Roadha Mihaaru
ކައިވެނީގެ ނަމުގައި ރޭޕްކުރުމުން ހައްޔަރުކޮށްފި

ކައިވެނީގެ ނަމުގައި ކުއްޖަކު ރޭޕްކޮށް ބަލިވެ އިން މައްސަލައެއްގައި ޝަރީއަތް ނިމެންދެން ބަންދަށް

05 ޖުލައި 2020

ކޯޓުން ބޭރުގައި ޝަރުއީ އުސޫލުތަކާ ހިލާފަށް ކުޑަކުއްޖަކާ "ކައިވެނިކޮށް" އެ ކުއްޖާ ރޭޕްކުރި މައްސަލައިގައި މިދިޔަ ހުކުރު ދުވަހު މީހަކު ހައްޔަރުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކޯޓުން ބޭރުގައި ޝަރުއީ އުސޫލުތަކާ ހިލާފަށް ކުޑަކުއްޖަކާ "ކައިވެނިކޮށް" އެ ކުއްޖާ ރޭޕްކުރި މައްސަލައިގައި މިދިޔަ ހުކުރު ދުވަހު މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ ވެބްސައިޓުގައި މިއަދު ބުނެފައިވާ ގޮތުގައި 17 އަހަރުގެ ކުއްޖަކާ "ކައިވެނިކޮށް" އެ ކުއްޖާ ބަލިވެ އިން މައްސަލައާ ގުޅިގެން ކުއްޖާއާ މެދު ޖިންސީ ގޯނާކޮށް ކުއްޖާ ރޭޕްކޮށްފައިވާ ކަމުގެ ތުހުމަތުގައި ހއ. ފިއްލަދޫ، ޝޭޑޯޒް، އަހުމަދު އައްތަފު، 23، ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން މ. މުލި ކޯޓަށް ގެންދިއުމުން ވަނީ ޝަރީއަތުން ގޮތެއް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްފަ އެވެ.

ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓީ ޝަރުއީ އުސޫލުތަކާ ހިލާފަށް ކޯޓުން ބޭރުގައި، 18 އަހަރުނުވާ ކުއްޖަކާ ކައިވެނިކޮށް، ޖިންސީ ގޯނާކުރުމުގެ ސަބަބުން ކުއްޖާ ބަލިވެއިން މައްސަލައަކަށް ވާތީ އޭނާ ދޫކޮށްލައިފި ނަމަ ހެކިބަސް ދޭން ތިބި މީހުންނަށް ނުފޫޒު ފޯރުވައި ހެކި ނައްތާލައިފާނެ ކަމަށް ބެލެވޭތީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކަ އެވެ.

އެ މައްސަލައިގެ ތަހުގީގު ފުރިހަމަކޮށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުންޏެވެ.

ޗައިލްޑް އެކްސްޕްލޮއިޓޭޝަންގެ އިތުރުން ކުޑަކުދިން އެބިއުސް ކުރުމުގެ މައްސަލަތައް އިތުރުވަމުންދާތީ މައިންބަފައިންނާއި ބެލެނިވެރިން މިހާރަށް ބޮޑަށް ސަމާލުވުމަށް އިލްތިމާސްކޮށްފައިވެ އެވެ.

މިދިޔަ ހަފުތާގައި ވެސް، އޯޓިސްޓިކް ކުއްޖަކު ރޭޕްކޮށް ބަނޑުބޮޑުވި މައްސަލައިގައި އެ ކުއްޖާގެ ޅިޔަނު ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްފައި އެވެ. އޭގެ ފަހުން، އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކޮށް، ބްލެކްމެއިލްކޮށް، ޖިންސީ ގޯނާގެ ތުހުމަތުގައި ވެސް އިއްޔެ މީހަކު ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްފައި ވެ އެވެ.