަކުރައްވައި އެ ކަން ކާމިޔާބު ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވީ މަޖިލިސް އިންތިހާބުގެ ކާމިޔާބީ ފާހަގަކުރަން ފޮނަދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގަ އެވެ.

ރައީސް މުއިއްޒުގެ މި ވެރިކަމުގައި ފުރަތަމަ ފަހަރަށް ލ. އަތޮޅުގެ ދެ ބޭފުޅަކަށް ކެބިނެޓުން ފުރުސަތު ދެއްވި ދެއްވުމަކީ އެ އަތޮޅުގެ ތާރީހު ބަދަލުކޮށްލެއްވުން ކަން ފާހަގަކުރައްވައި އަބްދުއްރަހީމް ރޭ ވިދާޅުވީ، ދެން އޮތީ މާ އުފާވެރި ޚަބަރުތަކެއް ކަމަށެވެ. އޭނާ ވިދާޅުވީ، ރެ އަށް ވުރެ މާ އުފާވެރި ރެއެއް އަދި ލ. އަތޮޅުގެ ރައްޔިތުންނާ ބައްދަލުކުރާނެ ކަމަށެވެ.

"އެ ވާހަކައިގެ ތަފުސީލަކަށް އަޅުގަނޑެއް ނުދާނަން. އެކަމަކު ވެސް އިރާދަކުރެއްވިއްޔާ މާ ލަހެއް ނުވެ އަނެއްކާވެސް ހައްދުންމަތީގެ ތާރީހު ބަދަލުވެގެންދާނެ ކަމުގެ އުފާވެރި ޚަބަރު ދެމުން އަޅުގަނޑުގެ ވާހަކަކޮޅު މިހާ ހިސާބުން ނިންމާލާނަން،" ރައީސް މުއިއްޒަށް ވެރިކަން ހޯދައި ދިނުމަށް އެންމެ ބުރަކޮށް މަސައްކަތް ކުރެއްވި ސިޔާސީ ކަންކަމުގައި ރައީސްގެ އެންމެ ބޮޑު އިތުބާރެއް އޮތް އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމްގެ ކާމިޔާބީ ފާހަގަކުރަން ލ. އަތޮޅުގެ ގުޅިފައިވާ ރަށްތަކުގައި އިއްޔެ ހަވީރު ބޭއްވި ސައިކަލް ބުރަށް ފަހު ވާހަކަ ދައްކަވަމުން އޭނާގެ ދަރިކަލުން އަދި ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވެސް ވަނީ މަޖިލިހުގެ ރައީސްކަމުގެ ގޮނޑި އަށް ބައްޕަ ވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.

ޕީއެންސީގެ ރަސްމިއްޔާތެއްގައި އަބްުދުއްރަހީމާއި ދަރިކަލުން ފައިސަލް ބައިވެރިވެވަޑައިގަންނަވަނީ.

ޕީއެންސީގެ ރަސްމިއްޔާތެއްގައި އަބްުދުއްރަހީމާއި ދަރިކަލުން ފައިސަލް ބައިވެރިވެވަޑައިގަންނަވަނީ.

"]މޭ] 28 ގެ ފަހުން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ލ. އަތޮޅުގައި އުފާފާޅުކުރާނަން. އެއީ އެ ވާހަކަ އިތުރަށް ދައްކާނެ ގޮތަކީ. ތިޔަބޭފުޅުން އިންތިޒާރުގައި ތިއްބަވާ،" ފައިސަލް ވިދާޅުވި އެވެ.

ވިހި ވަނަ ރައްޔިތުންގެ މަޖިލިހަށް އިންތިހާބުކުރި 93 ބޭފުޅުން ހުވާކުރެއްވުން އޮންނާނީ އަންނަ މަހުގެ 28 ގަ އެވެ. އެ ދުވަހު އެ ބޭފުޅުން ހުވާކުރެއްވުމަށް ފަހު، ފުރަތަމަ ކަމަކަށް އޮންނާނީ އެ މަޖިލިހުގެ ރައީސާއި ނައިބު ރައީސް އިންތިހާބު ކުރުމެވެ. އެކަން ނިންމާނީ މެމްބަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ.

އެ ވާހަކައިގެ ތަފުސީލަކަށް އަޅުގަނޑެއް ނުދާނަން. އެކަމަކު ވެސް އިރާދަކުރެއްވިއްޔާ މާ ލަހެއް ނުވެ އަނެއްކާވެސް ހައްދުންމަތީގެ ތާރީހު ބަދަލުވެގެންދާނެ ކަމުގެ އުފާވެރި ޚަބަރު ދެމުން އަޅުގަނޑުގެ ވާހަކަކޮޅު މިހާ ހިސާބުން ނިންމާލާނަން،"--- އަބްދުއްރަހީމް

މި ފަހަރުގެ އިންތިހާބުގައި 20 ވަނަ މަޖިލިހުގެ ސުޕަ މެޖޯރިޓީ ސަރުކާރު ހިންގާ ޕާޓީ ޕީއެންސީން ނަގާފައިވާއިރު، އެ ޕާޓީން ބޭނުންވާ ބޭފުޅަކަށް އެ މަޖިލިހުގެ ރައީސްކަމާއި ނައިބު ރައީސްކަން ލިބޭނެ އެވެ. މިހާތަނަށް ފާޅުގައި އެކަމާ އުޅުއްވާ ތަން ފެންނަނީ އަބްދުއްރަހީމް އެކަންޏެވެ. އެކަމަކު، ދިއްގަރު ދާއިރާ އަށް އަލުން އިންތިހާބުވި، ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމްގެ ނަން ވެސް ލިސްޓުގައި އެބައޮތެވެ. ނަމަވެސް ނާޒިމް އަދި ހުންނެވީ ހިމޭނުންނެވެ.

