Roadha Mihaaru
"ރައްޔިތުންގެ އިތުބާރާއެކު ތަރައްގީގެ ދުވެލި ބާރުވާނެ"

ރައްޔިތުންގެ އިތުބާރާ އެކު، ބާރު ދުވެލީ ތަރައްގީ ގެނެވޭނެ: ސައީދު

22 އެޕްރީލް 2024

އަންނަ މަހު ހުވާކުރާ 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ ސުޕަ މެޖޯރިޓީ އިއްޔެގެ އިންތިހާބުގައި ލިބުމުން، ރައްޔިތުންގެ އިތުބާރު ޔަގީންވެ، ބާރު ދުވެލީގައި ދެން ތަރައްގީ ގެނެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އަންނަ މަހު ހުވާކުރާ 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ ސުޕަ މެޖޯރިޓީ އިއްޔެގެ އިންތިހާބުގައި ލިބުމުން، ރައްޔިތުންގެ އިތުބާރު ޔަގީންވެ، ބާރު ދުވެލީގައި ދެން ތަރައްގީ ގެނެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމު ކޮށްފައިވާ ވަގުތީ ނަތީޖާ ދައްކާ ގޮތުން ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީން ވަނީ އާ މަޖިލިހުގެ 66 ގޮނޑި ކާމިޔާބު ކޮށްފަ އެވެ. ސަރުކާރަށް ތާއީދު ކުރާ މެންބަރުންނާ އެކު، އާ މަޖިލީހުގެ ތެރެއިން ލިބޭ ގޮނޑީގެ އަދަދު 74 އަކަށް އަރަ އެވެ.

މިއީ ޕީއެންސީ އަށް ލިބުނު ތާރީހީ، ބޮޑު ކާމިޔާބީ އެކެވެ.

އެ ބޮޑު ކާމިޔާބީއާ ގުޅިގެން ސައީދު ވިދާޅުވީ، މެނިފެސްޓޯގައި ހުރި އިގްތިސާދީ މުހިއްމު މަސައްކަތްތައް ކުރަން އާ މަޖިލީހުގެ އެހީތެރިކަން ލިބި، އެކަންކަން ފުއްދުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބޭނެ ކަމަށެވެ. އޭނާ ވިދާޅުވީ، އެންމެ ބޮޑު އިސްކަމެއް ދެއްވާނީ މެނިފެސްޓޯ ހަގީގަތަކަށް ހެދުމަށް ކަމަށެވެ.

"އޭގެ ނަތީޖާއަކަށް ވާނީ އިރާދަކުރެއްވިޔާ ވަރަށް ބާރު ސްޕީޑުގައި ތަރައްގީގެ ދުވެލި ހާސިލުކުރެވުން. އަދި ގައުމަށް ބޮޑެތި ފައިދާތައް އެކަމުން ކޮށް، ތަރައްގީގެ އާ ޒަމާނެއް ހުރިހާ ރައްޔިތުން ކުރިއަށް ވަޑައިގަތުން،" ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ސަރުކާރަށް މަޖިލީހުން ލިބުނު ސާފު އަޣުލަބިއްޔަތާ އެކު، ތަރައްގީ ގެންނަން ބޭނުންވާ ބަދަލުތައް މަޖިލީހުގެ ތެރެއިން ވެސް ގެންނާނެ އެވެ.

ރާއްޖޭގެ މިނިވަންކަމާއި އިގުތިސާދާއި އަމިއްލަވަންތަކަން ސަލާމަތްކުރަން މަޖިލީހުގެ އިންތިހާބު ސަރުކާރަށް ކާމިޔާބު ކޮށްދޭން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް އޮތީ ގޮވައިލައްވައިފަ އެވެ.

ކުރިއަށް އޮތް 20 ވަނަ މަޖިލިހުގެ ސާފު އަޣުލަބިއްޔަތު ރައީސް މުއިއްޒަށާއި ޕީއެންސީ އަށް ލިބުނުއިރު، އިދިކޮޅު އެމްޑީޕީ އަށް ހޯދުނީ އެންމެ 12 ގޮނޑި އެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން ތާއީދު ކުރެއްވި އެންމެ ކެންޑިޑޭޓަކު ވެސް އިއްޔެ އިންތިހާބުގައި ނުހޮވެ އެވެ.