މީގެ ކުރިން މަޖިލިހުގައި ދެ ދައުރު ފުރިހަމަ ކުރެއްވި އަބްދުއްރަހީމްގެ 20 ވަނަ މަޖިލިހުގެ އިންތިހާބު ކާމިޔާބީ ފާހަގަކުރުމަށް ހަވާ އެރުވުމާ އެކު ބޭއްވި ކުލަގަދަ ހަފުލާގައި އޭނާ ވިދާޅުވީ، ލ. އަތޮޅުގެ ތާރީހު ބަދަލުކޮށްލެއްވީ ރައީސް މުއިއްޒު ކަމަށާއި އެހެންވެ މި ސަރުކާރު ދަމަހައްޓައި ނެގެހެއްޓުމަށްޓަކައި ފޮނަދު އަށް ވުރެ ބޮޑަށް ވަކިން މަސައްކަތް ކުރަންޖެހޭ އެހެން އެއްވެސް ރަށެއް ރާއްޖޭގައި އޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ކެބިނެޓުން ލ. އަތޮޅަށް ފުރުސަތު ދިނީ ރައީސް މުއިއްޒު ކަން އަބްދުއްރަހީމް ރޭ ވަރަށް ބޮޑަށް ފާހަގަކުރެއްވި އެވެ. މި ސަރުކާރުގެ ކެބިނެޓުގައި ތިއްބެވި ލ. އަތޮޅުގެ ދެ ބޭފުޅުންނަކީ އަބްދުއްރަހީމްގެ ދަރިކަލުން އަދި ޓޫރިޒަމް މިނިސްޓަރު ފައިސަލާއި ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގެވެ. އެ ދެ ބޭފުޅުން ވެސް ނިސްބަތްވަނީ ފޮނަދު އަށެވެ.

އަބްދުއްރަހީމް ރޭ ވިދާޅުވީ، އޭނާގެ ސިޔާސީ ހަޔާތުގައި މިހާ ހިސާބަށް ވަޑައިގެންނެވުނު ސަބަބަކީ ފޮނަދޫގެ ރައްޔިތުން ކަމަށެވެ. އެ ރަށުގެ ރައްޔިތުން ދިން އެހީތެރިކަމާއި އެއްބާރުލުން އަދި އިތުބާރު އޭނާ ފާހަގަކުރެއްވި އެވެ.

"އެހެންވީމާ އަޅުގަނޑު އަބަދުވެސް ހަނދާން ކުރާނަން، އަބަދުވެސް ހަނދާނުގައި ހުންނާނެ އަޅުގަނޑު މަގާމަކަށް ދިޔަ ކަމަށް ވިޔަސް އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންގެ މަތިން އަޅުގަނޑު ހަނދާނެއް ނުނެތޭނެ. ތިޔަބޭފުޅުންނަށް އަޅުގަނޑުގެ ހިތުގައި އަބަދުވެސް އޮންނާނީ އިހުތިރާމާއި ލޯބި. ކުރާ ތައުރީފު،" ސަރުކާރު ހިންގާ ޕީއެންސީގެ ޗެއާޕާސަންގެ މަގާމު ވެސް ފުރުއްވާ އަބްދުއްރަހީމް ވިދާޅުވި އެވެ.

ރޭގެ ހަފުލާގައި މިނިސްޓަރު ފައިސަލް ވެސް ވަނީ ލ. އަތޮޅުގެ ތާރީހު ބަދަލުކޮށްލައި މި ސަރުކާރުން އެ އަތޮޅު ތަރައްގީ ކުރާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ލ. އަތޮޅުގައި "ވަން އައިލެންޑް" ކޮންސެޕްޓުގެ ދަށުން ހަތަރު ރިސޯޓު ހެދުމާއި ގަން-ފޮނަދޫ ސިޓީއަކަށް ބަދަލުކުރުމެވެ. އޭނާ ދެއްވި ޔަގީން ކަމަކީ ދެން އޮންނަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ގަން-ފޮނަދޫން އިންތިހާބު ކުރާނީ މޭޔަރެއް އަދި ސިޓީ ކައުންސިލްގެ މެމްބަރުން ކަމެވެ.

މި ފަހަރު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ފޮނަދޫ ދާއިރާގެ ގޮނޑި އަބްދުއްރަހީމް ކާމިޔާބު ކުރެއްވީ 1،649 ވޯޓުންނެވެ. އޭނާއާ އެންމެ ގާތުން ވާދަކުރެއްވި އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް ހުސައިން އަބޫބަކުރަށް ހޯއްދެވުނީ 491 ވޯޓެވެ. މި އިންތިހާބުގައި މާވަށު ދާއިރާ ފިޔަވައި ލ. އަތޮޅުގެ ތިން ދާއިރާ ވެސް ކާމިޔާބުކުރީ ޕީއެންސީންނެވެ. މާވަށު ދާއިރާގެ ގޮނޑު ކާމިޔާބު ކުރީ އެމްޑީޕީގެ ކެންޑިޑޭޓެވެ.